ads
މިލާން - ނަޕޯލީ މެޗުގެ ތެރެއިން
ނަޕޯލީ ބަލިކޮށް މިލާނުން ސެމީގެ އުއްމީދުގައި
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ނަޕޯލީ އަތުން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލުގެ އުއްމީދު އޭސީ މިލާނުން ބޮޑުކޮށްފިއެވެ.

ނަޕޯލީއާ އޭސީ މިލާންގެ މެޗުން މިލާން މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މާނައަކީ އަންނަ ހަފްތާގައި ކުޅޭ ދެވަނަ ލެގުގައި މެޗު އެއްވަރުކޮށްލައިގެންވެސް މިލާނަށް ސެމީގެ ފުރުސަތު ލިބުމެވެ. ނަޕޯލީއަށް އޮތް ގޮތަކީ ދެ ލަނޑުގެ ތަފާތުން މިލާން ބަލިކުރުމެވެ. މިލާނުން ވަނީ މީގެ 10 ދުވަސް ކުރިން އިޓާލިއަން ލީގުގައި ނަޕޯލީ ދަނޑުގައި އެ ޓީމު އަތުން 4-0 އިން މޮޅުވެފަ އެވެ.

ސެންސީރޯގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި މިލާނުން ޖެހި ލަނޑު ފުރަތަމަ ހާފުގެ ފަހުކޮޅު ޖެހީ އަލްޖީރިއާގެ މިޑްފީލްޑަރު، އިސްމާއިލް ބެނަސޭރު އެވެ.

ޗެމްޕިއަންސް ލީގުގައި ނަޕޯލީއަށް ބުދަ ދުވަހުގެ ރޭ ނާކާމިޔާބީއާ ކުރިމަތިވީ ނަމަވެސް އިޓާލިއަން ލީގުގައި ނަޕޯލީ އުޅެނީ އެހެން ޓީމަކަށް އަތުވާ ވަރަށްވުރެ ކުރީގައެވެ. ނަޕޯލީން މަސައްކަތް ކުރަމުން އަންނަނީ 33 އަހަރު ތެރޭ ފުރަތަަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށެވެ. ނަޕޯލީން އެންމެ ފަހުން 1990 ވަނަ އަހަރު ލީގު ތަށި އުފުލާލިއިރު، އެ ޓީމުގެ ތަރި އަކީ ޑިއޭގޯ މަރަޑޯނާ އެވެ. އިޓާލިއަން ލީގުގެ އެއްވަނައިގަ ނަޕޯލީ އޮތީ 19 ޕޮއިންޓުގެ ފަރަގަކާއެކުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް