
ކޮރޯނާ ވައިރަހާ ގުޅިގެން މިފަދަ އެލާޓްތަކެއް ނެރެމުން އަންނައިރު މި އެލާޓްތަކުގެ މާނައަކީ ކޮބައިކަން ގިނަ ބަޔަކަށް ސާފެއް ނުވެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނާ ގޮތުގައި ރާއްޖެއިން މި ބަލި ނުފެންނައިރު ރާއްޖެ އޮތީ ވައިޓް އެލާޓްގަ އެވެ.
ނަމަވެސް މިހާރު ޔެލޯ އެލާޓްގައި ރާއްޖެ އޮތީ ބޭރު ގައުމަކުން ރާއްޖެއަށް މި ބަލި ޖެހިފައިވާ މީހަކު އައުމުންނެވެ. އެގޮތުން މުޅި ރާއްޖެއަށް ރޭގެ ވަގުތެއްގައި މި އެލާޓް ނެރެފައި ވަނީ ކުރެއްދޫ އައިލެންޑަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީގެ ފަތުރުވެރިއަކު ގައުމަށް އެނބުރި ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވާތީ އެވެ.
އެހެންކަމުން ޔެލޯ އެލާޓްގައި އޮންނައިރު ބަލި ފެނުނު ތަނުގައި ބަލި މީހާގެ ކޮންޓެކްޓުންނާއި އިތުރު މީހުން ސްކްރީންކޮށް ބަލިހުރިކަން ދެނެގަތުމާއި ހޯމް އައިސޮލޭޝަންގައި ބޭތިއްބުމާއި ބަލި މީހާ ފެންނަ ސަރަހައްދު ކަރަންޓީންކޮށް ބެލެހެއްޓުން ހިމެނެ އެވެ.
އަދި އާންމުން ހޭލުންތެރިކުރުމާއި ބަލީގެ ހާލަތުގެ މައުލޫމާތު ހާމަކުރުމުގެ އިތުރުން ބަލި މީހުންނާއި އެފަދަ އާއިލާތަކަށް ހިތްވަރު ދިނުމާއި ނަފްސާނީ އެހީތެރިކަން ދިނުން ވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އޭގެ އިތުރުން، ކުރެއްދޫ އައިލެންޑް މިވަގުތު އޮރެންޖް އެލާޓްގައި އޮތްއިރު މި އެލާޓުގެ މާނައަކީ އެތަނުން ބަޔަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމެވެ. އަދި މި އެލާޓް ނެރޭ ހާލަތްތަކުގައި މުޅި ރަށަށް އަރައި ފޭބުން މަނާކޮށް ވައިރަހަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުން ކަރަންޓީން ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ، ރެޑް އެލާޓް ނެރޭނީ ގައިން ގަޔަށް އަރާ ހިސާބަށް ރާއްޖޭގެ ހާލު ގޮސްފިނަމަ ކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމަލު ކުރަން ޖެހޭ ގޮތް ވެސް އާންމު ކުރަމުން ދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.