ads
މަނަދޫ ކައުންސިލުގެ ރައީސް އަބްދުއްރަހްމާން ސޮބީހު
ނައީމާގެ މަރު: މަނަދޫގެ ރައްޔިތުން ބޮޑު ޝޮކެއްގައި
ރާއްޖޭގެ އެހެން ރަށް ރަށެކޭ އެއްގޮތަށް މި ރޯދަމަހުގެ ދުވަސްތައް މަނަދޫގެ ރައްޔިތުންވެސް ގުނަމުން އައީ ޒަމާނާ ގެތިގެން ހިފެހެއްޓުމެއް ނެތި އަންނަމުންދާ ބަދަލުތަކާ އެކުވެސް، ވޭތުވެދިޔަ އަހަރުތަކުގައި އެބައިމީހުން ހިފަހައްޓަމުން އައި އާންމު އުޅުންތަކާއި ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކާ ނުލައެވެ. ދިރިއުޅުމަށްޓަކައި އެމީހަކު ކުރަމުން އަންނަ މަސައްކަތުގެ އިތުރުން އަޅުކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ރޯދަ މަހުގެ ރޭދުވާ ހޭދަކުރަމުން ދިއަދިއުން މުޅިން ބަދަލުކޮށްލީ ފުރަތަމަ ފަނަރަ ނިމި ދެވަނަ ފަނަރައިގެ ދެވަނަ ރޭ ފަށައި މާގިނަ އިރެއް ނުވަނީހެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޯދަ ވީއްލުމުގައި ރަށުގެ ރައްޔިތުން އަވަދިނެތި އުޅެނިކޮށް އޭގެ އެންމެ ހަލުވި ދުވެލީގައި ރަށުތެރެއަށް މޮޅީގެ ސާލެއްގެ ސިފައިގައި ފެތުރިގެން އައި ހަބަރަކީ ރަށުގެ އާއްމު ހާލަތު ހިނދުކޮޅެއްގެ ތެރޭގައި ފުށުން ޖަހުވާލި ހަބަރަކަށްވިއެވެ. ރަށުގެ މާގިނަ ބަޔަކާ ގުޅުމެއް ނެތި އެކަހެރި ދިރިއުޅުމެއް އުޅެމުން އައި ނައީމާ މޫސާ، އޭނާއަށް އަންނާރުމާގެއިން ލިބިފައިވާ ބައިގައި ހަދާފައިވާ އިމާރާތުގެ ކޮޓަރިއެއްގެ ތެރޭގައި ނިޔާވެފައި އޮތްވާ ފެނުނު ހަބަރެވެ. އެ ހަބަރާ ވިދިގެން ދެން އިވެން ފެށި އަޑުތަކާއި އެކި ގޮތްގޮތަށް ތުންތުންމަތިން ފެތުރެން ފެށި ވާހަކަތަކަކީ މަނަދޫގައި ދިރިއުޅެމުން އައި އަދި ރަށަށް ނިސްބަތްވާ އެއްވެސް މީހަކަށް އަހަން އެއްވެސް ވަރަކަށް ފަސޭހަވި ވާހަކަތަކަކަށް ނުވިއެވެ.

ލޯބިވާ އާއިލާ އާއި ލިބިފައިވި މަދު ހެޔޮއެދޭ އެކުވެރިންނާއި އަވަށްޓެރިން ދޫކޮށް ނައީމާ ވަކިވެގެން ދިޔައީ ގުދުރަތީ މަރަކުން ނޫންކަމެވެ. މި ފަނާވަނިވި ދުނިޔެ އާ އަލްވަދާއު ކިޔަން ޖެހުނީ ރަހުމެއް ނެތް އަނިޔާވެރިއެއްގެ ލާއިންސާނީ އަމަލުތަކެއްގެ ޝިކާރައަކަށް ވެގެން ކަމެވެ.

ނައީމާގެ މަރަށް 87 ގަޑިއިރަށް ވުރެ ގިނައިރުވެގެން ދިޔައިރު، ރަށުގެ ރައްޔިތުން އެބައިމީހުން މި ވީހާތަނަށް އުޅެމުން އައި އާންމު ދިރިއުޅުމުގެ ހާލަތަށް އެނބުރި ރުޖޫއަވުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެ މީހުންގެ ކިބައިން ފެންނަނީ ހިތްނުތަނަވަސްކަމެވެ. ކަންބޮޑުވުމެވެ. މާޔޫސްކަމެވެ.

ހިނގާދިޔަ މި ހިތާމަވެރި ހާދިސާ އާ ގުޅިގެން ރަށުގެ ހާލަތާ ގުޅޭގޮތުން މަނަދޫ ކައުންސިލުގެ ރައީސް އަބްދުއްރަހްމާން ސޮބީހު "ސީއެންއެމް" އަށް ވިދާޅުވީ ރަށުގެ ރައްޔިތުން ޖުމްލަގޮތެއްގައި ތިބީ ވަރަށް ބޮޑު ޝޮކެއްގައި ކަމަށެވެ. ހިނގާދިޔަ ހާދިސާއަކީ މަނަދޫގެ ދިގު ތާރީހުގައި ހިނގާފައި ނުވާ ވަރުގެ ވަރަށް ބޮޑު، ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށް ސޮބީހު ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝޮކެކޭ މި ދަންނަވަނީ، ހަގީގަތުގައި ވަރަށް އަމާންއޮމާންކޮށް އޮތް މުޖުތަމައެއް އަޅުގަނޑުމެންގެ މުޖުތަމައަކީ އިނގޭތޯ. ވަރަށް އަމާންއޮމާންކޮށް އޮތް މުޖުތަމައެއް އަޅުގަނޑުމެންގެ މުޖުތަމައަކީ. މި މުޖުތަމައުގެ ތެރޭގައި އަޅުގަނޑުމެން އުންމީދެއް ނުކުރަން. އެއްވެސް މީހަކު ހަމަ އިމޭޖިން، އުންމީދެއް ނުކުރާނެ މިވަރުގެ ކަމެއް ހިނގައިދާނެ ކަމަކަށް،" - މަނަދޫ ކައުންސިލުގެ ރައީސް

ސޮބީހު ވިދާޅުވި ގޮތުގައި ކުއްލިއަކަށް މިވަރުގެ ބިރުވެރި، އަނިޔާވެރި ހާދިސާއެއް ހިނގައިދިޔައީމަ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ފާހަގަކުރެއްވޭ ކަމުގައެވެ. ރަށުގެ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ސިހުމުގެ އިތުރުން ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތްކަން ހާމަކުރައްވާ ސޮބީހު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ގިނަ ފަރާތްތަކެއްގެ ސުވާލަކަށްވެފައިވަނީ ހިނގާދިޔަ ހާދިސާއަކީ ކީއްވެގެން ހިނގާދިޔަ ހާދިސާއެއްތޯ ކުރެވޭ ސުވާލު ކަމަށެވެ. 

ސޮބީހު ވިދާޅުވީ އެވަރުގެ ކަމެއް ވާން ދިމާވި މަގުސަދަކީ ކޮބައިތޯ އާއި އެވަރުގެ ކަމެއް ކުރާނީ ކާކުތޯ ފަދަ ސުވާލުތައް ރަށުގެ ރައްޔިތުން ކުރަމުންދާ ކަމަށެވެ. ވި ވަގުތު ތަހުގީގު މަރުހަލާ ހިންގަމުންދާތީވެ، މާގިނަ ތަފުސީލުތަކެއް ލިބިފައި ނުވާ ކަމަށް ސޮބީހު ވިދާޅުވިއެވެ.

މަނަދޫ ކައުންސިލުގެ ރައީސްއެކޭ އެއްފަދައިން ރަށުގެ ހުރިހާ ރައްޔިތުންގެވެސް އެދުމަކީ އަދި ކެތްތެރިކަމާއި އެކު ކުރަމުންދާ އުންމީދަކީ ގިނަ ދުވަސްތަކެއް ހޭދަވެ، ދިގުލައިގެންދާ ތަހުގީގުތަކާއި އެކި މަރުހަލާތަކުގެ ތެރޭގައި ތާށިވެ ނެތިގޮސްފައިވާ މައްސަލަތަކުގެ ތެރެއަށް މި މައްސަލަ އިތުރުނުވެ، ވީ އެންމެ އަވަހަކަށް އެބައިމީހުންގެ ހިތްތަކަށް ތަސައްލީއެއް ލިބިގެން ދިއުމެވެ. ކުށްތަކަށް އަރައިގަނެ، ކުށްތަކުގެ ކަސްތޮޅަކުން ބަނދެވިފައިވާ ރަށެއްގެ ގޮތުގައި ސިފަކުރާ ރަށަކަށްވުމަށް ވުރެ، އެކި ބާވަތުގެ ކުށްތަކުން މުޅިންހެން މިންޖުވެފައިވާ ރަށެއްގެ ގޮތުގައި މާއިހުއްސުރެ މި ރަށުން ދަމަހައްޓަމުން އައި ނަމޫނާ މިސާލަށް ސިއްކަ ޖެހޭ ހާދިސާއަކަށް ހިނގާދިޔަ ހާދިސާ ނުވެ، މިވަގުތު ކުދި ބޮޑު އެންމެން ތަހައްމަލު ކުރަމުންދާ ޝޮކުން އަރައިގަނެވޭނެ ކުރު މަގެއް ފެނިގެން ދިއުމެވެ.

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް