މާޓިނޭޒްއަށް އަނިޔާވީ ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މާޓިނޭޒްއަށް އަނިޔާވުމުން އޭނާ އުރާލައިގެން ދަނޑުން ބޭލީ ސެވިއްޔާއަށް ކުޅޭ އާޖެންޓީނާގެ ކުޅުންތެރިންނެވެ.
މާޓިނޭޒްއަށް ލިބުނު އަނިޔާއާ ގުޅިގެން ހެދި ޓެސްޓްތަކުން އެނގުނު ގޮތުގައި އޭނާގެ ފައިތިލައިގައިވަނީ ރެނދެއްލާފައެވެ. އަދި ފަރުވާއަށް ފަހު މި ސީޒަންގައި ދެން އޭނާއަށް ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފައެވެ.
ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި މާޓިނޭޒްއަށް އަނިޔާވީ މެޗުގެ ފަހުކޮޅުއެވެ. ބަދަލުތައް ހަމަވެފައިވުމުން މާޓިނޭޒް ބޭލުމަށް ފަހު ޔުނައިޓެޑުން ބުރާސްފަތި ދުވަހުގެ ރޭ މެޗު ފުރިހަމަ ކުރީވެސް އެއް ކުޅުންތެރިއަކު މަދުކޮށެވެ.
އަނިޔާގެ ސަބަބުން ޔުނައިޓެޑުގެ ޑިފެންޑަރު މާޓިނޭޒްއަށް ސީޒަން ނިމުން އިރު، މާޓިނޭޒްއާއެކު ޔުނައިޓެޑުގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކުރާ ފްރާންސްގެ ރަފެއަލް ވަރާންއަށްވެސްވަނީ އަނިޔާވެފައެވެ. އަދި އަނިޔާގެ ސަބަބުން އެއްވަނަ ފޯވާޑު ރަޝްފޯޑުވެސް އެންމެ ފަހުން ކުޅުނު މެޗުގައި ނުކުޅެއެވެ.