ads
އުމުރަށް ތިޔަ ނަމުގާ
އުމުރަށް ތިޔަ ނަމުގާ
ދިހަ ވަނަ ބައި

ބައްޕަގެ ދުލުން ބޭރުވި  ޖުމުލައިގެ ހިތްދަތިކަން މުސްކާންގެ ހިތުގެ ކޮންމެ ނާރަކަށް ތަދުކޮށްލައިފިއެވެ. ވިހަގަދަ ޒަހަރެއްގެ އަސަރު ހިތައް ކުރިޔަސް، އެވަރު ވޭން ނާޅާނެއެވެ. މުސްކާންގެ ދެލޯ ހުޅުވިފައިވިޔަސް، ކަޅުކަމާއި އަނދިރިކަން ނޫނީ އެދަރިފުޅަށް ނުފެނެއެވެ. 

"މާމާ..! ހިތްދަތިކަމުގެ ކަރުނަ ހުންނަނީވެސް ކަޅުކުލައިގަތަ؟" ގިސްލަމުން ސުވާލުކޮށްލިއެވެ. 

ކަރުނައިގެތެރެއިންވެސް އެއަޑު ވަރަށް ލޯތްބެވެ. މައުސޫމުކަމުން ހިތްތައް މޯޅިކޮށްލުމުގެ ބާރު އެއަޑުގައި ވެއެވެ. ކިތަންމެ މަޑުމަޑުން މުސްކާންގެ ޖުމުލަ ބުނެލިޔަސް، އެއަޑު ސާފުވިއެވެ. ބުނިއެއްޗެއްވެސް މުރުޝިދާއަށް އޮޅުންފިލިއެވެ. އެސުވާލު ކުރިމަތިވީ ކީއްވެކަންވެސް މުރުޝިދާއަށް އެނގެއެވެ. ޖަވާބުދޭކަށް ފަސޭހައެއްނޫނެވެ. ނަމަވެސް ދޫ ހަރަކާތްކޮށްފިއެވެ.

"ނޫން.. ނޫން މާމަ ދޫންޏާ.. ހިތާމައިގެ ކަރުނަ ކަޅުކުލައިގައި ހުންނަންޏާއި އުފާވެރިކަން ފާޅުވާންޖެހޭނީ ހުދުކުލައިން.. އެކަމަކު ކަރުނައިގައި އެފަދަ ސިފައެއް އެކުލެވިގެންނުވަނީ، އެއީ ތަފާތު އިހުސާސުގެ ތެރެއިންވެސް ކަރުނައަކީ އިންސާނާއަށް ލުއިކަން ގެނެސްދޭ ފަރުވާއަކަށްވާތީ.. ކަރުނައިގައި ކުލައެއްލެއްވިނަމަ، ހިތްވަރުގަދަ މީހުން ފަޟީހަތްވެ، އެމީހުންގެ ހިތްވަރާއިމެދު ސުވާލު އުފައްދާނެޖާގަ އޮތީސް.. ކަރުނައަކީ ބަރު، އަދި ލުއިވެސް އެއްޗެއް.. އެއީ ހިތި އަދި ފޮނިވެސް އެއްޗެއް..  މާމަގެ ހިތްވަރުގަދަ ދަރިފުޅާ! ހިތް އެދޭ ވަގުތު ރޯލާ! އެއީ އުފަލުންވިޔަސް، ނުވަތަ ވޭނާއި އާހުގެ އުދާސްތަކުންވިޔަސް.. ތަސައްލީއެއް ލިބި ސިކުނޑިއަށް ލުއިލިބޭނީ ބޭނުންވާ ވަގުތު ރޯލީމައި" ދަރިފުޅު ގެނެސް މުރުޝިދާގެ އަތުތެރޭގައި ބޮނޑިކޮށްލިއެވެ.

މުރުޝިދާއަށް ރޮވުނީ މުސްކާންގެ ކަރުނައިގެ ސަބަބުންކަމެއް ނުވަތަ ޔަނާލްގެ ގިސްލުމުގެ ހިތްދަތި އަސަރުންކަމެއް ނޭގެއެވެ. ދަރިން ރޯއަޑުއަހާކަން މުރުޝިދާއަށް ކެތެއްނުވެއެވެ. ނަމަވެސް އެއީ އަންނާނެ ވަގުތެއްކަން އޭނާއަށް އެގެއެވެ. ގޭތެރޭގައި ދިރުމެއް ނެތްފަދައެވެ. ހިމޭންކަމާއި ފަޅުކަމެވެ.

***

ނިޝާނާގެ ސިކުނޑި ހަލަބޮލިވެއްޖެއެވެ. ޒުވާބުކުރާންޖެހުނަސް، ޝަކުވާކުރާންޖެހުނަސް ފިރިމީހާއަށް ފޯނުކުރަން ބޭނުމެވެ. ރަސްމީގަޑީގައި އެފަދަ ގޮތަކަށް ނުގުޅުމަށް ނިޝާނާއަށް ޝަރީފުވަނީ އަންގާފައެވެ. ފޯނު ހިފައިގެން އިރުކޮޅަކު އިނދެފައި ގުޅާލިއެވެ. ފޯނު އޮތީ ނިވާލާފައެވެ. ދެފަހަރު ތިން ފަހަރުވެސް ގުޅިއެވެ. އަޑުއިވެނީ އެއް މެސެޖެކެވެ. ރުޅިގަދަވެ، ނިޝާނާގެ ލޭ ހޫނުވާންފެށުމުން އޮފީސް ނަންބަރަށް ގުޅިއެވެ. ފޯނު ނެގީ ފިރިހެން ކުއްޖެކެވެ. ޝަރީފުއާބެހޭގޮތުން ނިޝާނާ އޮޅުންފިލުވާން ބޭނުންވި ގިނަ ސުވާލުތަކެއް ކުރިއެވެ. ޖަވާބުވެސް ލިބުނެވެ. އަޑުއަހަން ފަސޭހައެއް ނުވިއެވެ. ރުޅިގަދަވުމުން ފޯނު ބޭއްވީ، ވާހަކަދެއްކި ކުއްޖާއަށް އެރުޅި ބާލައިލެވިދާނެކަމުގެ ބިރަށެވެ. 

***

ދުނިޔެ ދައްކާ މިސާލުންނަމަ، ބައްޕަދެކެ އިންތިހާއަށް ރުޅިއައުން މިވަގުތު މުސްކާންގެ މައްޗަށް ހައްޤެވެ. ޔަނާލްއަށް އެވަރުގެ ހިއްދަތިކަމެއް އެލިބުނީވެސް އެކަން ހިތައްއަރާލެއް ބޮޑުކަމުންނެވެ. ހަޔާތުގެ އެންމެ އާރޯ ދުވަސްތައް އެކަނިވެރިކަމުގައި ހޭދަކުރީ ލޯބިވާ ދަރިފުޅަށްޓަކައެވެ. ހިތްހަމަ ނުޖެހުމުގެ އެންމެ ލަފުޒެއްވެސް އެދަރިފުޅުގެ ކިބައިން އަޑުއިވުމަށް ޔަނާލްއަށް ކެތްނުވާނެއެވެ.

"ބައްޕައަށް މަޢާފުކުރޭ ބައްޕަގެ ދަރިފުޅާ.. ބައްޕައަށް މަޢާފުކުރޭ.. ބައްޕަކުރި ކުށުގެ އަދަބު ލިބިގަތުމުންވެސް، މިކަމުގެ ވޭނުން ބައްޕައަށް ދަރިފުޅު މިންޖެއް ނުކުރެވުނު" ދެއަތް ޖޯޑުކޮށްލާފައި ޔަނާލް ބުނަން ފެށިއެވެ.

އިސްއުފުލާ ބަލާލަން ނުކެރުނީ އަމިއްލަ ނަފުސު މާބޮޑަށް ކުއްވެރި ކުރެވުނީތީއެވެ. މުސްކާންއާއި ހަތަރުކަޅި ހަމަކުރާން ޔަނާލްއަށް ކެތެއް  ނުކުރެވޭނެއެވެ. ކުރެވުނު ބޮޑު ފާފައިގެ ހިތި މިވަރުގެ ވޭންދެނިވިގޮތަކަށް ލިބިދާނެކަމަށް ޔަނާލްއަށް އިޙްސާސްކޮށްލެވުނުނަމަ، އެރޭގެ އެ ވަގުތުކޮޅަށް ހުރަސްއަޅާނެ މީހަކީވެސް ޔަނާލްއެވެ. ނަމަވެސް ނިމާގެ އެންމެ ހަރަކާތަކަށްވެސް ނޫނެކޭ ބުނުމުގެ ހިތްވަރެއް އެރޭ ޔަނާލްއަށް ނުލިބުނެވެ. 

މުރުޝިދާގެ ރުއިން ހުއްޓުވޭތޯ ޒަމީލް އުޅުނެވެ. މުސްކާންއަށް މިވަގުތު އެންމެ މުހިއްމުވާނީ މުރުޝިދާގެ އެހީކަން ޒަމީލްއަށް އެނގެއެވެ. އެކަން ވިސްނައިދެވޭތޯ ޒަމީލް މަސައްކަތްކުރިއެވެ.

ލޮލުން އޮހޮރުނު ކަރުނައާއެކު މުސްކާން އެ ތެދުވީ އެހެންމީހެއްގެ އިޝާރާތަކަށް ބެލުމެއްނެތިއެވެ. ބައްޕަގެ ޖުމުލަ އެދަރިފުޅަށް އަޑުއިވިއްޖެއެވެ. ހިމޭންކަމާއި ހިތްދަތިކަމުން އެދަރިފުޅު ފުނޑުފުނޑު ވެއްޖެކަން މުރުޝިދާއަށް ޔަގީނެވެ. މޭޒުގައި މޫނުޖަހައިގެން އޮވެ، ޔަނާލް ރޮމުންއެދަނީ ހިތްދަތި އަސަރަކާއެކުއެވެ. ޒަމީލްއާއި މުރުޝިދާއަށް ބަލައިލެވުނީ މުސްކާންއަށެވެ. ޔަނާލްއާއި އަރާހަމަވެފައި މުސްކާން ހުއްޓުނީ،  ދާދި ގާތުގައެވެ. ދެއަތުން ކޯތާފަތް ފޮހެލުމަށްފަހު، މުސްކާންގެ ހަށިގަނޑު ސީދާކޮށްލިއެވެ. މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ކަންފަތްކައިރިއަށް ޖަހާލިއެވެ. ބައްޕަގެ ބުރަކަށީގައި އެދަރިފުޅު ފިރުމާލީ އިންތިހައި ލޯބިންނެވެ. ތަކުރާރުކޮށް ކަރުނަތައް ފޮހެލާފައި ހިންދިރުވާލިއެވެ. ހަމަޖެހިލުމަށް މަސައްކަތްކުރީއެވެ.

"އައި ލަވް ޔޫ ބައްޕާ!" މުސްކާން ބުނެލީ ބައްޕަގެ ކަންފަތްދޮށަށް ގުދުވެލާފައެވެ. ބައްޕަގެ ބޮލުގައިވެސް އެދަރިފުޅު ފިރުމާލިއެވެ. ނުހަނު ލޯތްބާއި އިޙްތިރާމާއެކުއެވެ. ގިސްލުމުގެ އަޑު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތްކުރަމުން ޔަނާލް އިސްއުފުލާލިއެވެ. ދެއަތް ޖޯޑްކޮށްލީ މަޢާފަށް އެދިކަން މުސްކާން ޔަގީންކުރިއެވެ. 

"މާޒީއަކީ ބަދަލުކުރެވޭނެ އެއްޗެއްނަމަ، ބައްޕަގެ ހިތްދަތި ޞަފްޙާތައް އަލުން ޢިބާރާތްކޮށްދޭނެ މީހަކީ އަޅުގަނޑު! އަޅުގަނޑުގެ މަންމައަށް ގަސްތުގައި ދެރައެއް ބައްޕަ ނުދޭނަކަން ޔަގީން.. ބައްޕައަށްވުރެން އަޅުގަނޑު އިތުބާރުކުރާ އެއްވެސް އިންސާނަކު މި އުޑުދަށުގައި ނުހުންނާނެ.. ބައްޕަދެކެ ވަރަށް ލޯބިވޭ" އިންތިހާ ލޯބިން ފުރިގެންވީ ބުނެލުމެކެވެ.

ގޮނޑި ފަހަތައް ޖައްސާލާފައި ޔަނާލް ތެދުވެ، އޭނާގެ ދެއަތުގެތެރޭގައި ދަރިފުޅު ބޮންޑިކޮށްލިއެވެ. ޝުކުރުން ހިތް ފުރިއްޖެއެވެ. ލޭނާރުތަކަށް ބާރުލިބި، ހަށިގަނޑަށް ދިރުން ލިބިއްޖެއެވެ. ދަރިފުޅުގެ އިސްތަށިގަނޑުގައި އެތައް ފަހަރަކު ބޮސްދިނެވެ.

ކަރުނައެއް ވައްޓާނުލުމަށް އެންމެ ހިތްވަރުކުރީ ޒަމީލްއެވެ. ޔަނާލްގެ ދެބަފައިންގެ ލޯބިން ކާފަގެ ދެލޯވެސް ފުރާލިއެވެ. ޒަމީލްއަށް ޖެހުނީ މުރުޝިދާ ހަމަޔަކަށް އެޅުވުމާއިގެން މަސައްކަތްކުރާށެވެ. 

ޝުކުރުވެރިވަމުން ދަރިފުޅުގެ ނިއްކުރީގައި ޔަނާލް ބޮސްދިނެވެ. ފަޚުރުވެރި ބައްޕައެއްގެ ފަޚުރުވެރި ދަރިއެކެވެ. ކައިވެނީންބޭރުން ލިބިފައިވާ ކުދިންނާއިމެދު މުޖުޠަމައުގައިކުރާ ތަފާތަކީ ޔަނާލްއަށްވެސް ގޮންޖެހުމެކެވެ. ނަމަވެސް، ހިނދުކޮޅެއްގެކުރީން ސާބިތުވެގެން އެދިޔައީ އެކަމަށްޓަކައި ޔަނާލް ބިރުގަންނާންޖެހޭ ސަބަބެއް ނެތްކަމެވެ. 

"މުސްކާންގެ މުޅިއުމުރު ހޭދަކޮށްލާނީ ބައްޕައަށް ބައްޕަގެ ދުނިޔެ ހޯދައިދިނުމަށް.. ބައްޕަ ނުރޮއެ! ޕްލީޒް!" ބައްޕަގެ ލޮލުން ކަރުނަ ފޮހެދެމުން މުސްކާން ބުނެލިއެވެ. އަމިއްލަ ހިތުގައި އަޅަމުންދިޔަ ވޭނާއިމެދު ޝަކުވާއެއްނެތެވެ. ބައްޕަގެ ލޮލުން ހިތާމައިގެ ކަރުނަ ދުށުމަކީ މުސްކާންއަށް ފަސޭހަކަމެއް ނޫނެވެ. 

"ދަރިފުޅާ.. ދަރިފުޅުގެ މަންމަ މިދުނިޔޭގައި ހުރިކަމަށްވަންޏާއި، ދަރިފުޅާއި ހަމައަށް މަންމަ ގެނެސްދޭނަން! ބައްޕަގެ މި ވަޢުދުގައި ހިފަހައްޓާ.." މުސްކާންގެ ހިތައް ލިބުނު ޒަޚަމުގެ ވޭން އެތައްގުނައަކަށް ލުއިވެގެން ދިޔައެވެ. ބައްޕައަކީ ވަޢުދެއްވެއްޖެނަމަ، ދުވަހަކުވެސް އެވަޢުދެއް އުވާނުލާގެ މީހެއްކަން މުސްކާން ޔަގީންކުރެއެވެ. 

މަޢާފަށްއެދި ދެވަނަ ފަހަރަށްވެސް ޔަނާލް އަތް އުފުލާލިއެވެ. ބައްޕަގެ އަތް މިފަހަރު ތިރިކުރުވީވެސް މުސްކާންއެވެ. 

" ތަޙްޒީބު މުޖުޠަމައުތަކުގައި އަޅުގަނޑުފަދަ ކުދިންނަށް، އެހެންކުދިންނެކޭވެސް އެއްފަދައިން ދިރިއުޅުމަށް ހުރަހެއް ނޯވޭ.. އަޅުގަނޑު ކުށެއް ނުކުރަން.. ބައްޕަކުރި ކުށުގެ އަދަބު ބައްޕަ ލިބިގެންފި.. މުޅި އުމުރަށް ނަފުސު ކުއްވެރިކޮށްގެން އުޅޭނީ ކިހިނެއް؟" އަމިއްލަ ނަފުސަށް މުޚާތަބުކޮށް މުސްކާން ސުވާލުކޮށްލިއެވެ. ދެބަފައިންގެ ވާހަކައަށް ޖާގަދެމުން، މާމައާއި ކާފަ، އެތަނުން ހިގައްޖެކަން މުސްކާންއަށް އެނގުނީ  ދޮރެއް ލެއްޕި އަޑު އިވުމުންނެވެ. 

***

ނިމާގެ ހަޔާތުން ޝެނީންއަށް އެނގުނު ހުރިހައި އެއްޗެއް ޔަނާލްއަށް ބުނެދޭން އޭނާ ބޭނުމެވެ. ޝަރީފުގެ ސަބަބުން ވަގުތު ނުލިބުނީމައި ނުބުނެވިހުރި ބައެއް ވާހަކަތައް ޝެނީން އެދަނީ ލިޔަމުންނެވެ. އޮންލައިން ވީ އިރަކުން ޔަނާލްއަށް ފެންނާނެތާއެވެ. މިވަގުތު ޝެނީންގެ ބޭނުމަކީ ހުރިހައި ހަގީގަތެއް ޔަނާލްއަށް ކިޔައިދިނުމެވެ. ޔަނާލްގެ ކުށެއް ނެތްކަން ޝެނީންވެސް މިހާރު ގަބޫލުކުރެއެވެ. ނިމާ ހުރިތަނަކުން އޭނާ ގެނެވޭނެ ހަމައެކަނި މީހަކީ ޔަނާލްކަން ޝެނީންއަށް ގަބޫލުކުރެވުނީއެވެ.  އުނގުމަތީގައި ލެޕްޓޮޕް ބައިންދައިގެން ލިޔަމުންގެންދިޔައީ އެހެންހުރިހައި ކަމަކުން ސިކުނޑި މިންޖުކޮށްގެން އިނދެއެވެ. 

***

"މަންމައާއިބެހޭގޮތުން ބައްޕައަށް އެނގެނީ ކޯންޗެއް؟" ބައްޕައަށްއައި ބަދަލު ދަރިފުޅަށް އެނގުނުކަން ޔަނާލްއަށް ޔަގީންވިއެވެ. މުސްކާންގެ ސުވާލުގައި ބާރެއްވިއެވެ. 

"ދުވަހަކުވެސް މަންމަފަރާތުން ބައްޕައަށް އެނގިފައި ނެތް ކިތަންމެ އެއްޗެއް" ހިންދިރުވާލާފައި ޔަނާލް ބުންޏެވެ. ޖަވާބާއެކު ޔަނާލް އިށީނީ ގޮނޑީގައެވެ. މުސްކާންއަށް އިޝާރާތްކޮށްލީ ގާތުގައިހުރި ގޮނޑީގައި އިށީނުމަށެވެ. 

"މިވާހަކަދައްކަން ބައްޕަ ބޭނުންވި ދުވަހެއްނޫން މިއީ.. ދަރިފުޅުގެ ތަޢުލީމީ ހަޔާތުން އެންމެ ނާޒުކު ދަނޑިވަޅުގައި، ދަރިފުޅުގެ ސިކުނޑިއަށް ބަރުބޮޑުކޮށް، ވިސްނާނެ އެތައް ސަބަބެއް ހަވާލުކުރުމަކީ ބައްޕަގެ ހުވަފެނުގައިވެސް ދެކެފައިވާ ކަމެއްނޫން.. ދަރިފުޅުކިޔަވާނިމި، ދިރިއުޅުމަކާއި ކުރިމަތިލުމުގެކުރީން، މިކަންކަން އޮޅުންފިލުވައިދިނުމަށް ބައްޕަވާނީ ނިންމާފައި.. މާމައާއި ކާފަވެސް އެދޭގޮތަކީއެއީ.. ސަބަބަކީ ދަރިފުޅުގެ ހަޔާތުގައި އަމިއްލައަށް ގޮތް ނިންމުމުގެ އިޚްތިޔާރު އެހައި ހިސާބުން ދަރިފުޅަށް ދޫކޮށްލުން.. ޤާނޫނީގޮތުންވެސް އެޙައްޤު ދަރިފުޅަށް ލިބޭ އުމުރަށް އޭރު ދަރިފުޅު ހުންނާނީ ވާޞިލްވެފައި.. އެކަމަކު، އެހިސާބަށް ކެތްނުކުރެވުނީ ބައްޕައަށް" މުސްކާންއާއި ދައްކަން ބޭނުންވެފައިވާ ވާހަކަތައް ޔަނާލްގެ ސިކުނޑިގައިވަނީ ތައްޔާރުކޮށްފައެވެ. 

"ރިސޯޓަށް ބައްޕަދިޔައީ އެހެންވެގެންތަ؟" ދެއެކުވެރިން ފަދައިން މުސްކާންއާއި ޔަނާލް ވާހަކަދެއްކިއެވެ. ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް އާންމުކޮށް ޔަނާލް މުސްކާންއާއި ހިއްސާކުރެއެވެ. ދެބަފައިންގެ ދެމެދުގައި ދުރުކަމެއް ނޯންނަ ސަބަބަކީވެސް އެއީއެވެ. 

"ނޫން.. އެއީހަމަ އޮފީސް ދަތުރެއް.. އެކަމަކު ބައްޕަ އަމިއްލައަށް ދުވަސް އިތުރުކުރީ ޗުއްޓީ ނަގައިގެން.. ގިނަވަގުތު ބައްޕަ ހޭދަކުރީ ފޯނުގައި.. ދާދިފަހުން ބައްޕައަށްލިބުނު ފްރެންޑް ރިކްއެސްޓެއް ބައްޕަ ގަބޫލުކުރީ.. އެއީ ކާކުކަންވެސް އިނގޭ.. އެކަމަކު މަގުޞަދެއް އޭރަކު ނޭގެ.. އޭނާއަށް ކިޔަނީ ޝެނީން.." ޝެނީންގެ ނަން ބޭނުންކުރަން ޔަނާލްއަށް ފަސޭހައެއް ނޫނެވެ. މުސްކާންގެ ޝައުގުވެރިކަން ފެނުމުން ޔަނާލްގެ ވާހަކަ މެދުކަނޑާލަން ނުކެރުނީއެވެ. 

ފާރާއި ނިވާވެގެން ޝަރީފުއަށް ހުރެވުނީ އަޑުއިވެމުންދިޔަ ވާހައިގެ ގޮތުންނެވެ. އެނގެން ބޭނުންވި ހަގީގަތެކެވެ. ނަމަވެސް ޝެނީންގެ ނަން އިވުމާއެކު އޭނާގެ ދެފައިގައި ތަޅުއެޅުނީއެވެ. ފިޔަވަޅެއް ކުރިއަކަށް ނޭޅުނެވެ. ޔަނާލްގެ ވާހަކަ އަޑުއެހުން ޝަރީފުއަށް މުހިއްމުވީއެވެ. 

***

"ބައްޕައަށް ހުރިހައި އެއްޗެއްވެސް ބުނެދިނީ ޝެނީން.. ޝެނީންއަކީ އަސްލު ޝަރީފްބެގެ މީހެއް " ހިތުގެ އަޑިން ބުނެލާފަދަ ބުނެލުމެކެވެ. އިސްއުފުލައި ބަލައިލަމުން މުސްކާންގެ ދެބުމަ ގާތްކޮށްލިއެވެ. އިތުރަށް އެނގެން ބޭނުންވީއެވެ.

ހަގީގަތުގައި އެންމެ ބޮޑު ގޮތެއްވީ، ފާރާއި ނިވާވެގެންހުރި ޝަރީފުއަށެވެ. އެއްފަހަރާ އެތައް އެއްޗެއް ހިތައް އަރައި ސިކުނޑި ހާސްކޮށްލައިފިއެވެ. ޚިޔާލްތައް ތަޣައްޔަރުވެ، ދެއަތުގެ އިނގިލިތައް މުއްކެވިގެން ދިޔައީ ސިކުނޑީގެ ނާރުތަކަށް ބަރުބޮޑުވެގެންނެވެ. އެވަރުކަމެއްގެ ހިލަމެއްވެސް ވެފައިނެތުމުންނެވެ. އެއްކޮޅުން އެންމެ ގާތް އެކުވެރިޔާއެވެ. އަނެއްކޮޅުން ލޯބިވެރިޔާއެވެ. އެދެމީހުންގެ ދެމެދުގައި އެވަރުގެ ވާހަކަތަކެއް ދެކެވުނީ ކޮން އިރަކު ހެއްޔެވެ؟ ދެމީހުންކުރެ އެކަކުވެސް ޝަރީފުއަށް އެކަން ނާންގާ ސިއްރުކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ހިތްހަމަނުޖެހުނެވެ. ރުޅިވެސް އައެވެ. ނަމަވެސް އެތަނުން ދުރައްދިއުމާމެދު ޝަރީފުގެ ޟަމީރު ދެކޮޅުހެދިއެވެ. 

"ތި ބުނި ޝެނީންއާއި މިކަމާ ހުރީ ކޮން ގުޅުމެއް؟" މުސްކާންގެ ސުވާލުގެ ޖަވާބަށް ޔަނާލްއިނީ ތައްޔާރުވެގެންނެވެ. 

"އެއީ ދަރިފުޅު މަންމަގެ އެންމެ ކުޑައިރުގެ ރައްޓެއްސެއް.. އާއިލީގޮތުންވެސް ދެމީހުން ވަރަށް ގާތް.. ދަރިފުޅުގެ މަންމަގެ އެނޫން ރައްޓެއްސެއް ހުންނަކަން މިހާތަނަށް ނުވެސް އިނގޭ.. މިކަންވެސް މި އެނގުނީ ޝެނީން އިސްވެ، ބައްޕައާއި މިކަމާ ވާހަކަދެއްކީތީވެ" ހިތްވަރުކޮށްފައި ޔަނާލް ވާހަކަދެއްކިއެވެ. މުސްކާންއާއި ޔަނާލް ނޫން މީހަކު އެތަނުގައި ހުރިކަން ނޭގޭތީވެ، ވާހަކަދައްކަން ޔަނާލްއަށް ވަރަށް ފަސޭހަވިއެވެ. 

- ނުނިމޭ -

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް