ads
އުމުރަށް ތިޔަ ނަމުގާ
އުމުރަށް ތިޔަ ނަމުގާ
ނުވަ ވަނަ ބައި

މަންމަ ދިއުމުން ޑްރެސިންޓޭބަލް ކުރިމަތީގައި ހުއްޓެލައިފިއެވެ. އެއާކޯންގެ ފިނިކަން ހަށިގަނޑާއި ހަމައަށް ފޯރަންފެށީ ނުހަނު އަވަހަށެވެ. އަމިއްލަ ހަށިގަނޑު ވަރަށް ރަގަޅަށް ބަލައިލަން ޔަނާލް ބޭނުންވީއެވެ. ބޮލުގެ އިސްތަށިގަނޑުން ފެށިގެން ކަކުލުން ތިރިއާއި ހަމައަށް ޔަނާލް ބަލައިލިއެވެ. ދެފަހަރު އެހަރަކާތް ތަކުރާރުކުރުމުންވެސް އެކަން ނުނިމުނެވެ.  ކުޑަވެސް އުނިކަމެއް ޔަނާލްއަށް ފާހަގަނުވީއެވެ. އުނުގައި އޮތް ތުވާލިވެސް ފައިދޮށަށް ވައްޓާލިއެވެ. ސިފަވަމުންދިޔައީ ގުގުރީގެ ބާރުއަޑާއެކު ނިމާ ނުހަނު ބާރަށް ބައްދާލި ގޮތެވެ. ވިދުވަރުގެ އަލިކަމުގެ ތެރެއިން ސާފު ރީތި ދެލޮލުގެ ވިދުން ޔަނާލްގެ ހިއްސުތަކުގައި ހުޅުރޯކުރި ގޮތެވެ. މައުސޫމު އަންހެއްކުއްޖާގެ މޫނު، ޔަނާލްގެ މޭގައި ފޮރުވާލިގޮތެވެ. އެއާއެކު ޔަނާލްގެ ހަށިގަނޑަށް ގެނުވި ބަދަލްތަކެވެ. ނިމާގެ އެހަށިގަނޑުގެ އަރާމުކަމާއި އިސްތަށިގަނޑުގެ ފަށުވިކަމެވެ. ޔަނާލްގެ އިސްކޮޅާއި ބަލާފައި ނިމާއަކީ ކުރު އަންހެންކުއްޖެކޭ ބުނެވިދާނެއެވެ. އެހައިލޯބިން މޭގައި މޫނު ފޮރުވައިލެވުނީ އެސަބަބަށްޓަކައެވެ. އެރޭގެ ކޮންމެ މަންޒަރެއް، ކޮންމެ ހަރަކާތެއް ޔަނާލްގެ ކުރިމަތީގައި އޭނާގެ ސިކުނޑިންނެރެ، ނިއުޅުވާލިއެވެ. މަންޒަރު ސާފުކޮށްލިއެވެ.

ހިނިތުންވުމެއް ފެނިލީ ނިމާގެ ލޯބި، ހިތުގައި ވިންދުޖަހާލީތީއެވެ.   ދެއަތުގެ ހަރަކާތް އެރޭ ބަދަލުވެގެން ދިޔަގޮތް ޔަނާލްއަށް ސާފުކޮށް ލޯގަނޑުން ފެންނަމުންދިޔައެވެ. ކޮންމެ ބީހިލުމެއް އިޙްސާސްވިއެވެ. ކޮންމެ ހަރަކާތެއް ސިކުނޑީގައިވަނީ ރައްކާކޮށްފައެވެ. ޔަނާލްގެ ކުށެއް އޭނާގެ ރާޑަރުން ފެނޭތޯ އަތްފުނާއަޅަނީއެވެ. ނަމަވެސް މަންޒަރު އެކުގައި ނިމުނުއިރުވެސް ޔަނާލްގެ ކުށެއް މިފަހަރަކު ނުފެނުނެވެ.

ފުރަތަމަ ބީހިލުމަކީވެސް ނިމާގެ އިސްނެގުމެކެވެ. ގައިގޯޅިވުމަކީވެސް ނިމާގެ ހަރަކާތަކުން ގެނުވި އިޙްސާސެކެވެ. ނުދާންވީ މިސްރާބަށް ޔަނާލް ދަތުރުކުރުވަން، އަތުގައި ހިފީވެސް ނިމާއެވެ. ކުރަހާލާފައިވި ރޮނގު ހުރަސްކުރަން ބޭނުންވީވެސް ނިމާއެވެ.  އެފަދަ ރީތި އަދާތަކެއްގެ އަންހެންކުއްޖަކު ދުވަހަކުވެސް ހިތުގައި ކޫރުމެއް އަޅުވާލާފައި ނެތް، ޔަނާލްއަށް މުޅި ދުނިޔެ ލިބުނުފަދައެވެ. ދެކޮޅުހަދާން ބޭނުމެއްވެސް ނުވިއެވެ. ހެވެއް، ނުބައެއް އޮޅުމެއް ނުފިލައެވެ. ދެވުނު އެންމެ ފުނަކަށް ފީނައި، ލޯބީގެ ކަނޑުގައި ޣަރަގުވެ ނިމުނީއެވެ. ބޭނުންވީ، ތޫނު ފިނިކަމުން މިންޖުވެވޭނެ އަރާމު ހޫނެކެވެ. ކިތަންމެ ރަގަޅަކަށްވެސް އެކަން ޙާޞިލްވިއެވެ.

ދެލޯ މަރާލަމުން ޔަނާލް ކަނދުރާ ހަރަކާތްކޮށްލުވައިފިއެވެ. ހަށިގަނޑުން ލިބުނުޖާގައިގެ ފުޅާމިނަށް ދެއަތް ހުޅުވާލިއެވެ. ރިހުމެއްނެތް ކަށިކޮޅެއް ނެތްކަން ޔަގީންކުރެވުނެވެ. ހަށިފުރާ ނޭވާއެއްލާފައި ދެލޯ ހުޅުވާލިއެވެ. މުޅިންއާ ވިދުވަރެއް އަމިއްލަ ލޮލުން ޔަނާލްއަށް ފެނިގެންދިޔަ ވަގުތު މުޅިގައިން ހީބިހި ހިލުވާލިއެވެ. ޝެނީން ބުނިގޮތުން، ޔަނާލްއާއި ބައްދަލުކުރުމަށް ނިމާ ގިނަ މަސައްކަތްތަކެއްކުރިއެވެ. ޚަބަރެއްނުވެ، ޔަނާލް ފިލީކަމަށް ޝެނީން ބުންޏެވެ. އެކަމުގެ ހަގީގަތް އޮޅުންފިލުވަން ޔަނާލް ބޭނުންވިޔަސް އެކަންވާނީ، ނިމާއާއި ބައްދަލުވީ ދުވަހަކުންނެވެ.

މޫނުމަތީގެ ކުލަވަރު ބަދަލުވީ ލޯގަނޑަށް ބަލައިލެވުމުންނެވެ. ހިތައް ގެންނާން ބޭނުންނުވި މީހެއްގެ ނަން ހަންދާންވީއެވެ. މުސްޠޮފާބެގެ ނަން ޔަނާލްގެ ހުވަފެނެއްގައިވެސް ފެންނާން މިހާރަކު ބޭނުމެއްނޫނެވެ. 

***

"މާމާ.. ބައްޕައަށް ކޮންމެވެސްކަމެއް ވެގެންއުޅޭހެން ހީވަނީ.. ބައްޕައަކީ ފެންވަރަށް އެހައި ގިނައިރުވާ މީހެއްނޫން.. މާމަ ގޮވިފަހުންވެސް މިހާރު ކޮން އިރެއް؟ ކާފަ ނުކައި އިންނާނެކަންވެސް ބައްޕައަށް އިނގޭނެ" ޔަނާލްގެ އިންތިޒާރުގައި މާގިނައިރު އިންނާން ޖެހުމުން މުސްކާންގެ ޝަކުވާތައް ފުނިޖެހެން ފަށައިފިއެވެ. 

"ދަރިފުޅާ ބައްޕައާއި ދެކުދިން އެކުގައި ހޭދަކުރާ ވަގުތު މިހާރު މާބޮޑަށްވެސް މަދުވަނީ.. އެހެންވެ، މިހެން މިދިމާވަނީ.." ހިތްހަމަނުޖެހިފައިވެސް މުރުޝިދާއަށް ބުނެވުނީ ތެދެކެވެ. އެކަމާމެދު ވިސްނާލަން މުސްކާން ބޭނުންވިއެވެ. މާމައާއި ދެބަސްވެވޭނެ ޖާގައެއް ނެތެވެ. 

****

"ޔަނާލްއަށް ނުގުޅިގެން މަސައްކަތް ކުރިއަށްނުގެންދެވިފައި މިއިންނަނީ.. ހިތައް އަރަނީ ދެން އަހަންނަށް ފެންނަ ގޮތަކަށް މި ޕްރޮޖެކްޓްގެ ކަންކަން ނިންމާލަންވީއޭ" ފޯނުން ޝަރީފް ވާހަކަދެއްނީ ޝެނީންއާއެވެ. ގަޑިޔަކީ އޮފީސްވަގުތުކަމަށްވިޔަސް ޝަރީފް ބޭނުންވީ ޝެނީންގެ ގާތަށް ދާށެވެ. މަސައްކަތެއް ނުކޮށް، ގިނަވަގުތު މިއަދު ހޭދަކުރަނީވެސް ފޯނުގައެވެ. 

"ގުޅާލަބަލަ.. ނުގުޅެންޏާއި ގެއަށް ގޮސްގެންވެސް ޚަބަރެއް ބަލާލަބަލަ.. ވާނުވާ ބަލަންވެއްޖެނުން މިހާރު" ލޯބިވެރިޔާ ބުނިބުނުމަށް ޝެނީންއަށް ޖަވާބުދެވުނީ މާބޮޑަށް އަވަސްއަރުވާލާފައެވެ.

ހަގީގަތުގައި ޝަރީފުގެ އެފަދަ ބުނުމަކަށް، ޝެނީން އިންތިޒާރުކުރާތާ ކިތަންމެ ދުވަހެއްވީއެވެ. ޔަނާލްގެ ފޯނު ނިވާލީ ޝެނީންއާއި ވާހަކަދެއްކުމަށްފަހުގައެވެ. ލިބޭ ކޮންމެ ވަގުތެއްގައި ޝަރީފުއަށް ސިއްރުން ޔަނާލްއަށް އޭނާ ގުޅައެވެ. ފޯނު އޮންކުރޭތޯ ބެލުމަށެވެ. ޔަނާލްގެ ޚަބަރެއް ޝެނީން އިސްވެ، އަހަން ނުކެރުނީއެވެ.

"ހާދަހައި ހާސްވީ؟ އަހަރެންގެ ޚަބަރެއް ނުވިޔަސް ތިހައި ކަންބޮޑުވެ، ހާސްވާނެތަ؟" ހަސަދަވެރި ލޯބިވެރިޔަކު ބުނެލާގޮތަށް ޝަރީފު ބުންޏެވެ. ހަމަޖެހިލުމަށް ޝެނީން މަސައްކަތްކުރިއެވެ. 

"ޝައްކުތަ؟ ތިއީ އަހަރެންގެ ލޯބިވާ.. ލޯބިވާގެ ކޮންމެ ކަންބޮޑުވުމަކީ އަހަރެންގެ ކަންބޮޑުވުމެއް.. ދެން އަނެއްކާ، މިހާރު ކިތައްދުވަހު ތިވާހަކަ ތިދެއްކީ؟ އެހެންވީމައި މިބުނެވުނީ ޔަނާލްގެ ޚަބަރެއް ބަލައިލާށޭ.. ދެންވެސް އެ ގެއަށް ދޭބަލަ!" އޮޅުވާލަން މަސައްކަތްކުރީ ޝަރީފު އެކަމާބެހޭގޮތުން އިތުރަށް އެއްޗެއް އަހައިފާނެތީއެވެ. 

*** 

ވަރަށްގިނަ ވާހަކަތައް ދެކެވުނު ވަގުތެކެވެ. ސުފުރާމަތީގައި އާއިލީ ވާހަކަތައް ދެއްކުމަކީ މުރުޝިދާ ބާރުއަޅާކަމެކެވެ. އެފަދަ ވާހަކަތައް އާންމުކޮށް ފަށާނީވެސް މުރުޝިދާއެވެ. ނަމަވެސް މިއަދު އެކަންކުރީ މުސްކާންއެވެ. 

"ބައްޕަގެ ދަތުރުގައި މިފަހަރު ކަންތައް ތިކުރިގޮތުން ވަރަށް ދެރަވި.. މީޓީންގއަކަށް ގޮސްފައި ދަތުރު ތިހައި ދިގުވާންޖެހޭ ސަބަބެއް މުސްކާންއަށް ނުވިސްނުނު.. ބައްޕައަކީ ނިދަމުންވެސް ފޯނު ނިއްވާލާމީހެއްނޫން.. އެކަމަކު، ރިސޯޓުގައި ތިން ދުވަސްވަންދެން ފޯނު ގެންގުޅެފައި ދެން ޖެހިގެން އައިދުވަސްތަކުގައި ފޯނު ނިއްވާލާފައި ބާއްވާނީ ސަބަބެއް އޮތީމަ..! އަބަދު އޮފީހުން ގުޅާނެ! އެކަން ޔަގީން.. އެހެންވިއްޔާ، ފޯނު ނިވޭނީ ތިންދުވަސް ފަހުންނެއް ނޫން.. އެ ތިންދުވަހުގެތެރޭގައި ޗާޖުކުރިގޮތަކަށް ފަހުންވެސް ކުރެވުނީސް" ދެރަވެލާފައި މުސްކާން ވާހަކަދެއްކިއެވެ.

ދަރިފުޅުގެ ކުރިމަތީގައި އިސްޖަހާލަން ޖެހުނީ ޔަނާލްއަށެވެ. ތެދެކެވެ. ޗާޖަރު އޮތެވެ. އެ ތިންދުވަހުވެސް ގިނަވަގުތު ފޯނު އޮތީ ޗާޖަށް ޖަހައިފައެވެ. 

ހަމަހިމޭންކަމުގެ ވަގުތުގައި ޒަމީލްއަށް ބަލައިލެވުނީ މުރުޝިދާގެ މޫނަށެވެ. 

"ހަޔާތުގައި އެންމެ އުނދަގޫވި ވަގުތުގައިވެސް ޔަނާލްއަކީ އެއްވެސްކަމެއް މައިންފަބައިންނަށް ސިއްރުނުކުރި، ހިތްވަރުގަދަ ދަރިއެއް.. ބައްޕަ ޔަނާލްއަށް އިތުބާރުކުރަން!" ވަރަށް މަދުންނޫނީ އެއްވެސް ކަމަކަށް ޒަމީލް ގޮތްނުކިޔާނެއެވެ. 

ކޮންމެހެން ބުނަންޖެހޭ އެއްޗެއްނޫނީ ނުވެސް ބުނާނެއެވެ. އެހެންނަމަވެސް ދަރީންނަށް ލޯބިދިނުމުގައި އެއީ ލާމަސީލު ބައްޕައެކެވެ. ކާފަގެ ޖުމުލައާއެކު ސުވާލުގެ ނަޒަރަކުން ބަލައިލީ މުސްކާންއެވެ. 

"އެންމެ އުނދަގޫވި ވަގުތަކީ ކޮބައިތަ ކާފާ؟" ނުތަނަވަސްކަމާއެކު އެދަރިފުޅު އަހައިލިއެވެ. 

"އެންމެ އުނދަގޫވި ވަގުތަކީ، ދަރިފުޅުގެ ބައްޕަގެ އެންމެ ޒުވާންދުވަސްވަރު ކުޑަކުޑަ ދަރިފުޅެއް ބަލަންޖެހުން.. އެދަރިފުޅުގެ ފުރިހަމަ ޒިންމާ، މަންމައަކާއި ނުލައި އުފުލާންޖެހުން.." ތުންފަތް ހަރަކާތްކުރިއެވެ. ޒަމީލްގެ ދޫ ހަރަކާތެއް ނުކުރިއެވެ. ހިތާއި ސިކުނޑީގައިވެސް ލިޔެވުނީ އެކައްޗެކެވެ. ނަމަވެސް މުސްކާންއަށް އަޑުއިވޭވަރަށް އެ ލަފްޒުތައް ބޭރެއް ނުވިއެވެ. ދެލޯ ރަތްވެގެން ދިޔަ މަންޒަރު މުސްކާން ފާހަގަކުރިއެވެ.

"އެއީ ބައްޕަގެ އަތަށް ދަރިފުޅު ލިބުނު ވަގުތު.. މަންމައަކާނުލާ، ދަރިފުޅު ބަލަންޖެހުނުވަގުތު" އުލާއި ސަމްސާ، ތަށީތެރޭގައި ބާއްވަމުން ޔަނާލް ބުންޏެވެ.

އެވާހަކައަކީ މުސްކާން ވަރަށް ބޮޑަށް އޮޅުންފިލުވާން ބޭނުންވެފައިވާ ވާހަކައެކެވެ. ސްކޫލުގައި ކުދިން އެކަމާއިގުޅޭގޮތުން މުސްކާންއަށް ހަނގާކުރަމުންދާއިރުވެސް ރައްދުގައި އެއްޗެއް ނުބުނެވެނީ، ހަގީގަތް ވަޅުޖެހިފައި އޮތަތީއެވެ. 

"އޭރު މަންމަ އުޅެނީ މާލޭގައިތަ؟" އާދައިގެ ގޮތަކަށް މުސްކާން އަހައިލިއެވެ. 

"އޭރު މަންމަ އުޅެނީ މާލޭގައިނަމަ، ހުރިތާކުން ހޯދައިގެން ގެނެސް ބައްޕަގެ މީހަކަށް ހެދީމުސް.. އެންމެ ހިނދުކޮޅަކަށްވެސް ބައްޕައާއި ދަރިފުޅާއި ދުރުގައި މަންމަ ނުބަހައްޓާނަން.. ޝީ އިޒް މައި ކްއީން! އެކަމަކު ބައްޕަ .. މަންމަ، ނުވެސްދެކެން.. އެންމެ ފަހަރަކުވެސް ދެކިލުމުގެ ހުއްދަ ނުލިބުނު.. ހަމަ އެންމެފަހަރަކުވެސް.." ޔަނާލްއަށް ރޮވުނީއެވެ.

ހަގީގަތުގައިވެސް ޔަނާލްއެވަނީ އިންތިހާއަށް ނިމާ، ބޭނުންވެފައެވެ.  ޔަނާލްގެ ބުނެލުމާއެކު ކާމޭޒުމައްޗަށް ހަމަހިމޭންކަން ވެރިވިއެވެ. އެފަދަ ވަގުތެއްގައި އެ ޞަފްޙާތައް ހުޅުވާލާނެކަމަށް ގަބޫލުކުރެވުނު އެކަކުވެސް މޭޒުކައިރީގައި ނެތެވެ. 

"ކީކޭ ބައްޕާ؟ މަންމައަކީ ބައްޕަގެ މީހެއްނޫންތަ؟" ސުވާލުން ފުރިގެންވީ ބަލައިލުމަކުން ބައްޕައަށް ބަލައިލަމުން މުސްކާން ސުވާލުކުރިއެވެ. ފެންކަޅިވެފައި ދެ ލޯ ކަރުނުން ފުރުނެވެ. 

"އާން.. ނުލިބުނު! އިންސާނަކަށްއެދި، އިންސާނަކު ދުވަހަކުވެސް އެވަރަށް އާދޭސްނުކުރާނެ.. ދަރިފުޅުގެ ކާފަގެ ދެފައިބުޑަށް ވެއްޓި، ސަލާމްޖެހީން.. އެވަރުންވެސް ލޮލުން ދެކިލުމަށްވެސް ހުއްދަނުދީން.. ހުދުފޮތިކޮޅެއްގައި އޮޅާލާފައި އޮތް، ލޯބިލޯބި ފުންގަނޑެއް ބައްޕައާއި ހަވާލުކުރުމަށް އައީ ނަފުރަތުގެ ލޮލުން އަލިފާން ކަނޑަމުން.. ބައްޕަގެ މި އުރުގައި ދަރިފުޅު ބޮނޑިކޮށްލުމުގެ ކުރީން ދަރިފުޅު އުރާލީވެސް މާމަ.. ދަރިފުޅުގެ މަންމައަށްވުރެން ބޮޑަށް މިދުނިޔޭގައި ބައްޕަ ބޭނުންވި އެހެން އެކަށްޗެއްވެސް ނެތް.. އެކަމަކު ނުލިބުނު! މަންމަގެ ހުރިހައި ހަނދާނެއް ގުޅިފައިވަނީ ބައްޕަގެ ލޯބިވާ ތި ދަރިފުޅާ.. މަންމައާއި ބައްޕަގެ ލޯބީގެ ނިޝާނަކީ ތިއީ!" ހިތްދަތި ރުއިމަކުން ޔަނާލް ރޯލިއެވެ. ރަތްވެފައިވާ ދެލޮލުން މުސްކާން ބަލައިލީ މުރުޝިދާއަށެވެ. 

"ބައްޕައާއި މަންމަ މިގޭގައި އުޅުމަށް މާމަމެން ހުރަސްއެޅީތަ؟" މުސްކާންގެ ސިކުނޑިއަށް އެވަގުތު ވިސްނުނު ސުވާލުކޮށްލިއެވެ.

"ނޫން ދަރިފުޅާ.. ނޫން.. މިބުނީ ދަރިފުޅުގެ މަންމަފަރާތު ކާފަގެ ވާހަކަ! ދަރިފުޅަކީ.. ދަރިފުޅަކީ.. އޭރު ބައްޕައަކަށް ނޭގެ..  މަންމަ ދަރިފުޅަށް.. ބަނޑުބޮޑުކަމެއް! " ބުނެވެން އޮތްވަރަށް ޔަނާލް ބުންޏެވެ.  

"ޑިވޯޒްޑްތަ؟" މަޑުމަޑުން މުސްކާން ސުވާލުކޮށްލިއެވެ. ޖެހިލުންވެފައިހުރިކަން އެދަރިފުޅުގެ ހަރަކާތުން ފާޅުކޮށް ފެނެއެވެ. 

"ނޫން.. ދަރިފުޅާ! މަންމައާއި ބައްޕަގެ ނަސީބުގައި އެ އުފާވެރިކަން ލައްވާފައި ނެތީކަންނޭގެ!" ޔަނާލް ބުނެލިއެވެ.

މުސްކާންގެ ދެލޯބޮޑުވެގެންދިޔައެވެ. ބައްޕަގެ އަޑުއިވުނީ ރަގަޅަށް ނޫންހެން ހީވެގެން ދެވަނަ ފަހަރަށްވެސް އެއަޑުއިވުނު ދިމާއަށް ބަލައިލެވުނެވެ. 

މުރުޝިދާއަށްވެސް ޒަމީލްއަށްވެސް ބަލައިލެވުނީ އެކަކުއަނެކެއްގެ މޫނަށެވެ. މުރުޝިދާގެ ދެއަތް މުއްކަވާލެވުނީ، އުއްމީދު ނުކުރި ވަގުތެއްގައި ޔަނާލް ހަޔާތުން އެންމެ އަނދިރި ސަފްޙާ ހުޅުވާލީތީއެވެ. މުސްކާންއަށް ވެދާނެގޮތަކާއިމެދު އެދެމަފިރިން ކަންބޮޑުވެ ހާސްވެއްޖެއެވެ.  އެއަޑު އަހަން މުސްކާން ތައްޔާރެއް ނޫނެވެ. އެކަން މުރުޝިދާއަށް ޔަގީނެވެ.

ދެތުންފަތް ތުރުތުރުއަޅުވާލާފައި ބައްޕަ ރޯލިއަޑު މުސްކާންގެ ހިނދުރީން ދުވަހަކުވެސް ފިލާނުދާނެކަން ޔަގީނެވެ. ޔަނާލްގެ ގިސްލުމުގެ އަޑު ގޭގެ ކޮންމެ ދިމާއެއްގައި ހަރުލައްވާލައިފިއެވެ. އެތައް ދުވަހެއްވަންދެން ފޮރުވައިގެން އުޅުނު އިހުސާސްތައް ފަޅައިގެން ދިޔައީއެވެ. ހިތްދަތިކަމުގައި  ސިއްރު ކަރުނައިން ދުވަސްތަކާއި ރޭތައް ވެއަތުކުރިއެވެ. ނަމަވެސް، ކެތްތެރިކަން ކޮޅުންލައިފިއެވެ. ހިތާމަތައް އޭގެ ތޮށިގަނޑު ފަޅާލާފައި މިނިވަންވީއެވެ.

އިޒުނައެއް ނެތި ކަރުނަތައް އޮހޮރެނީއެވެ. ޔަނާލް ހުއްޓުވާނެ ބާރެއް އޭނާގެ މައިންބަފައިންގެ ކިބައިގައި ނެތެވެ. މުސްކާންގެ ހަރަކާތް ހުއްޓިއްޖެއެވެ. އެދަރިފުޅުގެ ދުލުން އެންމެ ލަފްޒެއްވެސް ބޭރު ނުކުރިއެވެ. ދެ ލޮލުން ކަރުނައެއް ނުހުއްޓުނެވެ. ފެންކަޅިވެ އިސްޖަހައިލުން ނޫން ގޮތެއް ޒަމީލްގެ ދެމަފިރިންނަށް މިވަގުތު އެބައޮތް ހެއްޔެވެ؟ ދުނިޔޭގައިހުރީ އެންމެ ދަރިއެކެވެ. ބަސްއަހައި ފިރިހެންދަރިއެކެވެ. އެދަރިފުޅުގެ ނަސީބާއިމެދު ފަޚުރުވެރިވާންވީކަމެއް، ނުވަތަ ހިތާމަކޮށް ރޯންވީކަމެއް ނިންމާނެ ބާރެއްވެސް އެމީހުންގެ ކިބައިގައިނެތެވެ.  މުޅިއުމުރު އެ ހޭދަކޮށްލަނީ ލޯތްބަކަށް ހިތްދަތި އިންތިޒާރެއްގައެވެ. އެމަންޒަރު ދުށުމަށް މަޔަކަށް ނުވަތަ ބަފަޔަކަށް ކެތްވާނެ ހެއްޔެވެ؟ 

މަޑުމަޑު ކޯތާފަތުގައި ކަރުނަތައް ދެމިގަތެވެ. އެސްފިޔަތައް ތިރިކޮށްލާން ހަނދާން ނެތުނީ، ފެންނަމުންދިޔަ މަންޒަރުގެ ފުރިހަމަކަމަކުން ނޫނެވެ. ރީތި ކަޅިރަވަ ތެމިފައިވިޔަސް، ހިތުގެ ވިންދު ކިތަންމެ ލަސްވެފައިވިޔަސް، މުސްކާންގެ ކެތްތެރިކަން ސާބިތުކޮށްދީފިއެވެ. ދެލޮލުގެ ކަރުނަ ނުހިފެހެއްޓެއެވެ. ނަމަވެސް ނުރުހުމުގެ ބެލުމަކުން މުސްކާން ބަލައިނުލިއެވެ. ސަތާރަ އަހަރުވަންދެން ކަޝްފުވެފައި އެއޮތީ ކޮންފަދަ ވަރުގަދަ ސިއްރެއް ހެއްޔެވެ؟ މުސްކާންގެ ހުރިހައި އުއްމީދެއް ފުނޑުފުނޑުވެ، ލަތުވެތިކަމުން އިސްޖަހާލަން މަޖުބޫރުކުރުވި، ހުތުރުނަމެއް ކަނދުރާގައި އޮޅިއްޖެއެވެ. މުޖުޠަމައުގައި މުސްކާން ފާހަގަކުރާނެ ގޮތަކާއިމެދުގައި ކަންބޮޑުވެއްޖެއެވެ.

***

ފިރިމީހާ ގެއަށް ނިދަން ނައުން އާންމުކަމަކަށްވުމާއެކު ނިޝާނާއަށްވެސް އެކަން ބޮޑުވާންފެށިއެވެ. ދަރިންގެ ޒިންމާތައް އަދާކުރަން އޭނާއަށް ވަރަށް އުނދަގުލެވެ. ސްކޫލަށް ނުގެންދެވޭ ދުވަސްތައް އާދަޔާޚިލާފަށް މިހާރަކަށްއައިސް ގިނަވެއްޖެއެވެ. ޒާރާ ކިޔެވުމާއި ދުރުވެފައިވިޔަސް، ސްކޫލަށް ނުގެންދާތީ އާލާ ސުވާލުކުރަން ފަށައިފިއެވެ. ބައްޕަ ނިދާން ނާންނާތީވެސް ސުވާލުކުރާލެއް މަދެއްނޫނެވެ. 

"މަންމާ.. ކޮއްކޮއާއި އެއްކޮށް ނިދާލަން ބައްޕަ ގެއަށް އަންނާނީ ކޮން ދުވަހަކުންތަ؟" އަތުގައި އޮތް ކުޑަ ކަޕްކޭކެއް ފުނޑުކޮށް، ސޯފާމައްޗަށް އަޅަމުން އާލާ ވާހަކަދެއްކިއެވެ. ޖަވާބުދިނުން ނިޝާނާއަށް މުހިއްމެއް ނުވިއެވެ. ވިސްނާލެވުނީ އަޑުއިވުނު އެއްޗެއްގައި އޮއްޓަރެއްހުރިތޯ ނުވަތަ ނޫންތޯއެވެ. ތެދެކެވެ. ޝަރީފު ގެއަށް އައުން މަދުވެއްޖެއެވެ. ކުދިން ދެކިނުލާ ތިންހަތަރުގަޑީރު ކެތްނުވާ ބައްޕަގެ އެސިފަ މުޅިން ނެތިއްޖެއެވެ. ނިޝާނާއަށް ސަބަބު މުހިއްމެއް ނޫނެވެ. ކަންތައްކުރަންވީގޮތެއް ވިސްނާލުމަށް،  ވަގުތުކޮޅެއް ބޭނުންވިއެވެ. 

"އެއްކުއްޖަކުވެސް މަންމައަށް އުނދަގޫ ނުކުރާތި.. ކާއެއްޗެހި އެހުރީ ގެނެސްފައި.. ބަނޑުހައިވީމައި ކައިގެންތިބޭތި" ޒާރާއަށް ބަލައިލަމުން ނިޝާނާ ބުނެލިއެވެ. ދިހަ އަހަރުގެ ޒާރާގެ ކޮނޑުގައި ކޮއްކޮގެ ޒިންމާ އެޅުނުތާ ކިތަންމެ ދުވަހެކެވެ.

- ނުނިމޭ -

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް