ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި، އަސްލަމް ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތައް ގިނަވެ ސަރުކާރަށް މިހާރު އޯވަލޯޑްވާ ހިސާބަށް ހިނގައްޖެ ކަމަށެވެ. ނަމަވެސް ބައެއް މަޝްރޫއުތައް ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުދާކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޓެންޑަ ކުރުމާއި އީއައިއޭ ހެދުމާއި އެހެނިހެންވެސް އަމަލުކުރަން ޖެހޭ އުސޫލުތައް ހުންނަ ކަމަށެވެ.
އެކަންކަން ކުރަން އޮންނަ ޕްރޮސެސް ދިގުވުމާއި ޕްރޮސެސް ލަސްވުމަކީ އެއީ މަޝްރޫއުތަކަށް ބޭނުންވާ ސްޕީޑް ނުދެވޭ ބައެއް ސަބަބުތައްކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެއިތުރުން މަޝްރޫއުތައް ގިނަވެ، ކުންފުނިތަކުގެ ކެޕޭސިޓީއަށް ވުރެ މަޝްރޫއުތައް ގިނަވުމަކީވެސް މަޝްރޫއުތައް ލަސްވާ ސަބަބެއްކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެއިތުރުން ކޮވިޑްގެ ސަބަބުން ކުންފުނިތަކަށް ދިމާވި މާލީ ދަތުކަމުގެ ސަބަބުންވެސް މަޝްރޫއުތައް މަޑުޖެހެން މެދުވެރިވާކަމަށް އަސްލަމް ވިދާޅުވިއެވެ.