ads
އުމުރަށް ތިޔަ ނަމުގާ
އުމުރަށް ތިޔަ ނަމުގާ
12 ވަނަ ބައި

މުސްކާންއާއި ޔަނާލް ނޫން މީހަކު އެތަނުގައި ހުރިކަން ނޭގޭތީވެ، ވާހަކަދައްކަން ޔަނާލްއަށް ވަރަށް ފަސޭހަވިއެވެ.

***

ޝަރީފުގެ ކަންފަތުގައި އެތައް އަޑެއް ހަރުލައިފިއެވެ. ކަރުބުޑުގައި ހިތިރަހަ ނޫނީ ނުލައެވެ. ސިކުނޑިއާއި ހިތް ދެކޮޅުހަދަނީއެވެ. ދާންވީ މަންޒިލެއް ފެންނާން ނެތުމުން މަގުތަކުގައި ދުއްވުނީ ކިހައި އިރަކުކަމެއްވެސް ނޭގެއެވެ. ފޯނު ރިންގުވާކަން އިނގެއެވެ. ނަމަވެސް ގުޅަނީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަމެއް ނެތުމުން، ޖީބުން ފޯނު ހިއްލާވެސް ނުލިއެވެ. 

އެތައް ފަހަރަކު ގުޅުމުންވެސް ފޯނު ނުނެގީތީވެ، ނިޝާނާގެ ރުޅިގަނޑު މިފަހަރު ބާލައިލީ އަތުގައި އޮތް އޭނާގެ މޮބައިލަށެވެ. 

***

ބައްޕަގެ މާޒީން މުސްކާންއަށް ހިތްދަތި އެތައް ވަހަކަތަކެއް އެގިއްޖެއެވެ. އެ ވޭންތައް ދެނެގަނެވޭހާ ބޮޑަށް ސިކުނޑި ހުޅުވިއްޖެއެވެ. ވޭނާއި އުފަލާއި ހިތްހަމަޖެހުމާއި ހިތްދަތިކަން، މުސްކާންއަށްވެސް އިޙްސާސްކުރެވެއެވެ. އެސްފިޔަތަކުގެތެރޭގައި ފޮރުވިފައިވީ ކަރުނަތައް ފޮހެލަން މަޖުބޫރުކޮށްލިއެވެ. 

ގިނައިރުތަކެއްވަންދެން ރުއިމުން، ޖަންބުކުލަ އަރާފައިވާ މޫނު ތަޒާކޮށްލެވޭތޯ ދެއަތުން ފޮހެލާފައި ހިނިތުންވާން މަސައްކަތް ކޮށްލިއެވެ. ބައްޕަގެ ހިނިތުންވުމަށް އެދަރިފުޅު އިންތިޒާރުކުރާކަން، ފޮރުވުމެއްނެތި ހާމަކޮށްލިއެވެ.  ހިތާމައިގެތެރެއިންވެސް ބައްޕަގެ ހިނިތުންވުން ފެނިލުމުން މުސްކާންއަށް ދިރުން ލިބޭނެކަން ޔަނާލްއަށް ޔަގީންވެއެވެ. މެންދަންވުމުން ދެމީހުންވެސް ކޮޓަރިއަށް ދިޔައީ އަރާމު ނިދީގެ އިންތިޒާރުގައެވެ.

***

ފާޚާނާއިން ޔަނާލް ނިކުތްއިރު ފޯނު ރިންގުވަނީއެވެ. މެންދަމުގެ ވަގުތުގައި ގުޅަނީ ކާކުތޯ ބަލަން ޝައުގުވެރިކަން އުފެދުނެވެ. ސްކްރީނަށް ބަލައިލުމާއެކު ނިއްކުރިއަށް ރޫ އަރުވާލިއެވެ. 

"ކިހިނެއްވީ؟ އަހަރެންގެ ކޯލެއްގެ އިންތިޒާރުގަދޯ! ތިހައި ރީތި ފިރިހެނެއްގެ ހިއްސުތައް ހޭލައްވައިލާން މިއަށްވުރެން ރަގަޅުގޮތެއް ނުވިސްނުން!" ލުއި ހިނިތުންވުމަކާއި އެކު ޝެނީން ބުނެލިއެވެ. އެސްފިޔަތަކުގައި ވަކިހިއްޕާލާފައިވީ ނިދިވެސް ވިއްސިވިހާލިވެއްޖެއެވެ. ޔަނާލްގެ ޠަބީއަތު ޚަރާބުވެއްޖެއެވެ. ޔަނާލް ބުނެފާނެ އެއްޗަކަށް އިންތިޒާރުކުރުމެއްނެތި ޝެނީން ވާހަކަ ދެއްކިއެވެ.

"ތިއީވެސް ހިއްސުތައް ހަމަޔަށް ހުރި ފިރިހެނެއް.. ބައެއް ރޭ ރޭ ފިނިކަން އިޙްސާސްކުރަންވާނެ.. އެހެންނޫނީ ލައިފް ވަރަށް ބޯރިންވާނެ.. އުފާވެސް ލިބިގަންނާންވާނެ! ޔަނާލްގެ އެކަނިވެރިކަން، ފިލުވައިދޭން އަހަރެން އެހީވެދޭނަން، އެކަނިވެރިއެއްގެ އިޙްސާސް އެނގޭނީވެސް އެކަނިވެރީންނަށް ދޯ.. ޔަނާލް ބޭނުމިއްޔާ މި ގުޅުމަށް އިތުރުނަމެއް ދެވިދާނެ! އަހަރެން ތައްޔާރު!" އަމިއްލަޔަށް މަޖާވެލާފައި ޝެނީން ދައްކަންއުޅުނު ވާހަކައިގެ ސަބަބުން ޔަނާލް ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. 

 ***

ނިދިފައި އޮތް މުސްކާންއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. މަންމަގެ ހަޔާތުން ހިރަފުސް ފޮޅާލި ސަފްހާތަކުން، މުސްކާންގެ ސިކުނޑީގައިވަނީ ބިރުވެރި ސުވާލުތަކެވެ. މަންމަގެ ތަސްވީރެއް ލޮލާއި ސިކުނޑީގައި ނެތުމަށްވުރެން ބޮޑު ނުތަނަވަސްކަމެއް މުސްކާންގެ ހަޔާތުގައި ނެތެވެ. ކާފައަކީ އަނިޔާވެރިއެއްކަމަށް ބައްޕަ ބުނީ ކީއްވެތޯ ތަކުރާރުކޮށް މުސްކާންގެ ސިކުންޑިއާއި ސުވާލުކުރެވިއްޖެއެވެ. އަމިއްލަ ޟަމީރު ޖަވާބެއް ނުދެއެވެ. ކާފައާއިބެހޭގޮތުން ބައްޕަ ބުނެދިނީ މުސްކާންގެ ސިކުނޑިއަށް އުނދަގޫވި ސިފަތަކެކެވެ. 

ގައިމަތީގައި އޮތް ކުއިލްޓް ބޮލާއި އެއްކޮށް ފަތުރާލިއެވެ. ހަމަ އެސިކުންތުގައި ކުއިލްޓުގެ ތެރެއިން މުސްކާންގެ މޫނު ހާމަކޮށްލިއެވެ. ލޮލުގެ ކަޅި ދެފަރާތަކަށް ހަރަކާތްކޮށްލުމުން ދޭހަވީ ކޮންމެވެސް ޚާއްޞަކަމަކާއިމެދުގައި މުސްކާން ވިސްނާލައިފިކަމެވެ. 

ފޯނު ނެގުމަށްފަހު ކޮންޓެކްޓް ލިސްޓް ބަލަންފެށިއެވެ. ޝަރީފުގެ ނަން ފެނުމުން ހިނިތުންވެލީ ނުހަނު ލޯބިކޮށެވެ. ވިސްނާލުމަށް މަޑުކޮށްލުމެއްނެތި މުސްކާން ޑައިލްކޮށްލިއެވެ. 

"ހެލޯ.." ދެވަނަ ރިންގުން ފޯނު ނެގިއެވެ. ނަމަވެސް ވާހަކަދެއްކީ ޝަރީފުއެއް ނޫނެވެ. 

"ނިޝާނާދައްތަދޯ؟ މީ މުސްކާން! އެނގިއްޖެތަ؟" މުސްކާންއަކީ ކާކުކަން ނޭގިދާނެތީ ކަންތައް ބޮޑުވިއެވެ. ނަމަވެސް  ވާހަކަދެއްކީ ވަރަށް އުފާވެރި ރާގެއްގައެވެ. 

"އާން..! ދައްތައަށްވެސް މުސްކާން އިނގޭނެއެއްނުން.. ކިހިނެއްވީ ދޫނީ؟ ހާދަހައި އެހެންކަހަލަ ގަޑިއެއްގައި؟" ނިޝާނާގެ އަޑުއިވުމުން، އެއަޑުގެ ނުތަނަވަސްކަން މުސްކާންއަށް އިހްސާސްވިއެވެ. ހިނިތުންވުން ފަނޑުކޮށްލާފައި ނުހަނު ލޯބިން މައާފަށްވެސް އެދުނެވެ. ހަގީގަތުގައި ނިޝާނާ އެވަގުތުއިނީ ޝަރީފުގެ ފޯނުން އޭނާއަށް ބޭނުންހިފޭނެ މައުލޫމާތެއް ލިބޭތޯ ހާވާށެވެ.

"އިޓްސް އޯކޭ ދޫނީ.. ޝަރީފުބެއަށް އޮތީ ނިދިފައި.. މުހިއްމުކަމެއްގައިދޯ ތި ގުޅާލީ.. މަޑުކޮށްލައްޗޭ ގޮވާލާނަން" ކިތަންމެ ސުވާލެއްކުރާން ހިތް އެދުނަސް، މުސްކާންއާއި އެސުވާލުތައް ކުރާން ނިޝާނާ ފަސްޖެހުނެވެ.  އުނދަގުލުން ޝަރީފު ހޭލައްވާންޖެހުނަސް، ނިޝާނާ އެކަންކުރީ މުސްކާންއަށް ޓަކައެވެ. 

"މިއޮތީ މުސްކާން ގުޅާފައި.. ވާހަކަދައްކާލަބަލަ!" ޝަރީފު ދެލޯބޮޑުވެގެން ދިޔަވަގުތު، ނިޝާނާގެ އަތުން، ފޯނު ޖަހައިގަނެވުނީ، ސައިޑްޓޭބަލްމަތީގައި އިން ގަޑި ފެނުނީތީއެވެ. 

"ދަރިފުޅާ މުސްކާން.. ދޫނީ ކިހިނެއްވީ؟ ބައްޕައަށް ކަމެއްވީތަ؟" ޝެނީންއާއި ޔަނާލްގެ ސިއްރު ހިއްސާކުރުންތަކުގެ ސަބަބުން ޝަރީފުއަށް ނުތަނަވަސްކަން ލިބިފައިވިޔަސް، މިވަގުތު އެކަމުގެ އެއްވެސް ލިސާނެއް ނެތެވެ. 

"ނޫނޭ ޝަރީފުބޭ.. ބައްޕައަށް ކަމެއްވީކީ ނޫން.. އެކަމަކު ވަރަށް މުހިއްމު އެއްޗެއް އަހާލަންވެގެން.. މިގަޑީގައި ބައްޕައަށް އުނދަގޫ ނުކުރާންވެގެން" ވަރަށް ލޯބިން މުސްކާން ވާހަކަދެއްކިއެވެ. ޖެހިލުންވެފައިވާކަން މުސްކާންގެ އަޑުން ޝަރީފް ދެނެގަތެވެ.

ޝަރީފުގެ މޫނަށް ބަލަހައްޓައިގެން ނިޝާނާވެސް އިނީ ކަންތައް ބޮޑުވެފައެވެ. މުސްކާން ނުފެންނަތާ އަހަރުތަކެއް ވެއްޖެއެވެ. ކުއްލިޔަކަށް މެންދަމެއްގެ އެވަގުތުގައި މުސްކާންގެ ކޯލެއް ޝަރީފުއަށް އައުމުން ނިޝާނާވެސް ނުތަނަވަސްވިއެވެ. 

