ރަށުން ބޭރުގައި އިންޓަމިލާން ބެންފީކާ އަތުން މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިނީ ނިކޮލާ ބަރެއްލާއެވެ. ދެވަނަ ލަނޑު މެޗުގެ ފަހުކޮޅުގައި ޖެހީ ލިބުނު ޕެނަލްޓީ އަކުން ރޮމެލޫ ލުކާކޫއެވެ.
މި ނަތީޖާއާއެކު އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ނުކުންނައިރު އިންޓަމިލާނަށް މިވަނީ ބޮޑު އެޑްވާންޓޭޖެއް ލިބިފައެވެ. އަންނަ ހަފްތާގައި ދެވަނަ ލެގު ކުޅޭއިރު ބެންފީކާއަށް އޮތް ފުރުސަތަކީ ތިން ލަނޑަށްވުރެ ބޮޑު ތަފާތަކުން އިންޓަ މިލާން ބަލިކުރުމެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި މެންޗެސްޓާ ސިޓީންވަނީ ބޮޑު ތަފާތަކުން ބަޔާން މިއުނިކް ބަލިކޮށްފައެވެ. ބަޔާންގެ މައްޗަށް ސިޓީން ރޭ ކުރި ހޯދީ ތިން ލަނޑު ސުން ލަނޑުންނެވެ.