ފެން ފޯރުކޮށްދިނުމަށް ބޭނުން ކުރަމުން އައި ޕްލާންޓަށް ޖެހުނު މައްސަލައަކާ ގުޅިގެން ފެން ފޯރުކޮށްދިނުމުގައި ކުރިމަތިވި ގޮންޖެހުންތަކާ އެކު މަނަދޫއަށް ފެނުގެ ދަތިކަމާ ކުރިމަތިލާންވެސް ޖެހުނެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) މަނަދޫ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރު، ހުސެއިން ނަޒީދު "ސީއެންއެމް" އަށް ވިދާޅުވީ ފެން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ބޭނުން ކުރަމުން އައި ޕްލާންޓަށް ޖެހުނު މައްސަލަ މިއަދު މެންދުރުފަހު ވަނީ ހައްލުކޮށްފައި ކަމަށާއި މިހާރު ފެނުގެ ހިދުމަތް ލިބެމުންދާނެ ކަމަށެެވެ.
ރަށުގެ އާބާދީގެ 90 އިންސައްތަ މީހުން ފެން ޕްލާންޓުން ދޫކުރާ ފެނުގެ ބޭނުން ކުރާ ކަމަށް ނަޒީދު ވިދާޅުވިއެވެ. ނަޒީދު ވިދާޅުވި ގޮތުގައި ރަށުގެ އާބާދީ އާއި ރަށުގައި ދިރިއުޅެމުންދާ އެހެނިހެން ފަރާތްތަކާ އެކު ޖުމްލަ 3،000 އަށްވުރެ ގިނަ މީހުން މަނަދޫގައި ދިރިއުޅެމުންދާ ކަމަށާއި އެވަރުގެ އާބާދީއަކަށް ފެން ދޫކުރުމަށް ބޭނުންވާވަރުގެ ކެޕޭސިޓީއެއް އެ ޕްލާންޓުގައި ނެތް ކަމުގައެވެ.
ޕްލާންޓް މެދުވެރިކޮށް ފެން އުފެއްދޭ މިންވަރު ދަށްވުމާ އެކު ފެން ދޫކުރުމަށް ހަަމަޖެހިފައިވަނީ ދެ ގަޑިއެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށަށް ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ:
- ހެނދުނު 06:00 އިން ފެށިގެން 09:00 އަށް
- މެންދުރުފަހު 02:00 އިން ފެށިގެން ރޭގަނޑު 09:00 ޖަހަންދެން
ނަޒީދު ވަނީ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ޕްލާންޓުގެ މުވައްޒަފުންނާއި ހެޔޮއެދޭ ފަރާތްތަކުން ކުރި މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.