"މަންމަގެ އެއްވެސް ވާހަކައެއް ބައްޕަ، ޝަރީފުބެއާއި ޝެއަރކުރިތަ؟ މުސްކާންގެ ކާފައަކީ މަންމައަށް ވަރަށް އަނިޔާކުރާ މީހެއްތަ؟ ކާފަ ކީއްވެގެންތަ، މަންމައާއި ބައްޕައަށް އެހެންހެދީ؟" މުސްކާންގެ ހިތާމަތައް ފޮރުވަން މަސައްކަތްކުރާކަން ޝަރީފް ދެނެގަތެވެ.

ނިދީގެ އަސަރުހުރިނަމަވެސް، ޝަރީފުގެ ކޯތާފަތުން ކަރުނައިގެ ކޫރެއްދެމިލިއެވެ. ނިޝާނާއާއި ދިމާއަށް ބަލައިލެވުނު އިރު ޝަރީފުގެ ނޭފަތުގެކުރި ތުރުތުރުއަޅައެވެ. މަންމައެއްގެ ލޯތްބަށްއެދި ދަރިއަކު ތަހަންމަލްކުރާ ވޭން ޝަރީފުއަށް އިޙްސާސްކުރެވުނީއެވެ. ޔަނާލްއާއި މުސްކާންއާއި ދެމެދު އޮންނަ ގާތްކަންވެސް އެންމެ ރަގަޅަށް އެނގޭނެ އެކަކީ ޝަރީފްއެވެ.

މެންދަމުގެ އެވަގުތުގައި ޔަނާލްއަށް ސުވާލުތައް ކުރުމުގެ ބަދަލުގައި ޝަރީފްއަށް އެގުޅީ އެދަރިފުޅުގެ ހިތައް ކެތް ނުވެގެންކަން ޝަރީފްއަށްވެސް އެގެއެވެ. ކާގޭ ތެރޭގައި ޔަނާލްއާއެކު މުސްކާން ދެއްކި ވާހަކަތައްވެސް ޝަރީފުގެ ހަނދާނުގެ ތެރެއިން އާވެލައިފިއެވެ. 

"މަންމައާއިބެހޭގޮތުން ވަރަށް ގިނަ ވާހަކަތައް ބައްޕަ ބުނެދިން.. އެކަމަކު އަދިވެސް އިތުރަށް އެނގެން ބޭނުން.. ސުވާލުކުރަން ވަރަށް ބޭނުން.. އެކަމަކު ބައްޕަގެ ސިކުނޑިއަށް އެހައި ޕްރެޝަރކުރާކަށް ނުވާނެދޯ! ބައްޕަ ޝަރީފްބެއާއި ޝެއަރކޮށްފައި އޮވެދާނެތީ، މި އަހައިލީ!" ހިމޭންކަމާއެކު މުސްކާން ދައްކަމުންދިޔަ ވާހަކަތައް ޝަރީފް އަޑުއެހިއެވެ.

"މަންމަ ހުންނަގޮތް އެނގެން ވަރަށް ބޭނުން.. މުސްކާންގެ ހިތައް ވަރަށް ތަދުވޭ.. މަންމަގެ ލޯބި އިޙްސާސްކޮށްލެވޭނީވެސް މަންމަ ހުންނަ ގޮތް މުސްކާންއަށް އެނގުނީމައި.. ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ މަންމަ ދެކިލާހިއްވާނެ.. ޝަރީފްބެއަށް  އެކަން ގަބޫލުކުރެވޭދޯ.. މުސްކާންގެ ނަސީބުގައި މަންމަގެ ލޯބި ލިބުން ނެތަސް، އެ އުފާވެރިކަން އިހްސާސްކޮށްލަން ވަރަށް ބޭނުން.." ކެތްތެރިކަމާއެކު މުސްކާންގެ ވާހަކަތައް ޝަރީފް އަޑުއެހިއެވެ. 

"ދަރިފުޅާ.. ޝަރީފުބެއަށްވެސް ހަގީގަތެއް ނޭގެ.. އިނގޭހާވެސް އެއްޗަކީ ދަރިފުޅުގެ މަންމައަށްޓަކައި ބައްޕަގެ ހިތުގައި އޮންނަ ލޯތްބާއި އެ ގަދަރު... މަންމަގެ ސިފަތައް ބައްޕަ ކިޔައިދީފައި ނެތަސް، އެއްދުވަހަކު ބުނި، މުސްކާންގެ ލޮލާއި ކަޅިރަވަ، އެއީ ތި ދެމައިންގެ ކާބަން ކޮޕީއެކޭ.. ތަފާތެއްވެސް ނުހުންނަކަމަށް ބައްޕަ ބުނި!  ދަރިފުޅުގެ މަންމަދެކެ، ބައްޕަ ވަރަށް ލޯބިވޭ.. އެވަރުގެ ކެތްތެރި މާތް އިންސާނަކު ޝަރީފުބެގެ ހަޔާތުގައި ނުވެސްދެކެން.. ބައްޕަގެ މުޅި އުމުރު އެ ހޭދަކުރަނީ މަންމަގެ އިންތިޒާރުގައި.. އެހެންވީމައި ޝަރީފުބެއަށް ބުނެވޭނީ، މުސްކާންގެ މަންމައަކީ ވަރަށް ފުރިހަމަ، ވަރަށް މާތް އަންހެނެކޭ! އެހެންނޫނީ ބައްޕަގެ ހިތުގައި އެވަރުގެ ލޯތްބަކާއި އިޙްތިރާމެއް އުފެދޭނެތަ...؟ މިރޭ ދެން ނިދާލާ ދޫނީ.. އޮފީހަށް ގޮސް، ކާޑްޖަހާލާފައި މުސްކާންއާއި މީޓްކޮށްލަން ޝަރީފުބެ ދާނަން" ކޯތާފަތުން ކަރުނަ ފޮހެލަމުން ޝަރީފު ބުނެލިއެވެ.

ވަރަށް ޝުކުރުއަދާކޮށްފައި މުސްކާން ފޯނު ބޭއްވީ ޝަރީފުއަށް ބަރަކާތްލެއްވުން އެދެމުންނެވެ. ކިތަންމެ ޒުވާބެއްކޮށް، އަބަދު އަރާރުންވިޔަސް، ނިޝާނާގެ ފަރާތުން މިވަގުތު ޝަރީފުއަށް ފެނުނީ ހަމަހިމޭންކަމާއި އިޙްތިރާމެވެ. 

"ލޯބި ލޯބި ދަރިއެއްދޯ! ކުރިން ހުންނަ ގޮތައްތަ މިހާރުވެސް ހުންނަނީ؟ އަހަރެން ކުރިންވެސް ބުނަންދޯ މުސްކާންގެ ލޮލުގެ ރީތި ވާހަކަ.. މިގަޑީގައި އެގުޅީ ކީއްވެގެން ބާ؟.. ހުވަފެނެއް ފެނުނީ ކަމަށްވެސް ވެދާނެ.. ޔަނާލްއަށް ނިދިފައި އޮތީމަ ކަންނޭގެ ޝަރީފްއަށް އެގުޅީ ދޯ" މުސްކާންއަށްޓަކައި ނިޝާނާގެ ހިތުގައި ގަދަރެއް އެބައޮތްކަން އެނގުމުން ޝަރީފު ނުހަނު އުފާވިއެވެ. ތަފާތު ނަޒަރަކުން ނިޝާނާއަށް ބަލައިލެވުނު ސަބަބަކީވެސް އެއީއެވެ. 

ޔަނާލްގެ ކިބައިން ލިބުނު މައުލޫމާތަކަށްވުރެން، ޝެނީންގެ ކިބައިން ޝަރީފުއަށް އެނގިފައި އޮވެދާނެ އިތުރުއެއްޗެއް އޮތްތޯބަލަން މުސްކާން ބޭނުންވަނީކަމަށް ޝަރީފުއަށް ޔަގީންކުރެވުނެވެ. އެވާހަކަ ނިޝާނާއާއި އިތުރަށް އެވަގުތު ދައްކާން ބޭނުންނުވީ އެސަބަބަށްޓަކައެވެ. 

މެންދަމުން އަލިވެ ތިނެއްޖަހައި ބޮޑުވެއްޖެއެވެ. ޝެނީންގެ ކޯލްއެއް އަންނާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ނަމަވެސް ގުޅީތީވެ، ވާހަކަދެއްކީއެވެ.

"މީގެފަހުން ރޭގަނޑުގެ މެންދަމު އަހަރެންނަށް ނުގުޅިއްޔާ ވަރަށް ރަގަޅު؟" ޝައުގުވެރިކަން ކުޑަގޮތަކަށް ޔަނާލް ބުނެލީ އިންޒާރުގެ ގޮތުގައެވެ. ޝެނީންގެ ވާހަކަހުރިގޮތް މިގަޑީގައި ޔަނާލްއަށް ކަމަކުނުދިޔައެވެ. 

"ކުރީ ރޭ އެހުރިހައި ވާހަކައެއް ބުނެދީފައި އަހަރެން މެސެޖްކުރީމައިވެސް އެއްވެސް އެއްޗެކޭ ނުބުނޭ.. ނިމާގެ ހަޔާތުގެ އަނދިރިފަރާތާއިމެދު ސުވާލު ނުކުރާނަންތަ؟ އިތުރު އެއްޗެއް ޔަނާލްބުނޭތޯ އިންތިޒާރު ކުރިއެވެ. 

"ނިމާއަކީ ޔަނާލް ހީކުރާހައި މާތް އަންހެނެއް ނޫން.. އޭނާގެ ބައްޕަގެ..." ނިމާގެ ގަދަރުކުޑަކޮށްލުމަށް ޝެނީން ގަސްތުގައި ފައިނެގިއެވެ. ޔަނާލްގެ އިނގިލިތައް މުއްކެވިގެންދިޔަ ވަގުތުގައި ދެލޯ މަރާލެވުނެވެ. ހިތައް ތަދުވީއެވެ. ނިމާގެ ގަދަރުކުޑަވާނެ އެންމެ ލަފްޒަކަށްވެސް ޔަނާލްގެ ހަޔާތުގައި ޖާގައެއް ނެތެވެ. އެކަން ނޭގުނީ ޝެނީންއަށެވެ.

"ނިމާގެ އަޚްލާގާއި އޭނަގެ ކިޔަމަންތެރިކަމާއިބެހޭގޮތުން އަހަރެން ޝެނީން ކިބައިން ނަގަންޖެހޭ ފިލާވަޅެއް ނޯންނާނެ.. މިކަން ހަނދާންކުރާތި! އަހަރެންގެ ކުރިމަތީގައި ނިމާއާއި އެއްހަމައެއްގައި އެއްވެސް އަންހެނަކު ނުހުންނާނެ.. ޝީ އިޒް މައި ކްއީން!" ހިތްހަމަނުޖެހުމާއެކު ޔަނާލް ބުނެލިއެވެ.

"އަހަރެން އެހުރިހައި ވާހަކައެއް ކިޔައިދީފައި އެހައި ދިގު މެސެޖްތަކެއް ލިޔުނީ ކީއްވެތޯ ސުވާލުވެސް ނުކުރާނަންތަ؟" ޝެނީން ބޭނުންވީ ވާހަކަ ދިގުދަންމާށެވެ. 

"އަހަރެންގެ ސުވާލަކަށް އިންތިޒާރުކުރުމަށްވުރެން، ޝެނީންގެ އަމިއްލަ ބޭނުމެއް އޮތިއްޔާ، އެކަމެއް ބުނެލުން މާރަގަޅުވާނެ.. މީގެކުރިން އަހަރެން ހީކުރީ ޝެނީންގެ ދިރިއުޅުން ތިގޮތައް ބަރޯސާވެފައި އޮތީ ހާލަތުގެ ސަބަބުން ކަމަށް.. އެކަމަކު އެހެނެއްނޫން ދޯ.. ހިތްފުރޭވަރު ވަންދެންވެސް އެއްތައްޓަކުން ކާން ކެތް ނުކުރެވޭދޯ" ޔަނާލްއަށް ވިސްނުނުގޮތް އޭނާ ބުނެލިއެވެ. ހަގީހަގުތައި އެގަޑީގައި ޝެނީންއާއި ވާހަކަދައްކަން ޔަނާލް ބޭނުމެއް ނޫނެވެ. 

"އަހަރެން މިގުޅީ ނުނިދިގެން.. ޝަރީފު އަހަރެންނާއި ވަރަށް ދުރުވެއްޖެ.. އަހަރެން ވަރަށް އެކަނިވެއްޖެ.. އަހަންނަށް ގަބޫލުކުރެވެނީ، ޔަނާލްއާއި އަހަރެންނާއި ދެމީހުންގެ ހާލަތު އެއްގޮތްވެފައި މިއޮތީ، ތަގުދީރުގައި އަހަރުމެން ދެމީހުންގެ ނަން ކޮންމެވެސް ގޮތަކަށް ލިޔެވިފައި އޮތީތީ ކަމަށް.. އަހަރެން ޝަރީފުއާއެކު މިއޮއްހާ ދުވަސްވަންދެން އުޅުނުއިރުވެސް ހަގީގަތުގައި އޭނާދެކެ އަހަންނަށް ލޯތްބެއް ނުވެވުނު.. އެކަން މިހާރު އެނގިއްޖެ! މިއޮއްހުރިހައި ދުވަހު އަހަރުމެން އުޅުނީވެސް ލޯބިވެރިން އުޅޭގޮތަކަށް ނޫން.. އެއަށްވުރެން މާ ގާތްކަމެއް އަހަރުމެންގެ ދެމެދުގައި އޮތް... އެއްވެސް ސަބަބެއް ނުބުނެ ކުއްލިޔަކަށް އަހަރެން އެކަހެރިކޮށް، ބާކީކޮށްލީމައި އަހަރެން ކިހައި ނިކަމެތިވާނެ .. ހެލްޕް މީ..ޕްލީޒް ޔަނާލް.. އަހަރެންގެ އެކަނިވެރިކަން ދުރުކޮށްލަން، އަހަންނަށް ވަގުތުކޮޅެއް.. "

ޝެނީން ދައްކަމުންދިޔަ ވާހަކައިގެ ފަހު ޖުމުލަ ނުނިމެނީސް ޔަނާލްގެ އަޑު އިވުމުން، ޝެނީން ހިތުގައި ޖެހުނުގޮތް ދައްކާލިއެވެ.  ޔަނާލް ނުރުހެންޖެހޭ ސަބަބެއް އޮވެދާނެކަމަށް ޝެނީންއަށް ގަބޫލުނުކުރެވޭ ކަމަށް ބުންޏެވެ. ހިތްހަމަނުޖެހުނަސް، އެކަނިވެރިވިޔަސް ޔަނާލްއަށް މެންދަމު  ނުގުޅުމަށް ބުންޏެވެ. 

"އަހަރެންގެ ވާހަކަތައް ހިއްސާކުރާނެ އެއްވެސް މީހަކު މިވަގުތު ނެތް.. ސަބަބެއް ނެތި، ޝަރީވެސް އަހަރެން ދޫކޮށްލީ ކަންނޭގެ.. މިގެއަކަށްވެސް ނާދޭ.. ފޯނު ކުރިޔަސް ހީވަނީ ބޮލަށް އުނދަގޫވެގެން އުޅޭހެން.. އަހަރެންގެ މިވާހަކަތައް ހިއްސާކުރާނެ މީހެއް ޔަނާލް ބުނެބަލަ" ރޮވޭގޮތް ދައްކާލަމުން ޝެނީން ވާހަކަދެއްކިއެވެ.  

"ނިމާއާއި ބެހޭ ވާހަކައެއްގެ އިތުރުން، އަހަރުމެން ދެމީހުންގެ ދެމެދު ދެކެވެންޖެހޭ އަމިއްލަ އެއްވެސް ވާހަކައެއް ނުހުންނާނެ.. މިހާތަނަށްވެސް ޝަރީފު ގާތުގައި މިވާހަކަތައް ނުދެއްކި އޮތުން މިއީ އަހަރެންނަށް ކުރެވުނު ކުށެށްކަމަށް މިރޭ ގަބޫލުކުރެވިއްޖެ.. ނިމާގެ ވާހަކަތައް ޝެނީންއާއި އަހަރެން ހިއްސާކުރިޔަސް، އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއްގެ ވާހަކައިގައި ޝެނީން ޝާމިލްނުކުރަން.. ޝެނީންއާއި ޝަރީފްއާއި ގުޅޭގޮތުން އަހަރެން ސުވާލެއް ކުރާނެނަމަ، އެކަން ކުރާނީ ޝަރީފް މެދުވެރިކޮށް.. މިހާތަނަށް ދެކެވުނު ހުރިހައި ވާހަކައެއްވެސް ދެއްކީ، ނިމާއާއި ޝެނީންއާއި ދެމީހުންގެ އާއިލީ ވާހަކަތަކެއްގެ ގޮތުގައި.. އަދި އަހަރެންގެ ދަރިފުޅުގެ މަންމަގެ ހަޔާތާއި ބެހޭގޮތުން.. ނިމާގެ މައުލޫމާތަށް ޝެނީންގެ ފަރާތުން ލިބުނު ހުރިހައި އެއްބާރުލުމަކަށް އަހަރެން އަބަދުވެސް ޝުކުރުވެރިވާނަން.. އެކަމުގެ ބަދަލެއްގެ ގޮތުގައި އެހީއެއް ބޭނުންވާނަމަ، ފަސްނުޖެހި އެހީއަށް އެދެންވީ..! މި ނޫން އިތުރު އެއްވެސް ގުޅުމެއް އަހަރުމެން ދެމީހުންގެ ނޯންނާނެ! 

މިކަމަށް ޝެނީން އިޙްތިރާމްކުރާނެކަމަށް އަހަރެން އުއްމީދުކުރަން.. " 

މެންދަމުގެ ލަސްގަޑިއެއްގައި ޝަރީފުގެ ޝަކުވާއަކާއިގެން ޝެނީންގުޅުމުން އެކަމާއި ޔަނާލް ހިތްހަމަ ނުޖެހިއްޖެކަން ޝެނީންއަށް ވިސްނައިދޭން ޔަނާލް ބޭނުންވިއެވެ. އަދި އެފަދަ ދެވަނަ ފުރުސަތަކަށް މަގުފަހިވިޔަނުދިނުމަކީ ޔަނާލް ކުރަންޖެހޭކަމެއްކަމަށް އޭނާއަށް ގަބޫލުކުރެވެއެވެ. 

"އަހަންނަށް އޯކޭ ޔަނާލް ކޮންމެ އެއްޗެއް ކިޔަސް.. އެނގޭހާވެސް އެއްޗަކީ ޔަނާލްއާއި ވާހަކަދައްކާލީމައި ލިބޭ ހިތްހަމަޖެހުން އެހެންމީހެއްގެ ފަރާތުން ނުލިބޭކަން.. އަހަންނަށްވެސް ވަރަށް ރަގަޅަށް ޔަނާލް މިހާރު އެނގޭނެ ދޯ" ޖެހިލުމެއްނެތި ޝެނީން ބުންޏެވެ. ޖަވާބުގައި ބުނާނެ އެއްޗަކާއިމެދުގައި ވިސްނާލުމަށް ޔަނާލްއަށް ވަގުތުކޮޅެއް ބޭނުންވިއެވެ. ހީކުރެވުނު ވަރަށްވުރެންވެސް ޝެނީންގެ ގޮތެއް ނެތްކަން ޔަގީންވިއެވެ.

ބުނަންބޭނުންއެއްޗެއް ނިކަން ހަލުވިކޮށް އަމުނާލާފައި ޔަނާލްގެ ފޯނު އެއްލާލި އެނދުމައްޗަށެވެ.  

- ނުނިމޭ -

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް