ބައެއް ތަންތަން ވަރަށް ބޮޑަށް ހަޑިވެ، ފެހި ޖަހާ އެކިފާޑުގެ ބިންމަތީގައި ހުންނަ ވިނަތައް ފަޅާފައި ހުރެއެވެ. އަނެއްބައި ތަންތަނުގައި ލޮނދިލާ ފައި އަޅަން ފަކުރު ގަންނަވަރުވެފައި ހުރެއެވެ. ކިހިނެތްވާ ކަމެއްތޯ ބަލާލަން އެތަނަކަށް މަޑުކޮއްލުމުން ސިހިގެން ދަނީ ކުއްލިޔަކަށް އަންނަ ނާންނަ ދިމާލެއް ނޭނގި ގަޔަށް ވެއްޓޭ ފެންތިކިންނެވެ.
މާލޭގެ ގެތައް އިމާރާތްކޮށް ,އުސް އިމާރާތްތަކުގައި އޭސީ ހަރު ކުރުން ވެގެން ދިޔައީ އޭސީގެ ފިނީގައި އެތެރޭގައި ތިބޭއިރު އަރާމާއި ފިނިކަމާއި ހިތްހަމަ ޖެހުން ލިބޭ ކަމަކަށް ވިޔަސް މަގުމަތިން ހިނގާފައި ދާ މީހާއަށް ބޮޑު ވޭނަކަށެވެ.
ވަރަށް ހާއްސަ ރަސްމިއްޔާތަކަށް ދާން ތައްޔާރުވެގެން ކާރުގެ އިންތިޒާރުގައި މަގުމަތީގައި ހުއްޓިލާ ވަގުތު ކުލަ އަލި ގަމީހަށް ޖަހާލާ ފެންތިކިން ބޮޑު ލައްގަނޑެއް ގަމީހުގައި ލާ، އަލުން ގަމީސް ބަދަލު ކުރަން ހަދައިގެން ގަޑި ޖެހެނީ ކިތަންމެ ފަހަރަކު އެވެ. މިފެންތިކި މިޖަހަނީ ކޮންތަނަކުންތޯ ބަލާއިރު މިއީ ކޮންމެވެސް ގެއެއްގެ އޭސީއެއްގެ އައުޓްޑޯއަށް ގުޅާފައިވާ ހޮޅީން މަގުމައްޗައް ޖަހާ ފެންތިއްކެވެ. ނުވަތަ ދިޔަދޮލި ފުލުފުލުގައި މިފަދަ ފެން ތިކި މަގުމައްޗަށް ޖަހާ ތަނުގައި ކޮންމެވެސް ގޮތަކުން ހެދިފައި ހުންނަ ވަޅުކޮޅަކަށް ފެން އެޅި އެތަނުގައި ފެން ހަރުލާ ގޮތްވެ އެވެ. ޖެހިޖެހިގެން ހުންނަ އެތައް ގެޔަކުން ނުވަތަ އެއް އިމާރާތެއްގެ އެތައް ފަންގިފިލާ ތަކުން ޖަހާ މިފަދަ ފެން ތިކިތައް އެކުވެ އެއް ތަނަކަށް ޖަމާވުމުން އެތަން ދެން ބަދަލުވެގެން ދަނީ އޭސީގެ ފެން އެޅޭ ކުޑަ ޖަންކްޝަނަކަށެވެ. ފެން އަބަދު ޖަމާވެ ނުހިނދި ހުރުމުން އުފެދިގެން ދަނީ ސިއްހީ އެތައް މައްސަލަ ތަކެކެވެ.
ފެންގަނޑުގެ ތެރޭގައި މަދިރި އުފެދި އެތައް ބަލިތަކެއް ފެތުރިގެން ދެއެވެ. ހަމަ މިއާ އެކު ނެރެފައި ހުންނަ ކުނި ކޮތަޅުތައް ވެސް ނެރެފައި ހުންނަނީ ގިނަ ފަހަރު މިދެންނެވި ފެން ތިކި ޖަހާ ދިމާލަށް ކަމަށް ވެފައި ބުޅާތައް ކޮތަޅު ފަޅާލާފައި ކައިގެން ދިޔުމުން ކޮތަޅު ތެރޭގައި ހުންނަ ކުނިވާ ޒާތު އެއްޗެހި ހިނގާ މީހުންނާއި ދުއްވާ އެއްޗެހީގެ ޒަރީއާއިން މަގުތައް މައްޗައް ފެތުރި މުޅި މަގު ހަޑި ވެގެން ދެއެވެ.
އުސް އިމާރަތް ތަކުގެ މަތިން ދޫކޮށްލުމުގެ ބަދަލުގައި ހޮޅިއެއް ސީދާ މަގުގެ ކަނަށް ގުޅާފައި އޮންނަ ނަމަ ހިނގާ މީހާގެ ބޮލަށް އެޖަހާ ފެންތިއްކާއި މަގުމަތި މުޑުދާރުވުމުގެ އިތުރުން މަދިރިން ޖެހޭ އެތައް ބައްޔަކުން ވެސް ރައްކާތެރި ވުމުގެ ފުރުސަތު ލިބުނީހެވެ. ނަމަވެސް އެ މަގަށް އެކަން އިންތިޒާމުކޮށް ތަންފީޒު ކުރާނެ މީހަކު ނުވަތަ މުއައްސަސާއެއް މި ގައުމުގައި ނެތީތާ އެވެ. އެހެން ނޫން ނަމަ ކޮންމެ ވެސް މުއައްސަސާއަކުން އެކަން ހައްލު ކުރާނެ ތާ އެވެ.