ads
އަލިރަސްގެފާނު ޒިޔާރަތުގެ އާބާތުރަފިލުވާ ބެލެހެއްޓުމަށް ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒާ އެކު އެމްޑަބްލިޔުއެސްސީން ފަހުމުނާމާއެއްގައި ސޮއިކުރުން - ފޮޓޯ:އެމްޑަބްލިޔުއެސްސީ
އެމްޑަބްލިޔުއެސްސީން އަލިރަސްގެފާނު ޒިޔާރަތުގެ އާބާތުރަފިލުވާ ބަލަހައްޓަނީ
އަލިރަސްގެފާނު ޒިޔާރަތުގެ އާބާތުރަފިލުވާ ބެލެހެއްޓުމަށް ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒާ އެކު މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، މިއަދު އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ފަހުމުނާމާގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އެ މަރުކަޒުގެ އިސްވެރިޔާ އަދި ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މި ރަސްމިއްޔާތުގައި އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާއި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ އިތުރުން އެމްޑަބްލިޔުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި ފަހުމުނާމާގެ ދަށުން އަލިރަސްގެފާނު ޒިޔާރަތުގެ އާބާތުރަ ފިލުވައި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ޒިޔާރަތުގެ ފާރުތަކާއި ގޭޓުގައި ކުލަ އާއި ދަވާދުލައި ދިދަ ދަނޑި މަރާމާތުކޮށް ސަވައިލަންސް ކެމެރާ ހަރުކޮށް އަދި އެ ތަން ޒީނަތްތެރިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ މި މަސައްކަތްތަކަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު ގެ ހާއްސަ ލަފަ އާއި އިރުޝާދާ އެކު، އެމްޑަބްލިޔުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޑަބްލިޔުއެސްސީން ބުނެފައިވަނީ އަލި ރަސްގެފާނު ޒިޔާރަތް ފަދަ ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކަ ފެންނަށް ހުރި ބިނާތައް، ރަނގަޅު ގޮތެއްގައި ބެލެހެއްޓުމަކީ އިހުގެ ސަގާފަތް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި އާސާރީ ތަރިކަ ހިމާޔަތް ކުރުމާއި އެ ތަންތަން ރަނގަޅު ގޮތުގައި ބެލެހެއްޓުމުގެ މިފަދަ ފުރުސަތެއް، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފަހިކޮށްދެވުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމުގައެވެ. މިއީ މުޖުތަމައަށް އޭގެ މަންފާ އާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއް ކަމުގައި ދެކޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖުތަމައުގެ ކުރިއެރުމާއި ލާބަ އަދި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް