އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މޫނު ނިވައިކޮށްގެން ސްކޫލަށް ދިއުމަށް ސްކޫލުން ދީފައިވާ ހުއްދައަކާއެކު އެ ގޮތަށް ސްކޫލަށް ދަނިކޮށް، މިދިޔަ މަހުގެ ފަހުކޮޅު ގެޒެޓްނުކޮށް އެޑިއުކޭޝަނުން އެންގި އެންގުމަކާ ގުޅިގެން އަރަބިއްޔާ ސްކޫލު ކުދިންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭ ކަމަށް ބުނެ އެކަން ހައްލުކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ރެހެންދި ޗެމްބާސް ލޯ ފާމް މެދުވެރިކޮށެވެ. އެ ލޯފާމްގެ ފަރާތުން މި މައްސަލަ ހުށަހެޅީ ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރުއެވެ.
އާޒިމާގެ ލޯ ފާމުން މި މައްސަލަ ހުށަހަޅީ މި މަސް ފެށުނު އިރުއެވެ. މި މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން މޫނު ބުރުގާ އަޅާ ކުދިންނަށް ސްކޫލަށް ހާޒިރު ނުވެވޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތާއި، އެޑިއުކޭޝަން މިނިސްޓްރީ އަދި ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް ވެސް ސިވިލް ކޯޓުގައި އެދުނެވެ. އެކަމާ ގުޅިގެން ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނެފައި ވަނީ އެނގެން އޮތް ކަންކަމަށް ބަލާއިރު ވަގުތީ އަމުރަށް އެދޭ ފަރާތްތަކަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ.
ދައުވާ ހުށަހެޅި ފަރާތުން ދައުވާ ހުށަހެޅީ އަރަބިއްޔާއަށް މޫނު ބުރުގާ އަޅައިގެން ދާ ކުދިންގެ ފަރާތުން ކަމަށް ބުނެފައިވީ ނަމަވެސް އެފަރާތުގެ ކުދިންނަކީ ކޮބައިކަމާއި އެ ކުދިން އަރަބިއްޔާގައި ތައުލީމު ހާސިލު ކުރަނީ ކޮން ގްރޭޑެއްގައިކަން އެނގޭނެ އެއްވެސް މައުލޫމާތެއް ދައުވާ ފޯމު އަދި ވަގުތީ އަމުރަށް އެދޭ ފޯމުގައި ވެސް ހިމަނާފައި ނުވާކަން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު މިއަދު ނިންމެވި ނިންމެވުމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މޫނު ބުރުގާ އަޅައިގެން އަރަބިއްޔާއަށް ދާ ކުދިން ސްކޫލު ޔުނީފޯމު ކޯޑާއި ހިލާފުވި ނަމަވެސް ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމު ކޮށްފައި ނުވާކަން ވަގުތީ އަމުރަށް އެދޭ ފަރާތުން ވެސް އަދި ދައުލަތުގެ ބަހުން ވެސް އެނގޭކަން ސިވިލް ކޯޓުން ބަޔާންކޮށްފައިވެ އެވެ.
މޫނު ބުރުގާ މައްސަލަ ހޫނުވެ، އެންމެ ފަހުން އެ މައްސަލަ ޝަރީއަތާ ހިސާބަށް ދިޔައިރު، މޫނު ބުރުގާ އެޅުމާއި ބެހޭގޮތުން މިފަހަކުން ވަކި ހާއްސާ އެންގުމެއް އަންގާފަ ނުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ބުނެފައެވެ. ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް މޫނުބުރުގާ އަޅައިގެން ސްކޫލްތަކަށް ކުދިން ދިއުން މަނާކޮށް އެކަން ސްކޫލްތަކަށް އަންގާގައިވާކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ، ސްކޫލްތަކަށް ދަރިވަރުން ފޮނުއްވުމުގައި ސްކޫލްތަކުގެ ޔުނިފޯމް ކޯޑް އާއި އެއްގޮތަށް އަމަލުކުރުމަށް އަބަދުވެސް އަންގަމުންދާ ކަމަށެވެ. އެހެންނަމަވެސް ވަކިން ހާއްސަކޮށް މޫނުބުރުގާ އަޅައިގެން ސްކޫލަށް ދިއުން ހުއްޓުވަން ނުވަތަ އެކަމާއި ބެހޭގޮތުން ވަކި ހާއްސަ އެއްވެސް އެންގުމެއް އަންގާފަ ނުވާނެކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.