
"މަގުޞަދެއް ކުރިން ނޭގެ.. އެކަމަކު ޝެނީންގެ އިޝަރާތްތައް އެކިފަހަރުމަތީން ބައްޕައަށް ލިބުނު.. ބައްޕައަކީ ސޯޝަލްމީޑިއާގައި މާ އެކްޓިވް މީހަކަށް ނުވާތީ އެގޮތައް ފޮނުވާ މެސެޖްތަކަށް ސަމާލުކަމެއް ނުދެން.. އެފަދަ މެސެޖްތަކަށް ޖަވާބެއްވެސް ނުދެން.. އެހެންވީމައިކަންނޭގެ މިކަން މިހާ ލަސްވެގެން މިދިޔައީވެސް.. ހަގީގަތުގައި ބައްޕަ ހީކުރީ ކޮންމެވެސް ކަހަލަ އުނދަގުލެއް ކޮށްލަން އުޅުނީކަމަށް" މާޒީއާއިމެދު ޝަކުވާގެ ރާގެއްގައި ޔަނާލް ބުނެލިއެވެ.
"އެހައި ގާތް އެކުވެރިޔަކަށް މަންމައާއިބެހޭގޮތުން ގިނަ އެއްޗެހިތަކެއް އެނގޭނެ.. ބައްޕައަށް އަންގާނެ އެތައް ގޮތެއް ހުންނާނެ.. އަހަރެންގެ ކުރިމަތީގައި ޝެނީންއަކީ ކުއްވެރިއެއް" ހިތްހަމަ ނުޖެހުމާއެކު މުސްކާން ބުނެލިއެވެ.
"ނޫން ދަރިފުޅާ.. ޝެނީން ކުށްވެރި ނުކުރޭ.. ވަރަށް އުނދަގުލުން ބައްޕައާއި ހަމައަށް ޝެނީން އެއައީ.. އެހެން ގޮތެއް ނެތިގެން ޝަރީފުބެއާއި ގާތްގުޅުމެއް އުފައްދައިގެން ބައްޕައާއި ހަމައަށް އޭނާ އެއައީ.. ބައްޕަގެ ކުށެއް ނެތްކަން މިހާރު ޝެނީންއަށް އިނގޭ.. މީގެ ކުރިން ޝެނީންއަށްވެސް އެނގުނީ ދަރިފުޅުގެ ކާފަގެ ފަރާތުން ލިބިފައި އޮތް ދޮގު މައުލޫމާތު" މުސްކާންގެ މޫނަށް ބަލައިލަމުން ޔަނާލް ބުންޏެވެ.
ޔަނާލްގެ ޖުމުލައާއެކު ޝަރީފުގެ ދެލޯ ބޮޑުވިއެވެ. ދެކަންފަތް ބައްވެ، ނާރުތައް ފަޅައިގެން ހިނގައިދާނެހެން ހީވިއެވެ. އިވުނު އަޑު، ގަބޫލުކުރާން ފަސޭހައެއްނޫނެވެ. ޝެނީން، ޝަރީފުގެ ބޭނުން އެފަދަގޮތަކަށް ކޮށްފާނެކަމަށް ހިތެއް އެއްބަހެއް ނުވާނެއެވެ. އިރެއްގައި ލޯބިނުވިޔަސް، ޝެނީންދެކެ އިންތިހާއަށް ޝަރީފު މިހާރު ލޯބިވެއެވެ. ޝެނީންއާއި ނުލައި ދިރިއުޅެން މިވަގުތު ޝަރީފުއަށް ފަސޭހައެއްނުވާނެއެވެ. ނަމަވެސް އިވުނު އަޑު ދޮގުކުރާނީ ކިހިނެއް ހެއްޔެވެ؟
މުސްކާންގެ ބަލައިލުމުން އެތައް ސުވާލެއް ޔަނާލްއަށް އަމާޒުކޮށްލީ، ދުލުގެ ހަރަކާތަކާއި ނުލައެވެ.
ކޮޓަރީން ނިކުތް، މުރުޝިދާގެ ފިޔަވަޅު ހުއްޓުނެވެ. ފާރުގައި ކަންފަތްޖަހައިގެން ޝަރީފު ހުރިގޮތް ކަމުނުދިޔައީއެވެ. ކާކޮޓަރީގައި މިވަގުތު ހިނގަނީ ކޮންކަމެއްކަން މުރުޝިދާއަށް އެނގޭތީއެވެ.
"ޝަރީފު..! ކަމަކުތަ؟" ހިތްހަމަނުޖެހިފައި މުރުޝިދާ ސުވާލުކޮށްލިއެވެ.
"މީ..މީ.. ޔަ..ނ.!" ބުނަންވީ އެއްޗެއް ޝަރީފުއަށްވެސް ނޭގުނެވެ.
ބުނާނެ އެއްޗެއް ކުއްލިޔަކަށް ދުލަށްވެސް ނައެވެ. އަނގައޮޅި، މޫނުމަތީގެ ކުލަވަރު ބަދަލުވެ، އަތުގެ ހަރަކާތްތަކުން އެތައް އެއްޗެއް މުރުޝިދާގެ ތަޖުރިބާއިން ދެނެގަތްފިއެވެ.
"މިވަގުތު އަހަންނަށް ރަގަޅީ، ޔަނާލްއާއި ޝަރީފު ބައްދަލުނުކުރުން..! ތި އަޑުއެހި އެއްވެސް ކަމަކާބެހޭގޮތުން، ޔަނާލްއާއި ޝަރީފު ސުވާލުނުކުރުންވެސް އަހަރެން އެދެން.." މުރުޝިދާގެ ޖުމުލަތައް އަޑުއަހަން ޝަރީފުއަށް ފަސޭހައެއްނުވިއެވެ.
ތެދެކެވެ. ޔަނާލް އެވާހަކައިގައި ޝަރީފު ޝާމިލްކުރަން ބޭނުންނަމަ، އެކަން ހިއްސާކުރާނެއެވެ. ނަމަވެސް ރަހްމަތްތެރިކަމުގެ ދިގު މާޒީގައިވެސް އެކަން މަޝްވަރާކޮށްފައެއް ނެތެވެ. ޝާމިލްކުރަން ބޭނުންނަމަ، ޔަނާލް އެވާހަކަ ކިޔައިނުދޭންވީ ސަބަބެއް ނެތެވެ. ޝަރީފުގެ ސިކުނޑިއަށް މިވަގުތު އެންމެ އުނގަދޫވީ، އެކަމުގައި ޝެނީން ކަންތައް ކޮށްފައިވާ ގޮތެވެ. ދެމީހުންވެސްވަނީ ޝަރީފުއަށް ސިއްރުކޮށްފައެވެ. ހިންދިރުވާލެވުނީ އެކަން ހަޖަމުކުރަން އުނދަގޫވީތީއެވެ. ކުރިމަތީގައި ހުރި މުރުޝިދާއަށް ބަލައިލަމުން، ޝަރީފު އިސްޖަހައިލިއެވެ.
"ސޮރީ ޔަނާލް މަންމާ!" ދެރަވެލާފައި ޝަރީފު ބުންޏެވެ. ހެޔޮހިތުން މަޢާފުގަބޫލުކޮށްފިކަން ޔަގީންވީ މުރުޝިދާގެ ލުއި ހިނިތުންވުން، ޝަރީފުއަށް ހަދިޔާކޮށްލުމުންނެވެ.
***
ފިރިމީހާގެ ސިއްރު، ދިރިއުޅުން ނިޝާނާއަށް އުނދަގޫކުރަނީއެވެ. ޝަރީފުގެ އެކުވެރިޔާގެ ކިބައިން ލިބުނު މައުލޫމާތަކީ ދޮގެއްކަމަށް ބުނެވޭނެ ޖާގައެއްނެތެވެ. އިންތިޒާރުކުރަމުންދިޔައީ ޝަރީފު ގެއަށް އަންނާނެ ވަގުތަކަށެވެ.
***
"ދަރިފުޅާ.. އޭރުގައި ރަށްރަށުގައި ފޯނު ހުންނަނީ އޮފީސްތަކުގައި.. ދެން ހުންނަނީ ރައްޔިތުން ހިއްސާކުރުމަށް ހުންނަ ފޯނުބޫތު.. އެތަނަށް ގުޅީމައި މީހަކު ގޮވައިދޭން ދާނީ އެމީހަކު ހިތައްއެރި ފަހަރަކު.. އެތައް ދުވަހަކު ގުޅިން.. ތަކުރާރުކޮށް ގުޅިން.. މަހެއްހާ ދުވަސް ވީއިރު، އެހިސާބުގައި އުޅޭ އެންމެންނަށް އެނގިއްޖެ، ނިމާ ހޯދަން ފިރިހެނަކު ގުޅާކަން.. ރަށުތެރޭގައި ވާހަކަފެތުރެން ނުނަގާނެ މާގިނައިރެއް.. ދަރިފުޅު ކާފައަށް އެކަން އިނގެން މާގިނަދުވަހެއް ނުނެގި.. ހުރިހައި ކަމެއްވަމުންދިޔައީ ބައްޕަ ބޭނުންވިގޮތާއި ދެކޮޅަށް.." އަތުގެ އިނގިލިތަކުން ކަށިގޮއްވާލާފައި، ނިއްކުރީގައި އިނގިތަކުގެ ކުރިން ޔަނާލް ފިއްތާލިއެވެ. ހިނދުކޮޅަކަށްފަހު މުސްކާންއަށް ބަލައިލިއެވެ.
"އެއީ ވަރަށްބޮޑު ރަށެއް.. ފޯނު ހުންނަނީ އެގެއާއި ވަރަށް ދުރުގައި.. ގޮވައިދޭން ދިއުމަކީވެސް މީހަކަށް ފަސޭހަކަމަކަށްނުވާނެ.. އެކަމަކު ވަރަށް ރަގަޅު މީހުންވެސް އުޅޭނެދޯ ދަރިފުޅާ!" ތަފާތުގޮތަކަށް ޔަނާލް ބުނެލިއެވެ. އާއެކޭ ނުބުންޏަސް އެއްބަސްވާ ފަދައަކުން މުސްކާން ބަލައިލިއެވެ. ބައްޕައަށް ވަމުންދާގޮތް އެދަރިފުޅަށް އިހްސާސްކުރެވެއެވެ.
"ބައްޕަ ވަރަށް އާދޭސްކުރުމުން ޅަފުރައިގެ ފިރިހެންކުއްޖަކު ވަޢުދުވި އެކަން ކޮށްދޭނަންކަމަށް، ގަޑިކިޔާފައި ގުޅުމުން އެދުވަހު ފޯނު ނެގީވެސް އޭނާ.. ވަރަށް ދެރަވެލާފައިބުނީ، ތިމަންނަގެ ނަސޭހަތް އަޑުއަހަންޏާއި ދެން އިތުރަށް ނިމާއަށް ނުގުޅާށޭ.. އޭނާބުނީ، ބައްޕަ ގުޅާވާހަކަ ރަށުތެރޭގައި ދެކެވެން ފެށުމުން، އެކަމުގެ ހުރިހައި ރުޅިއެއް ދަރިފުޅުގެ ކާފަ ބާލާލަނީ މަންމައަށްކަމަށް.. ކުރާ އަނިޔާއަށް ކެތްނުވެގެން ރޯ އަޑު އަވަށްޓެރިންގެ ކަންފަތްތަކާއި ހަމައަށް އަންނަންފެށިކަން އެނގުމުން ވަރަށް ދެރަވި.. ބައްޕަގެ ސަބަބުން އެވަރުގެ އަނިޔާއެއް ލިބޭކަށް ބޭނުމެއްނުވި" ކަރުނައިން ދެލޯ ފުރުމުން ޔަނާލްގެ ދެލޯފޮހެލިއެވެ. ހިތްދަތިކަން ނޫނީ ޔަނާލްގެ މޫނުގައި ނުވެއެވެ.
"ރަށުގެ އެއްވެސް މީހަކު އެގެއަށް ވަނުން ހުއްދައެއް ނޯންނާނެ.. އެހެންމީހުންނާއި ދަރިފުޅުގެ މަންމަ ވާހަކަ ދެއްކުންވެސް ހުއްދައެއްނޯވޭ... ހުރިހައި ކޮންޓްރޯލެއް އޮންނަނީ ކާފަގެ އަތުގައި.. މީހަކު މަންމައާއި ދިމާއަށް ބަލައިލިކަން އެނގުނަސް، އެމީހަކާއި ދިމާއަށް ވަރަށް ހަޑިކޮށް އެއްޗެހި ކިޔާމީހެއް ކާފައަކީ.. ބައްޕައަކަށް ނޭގެ އެގޭގައި ބައްޕަ ބަހައްޓަން ކާފަ އެއްބަސްވީ ކީއްވެކަމެއްވެސް! އެއް ރެއަކު މަހަށް ގޮސްފައި އުޅެނިކޮށް ކުރި ސަމާސާއެއްގައި ދޯނި މީހަކުވެސް އެސުވާލުކުރި.. އެރޭ ބުނިއަޑުއެހިން، ބައްޕަ، އޮފީހުން އެކަން ހަމަޖައްސަން ސިޓީފޮނުވީ ތިމަންނާ ރަށު އޮފީހުގައި ހުއްޓައޭ.. ކޮންމެ ފަދަ އަގެއްގައިވެސް ސަލާމަތީކަންކަން ރަގަޅު ތަނެއްގައި ބަހައްޓައިދިނުމަށް އެދެފައި އޮތްކަން އެނގުމުން ތިމަންނާ އެފުރުސަތު ހޯދައިގަތީއޭ... ހީވަނީ ފައިސާގެ ބޭނުމުގައި ކުރިކަމެއްހެން.. ދަރިފުޅާ! ކޮންމެ ކަމަކަށްވެސް ސަބަބެއް މެދުވެރިވާނެ.. ބައްޕަގެ ނަސީބުގައި ދަރިފުޅު ލިޔެވިފައިވާތީ މެދުވެރިވި ގޮތެއް މީ" ދަރިފުޅުގެ ގައިގައި ބައްދާލުމަށް ޔަނާލްގެ ދެއަތް ހުޅުވައިލިއެވެ. ލޯތްބާއެކު މުސްކާން އެފުރުސަތުގެ ބޭނުންހިފިއެވެ.
"މަންމަގެ އާއިލާގެ މީހުން ތިބޭނެނުން.. އެމީހުން މެދުވެރިކޮށް މައުލޫމާތު ލިބޭތޯ ބަލަމާ" މުސްކާންއަށް އޭނާގެ މަންމަ މުހިއްމުވެފައިވާ މިންވަރު ޔަނާލްއަށް އިޙްސާސްކުރެވުނެވެ. ކުލައެއް ސާފުނުވާ ފޮޓޯއެއްގެ ތަސްވީރުން މުސްކާންގެ ހިތް ހަމަޖައްސާލައިގެން އުޅޭތާ، އެދަރިފުޅުގެ އުމުރުން ވީހާދުވަހެއް މާޒީވީއެވެ.
ދަރިއެއްގެ ދުލުން ޝަކުވާއެއްނުކުރިޔަސް، މަންމައަކާމެދު ކުރެވޭނެ އުއްމީދާއި ދެކޭނެ ހުވަފެންތައް ޔަނާލްއަށް އަންދާޒާކުރެވުނެވެ. މުސްކާންގެ ހިތުގެ ޝަކުވާތައް ފުނިޖެހިފައިވާނެވަރު، ޔަނާލްއަށް އިހުސާސްކުރެވެއެވެ.
"ދަރިފުޅާ.. ޝެނީންއަށްވުރެން އެކަން އިނގޭނެ އެހެންމީހަކު ހުންނާނެހެން ބައްޕައަކަށް ހިޔެއްނުވޭ.. އާއިލާގައި މީހަކު ހުއްޓަސް، އެއްވެސް ގުޅުމެއް ނޯންނާނެ.. އެއްވެސް މީހަކު ނިމާއާއި އަނގައިން ބުނެލިކަން އެނގުނަސް އެމީހެއްގެ ލޯ ހުޅުވާލަން ނުކެރޭވަރުކޮށްލާނެ" ޔަނާލްގެ ޖުމުލަ ނިންމާލުމުގައި ރާގު ތަފާތުވިކަން މުސްކާން ދެނެގަތެވެ.
ބައްޕަބުނި އެއްޗެއް އިތުރަށް ބުނެދިނުންއެދި މުސްކާން ބަލައިލިއެވެ. ނަމަވެސް މިފަހަރު ފެނުނީ ބައްޕަގެ ހަމަހިމޭންކަމެވެ.
ހުދާއިކަޅުގެ ތެރެއިން މާޒީގެ ހަނދާންތައް ގަދަވެއްޖެއެވެ. ލޯކުރިމަތީން މުސްކާންގެ ސޫރަ ފަނޑުކޮށްލައިފިއެވެ. ލަސްލަހުން ނިމާގެ އެސްފިޔަތައް ތިރިކޮށްލިއެވެ. ދެމައިންގެ ލޮލުގައި ތަފާތެއް ނެތެވެ. ދިގު އެސްފިޔަތަކެކެވެ. ރީތި ބައްޓަމަށް އެސްފިޔަތައް އެތުރިލާފައިވަނީ ގުދުތަރުގެ ފުރިހަމަކަން އިންސާނުންގެ ހިތައް ވާޞިލްކޮށްދެއްވުމަށްކަން ކަށަވަރެވެ. އެއީ ﷲތަޢާލާގެ ފުރިހަމަ އުފެއްދެވުމެކެވެ. ފަންނުވެރިއެއްގެ މޭކަޕްގެ ކުޅަދާނަކަމެއް ދައްކުވާކަށް ނުޖެހެއެވެ. ކާންބޯން ރަގަޅު ކާނާއެއް ނުލިބޭ ހާލުގައިވެސް ކުލަ އަލި، ހަން އޮމާން ބަނިޔާދަން އަންހެނެކެވެ. ހިތާމައިގެ އެތައް އަސަރެއް އެމޫނުން ފާޅުވާއިރުވެސް އެކަންކަން ފަރުދާކުރާން ނިމާ ކުޅަދާނައެވެ. ޔަނާލް ފެންނަ ކޮންމެ ފަހަރަކު ލަދުވެތި އިސްޖަހައިލުމަކުން، ހުރިހައި ނުތަނަވަސްކަމެއް ފޮރުވާލަން މަސައްކަތްކޮށް، އެކަން ކާމިޔާބުވެސް ކުރިއެވެ. ނަމަވެސް ބުނެވުނު އެންމެ ލަފުޒެއްގެ ސަބަބުން އެރޭ، ނިމާގެ މިޒާޖު ބަދަލުވިއެވެ. ސުވާލުތައް ތަކުރާރު ކުރެވުނީވެސް އެސަބަބަށްޓަކައެވެ.
"ތިހާ ފުރިހަމަ އަންހެނެއްގެ މޫނުން، ހިތާމައިގެ އަސަރެއް އަހަންނަށް ފެންނަހެން ހީވަނީ ކީއްވެގެން؟ އަންހެނުން ދެނެގަންނާން އަހަންނަށް ނޭގެނީތަ؟ ނޫނީ އަހަންނަށް ހެދުނު ގޯހެއްގެ ސަބަބުން ނިމާގެ ހިތުގައި ޖެހުނީތަ؟ ހިނިތުންވެލާއިރުވެސް ކަރުނަ ހިލެނީ ކީއްވެ؟ އަބަދު ގޭގައި ހުންނަނީ ކީއްވެ؟ ރައްޓެއްސަކާ ބައްދަލުކުރަނިކޮށް ނުވެސް ދެކެން.. ނިމާ ސްކޫލަށް ނުދަނީ ކީއްވެ؟ މިއަދު ހަވީރު ނިމާގެ ބައްޕަ، ނިމާއަށް އަނިޔާކުރީ ކީއްވެ؟ އެނޫނަސް، ބައްޕަ އަނިޔާކުރޭތަ؟" ފަހު ސުވާލުގެ އަޑު ފުރޭނިގެން، ދުރުދުރުން އެތައް ދިމާއަކުން ޔަނާލްގެ ކަންފަތާއި ހަމައަށް އައެވެ. ދެކަންފަތުގައި އަތް އަޅާފައި ނުހަނު ބާރަށް ޔަނާލް ހަޅޭއްލަވައިގަތެވެ.
"ނިމާ... ނިމާ.. އަހަރެން މަރުވެދާނެ.. އެންމެ ފަހަރަކުނަމަވެސް އަހަރެންގެ ގާތަށް އާދެބަލަ" ޔަނާލްގެ އަޑު އިވުނު އިންސާނަކު ކަރުނަ އަޅާނެއެވެ. މުސްކާންއަށް މާބާރަށް ރޮވުނީވެސް އެހެންވެއެވެ. ބައްޕައަށްޓަކައި އެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.
ލޯތްބަށްޓަކައި ކެތް ކޮށްފިއެވެ. ޝަކުވާއެއް ނުކުރެއެވެ. ހިތާއި ނަފުސުން ވަފާތެރިވެއްޖެއެވެ. އަމާނާތްތެރިކަމާއެކު ލޯބީގެ ހުޅުކޮޅު ރައްކާތެރިކޮށްފިއެވެ. ނަފުސުގެ ބަލިކަށިކަމުން ހިތްވަރު އެލިގެން ދިޔަވަގުތުގައި ޔަނާލްގެ ސިކުނޑީގެ މައްޗަށް އޭނާގެ އިހުސާސްތައް ގަދަކޮށްލިއެވެ. ހިންދިރުވާލާފައި ނޭފަތް އެތެރެއަށް ދަމާލިއެވެ. އުނދަގުލުންނަމަވެސް މުސްކާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
- ނުނިމޭ -