
އެލިއުޑް ކިޕްޗޯޖް، ފަހަތަށް ޖައްސައި، ކެންޔާގެ އެވަންސް ޗެބާތް ބޮސްޓަން މެރެތަން ކާމިޔާބުކުރީ ދެ ގަޑިއިރު، ފަސް މިނިޓް 54 ސިކުންތުން މެރަތަން ނިންމައިގެންނެވެ. މިއީ އެވާންސް މި ރޭސް ވިދިވިގެން ކާމިޔާބު ކުރި ދެވަނަ އަހަރެވެ.
ދުނިޔޭގެ އެންމެ ބާރު މެރަތަން އެތްލީޓު ކިޕްޗޯޖަށް ހޯމަ ދުވަހު އޮތް ބޮސްޓަން މެރެތަންގައި ލިބުނީ ހަވަނައެވެ. ކިޕްޗޯޖަށް ރޭސް ނިންމުނީ އެއްވަނައަށް ދިޔަ އިވާންސްއަށްވުރެ 3 މިނިޓް 29 ސިކުންތު ލަހުންނެވެ. މި ރޭހުން ކިޕްޗޯގަށް ހަވަނަ ލިބުނު އިރު މިއީ އޭނާގެ ކެރިއަރުގައި އެންމެ ދަށްކޮށް ނިމުނު ތިން މެރެތަންގެ ތެރެއިން އެއް މެރެތަންއެވެ. އަދި މިއީ 2020 ވަނަ އަހަރު ލަންޑަން މެރަތަނުން ނުވަ ވަނައަށް ދިޔަ ފަހުން، ކިޕްޗޯގަށް އެންމެ ލަހުން ނިންމުނު ރޭސްވެސްމެއެވެ.
ބޮސްޓޮން މެރެތަންގައި ކިޕްޗޯގް ދުވި މިއީ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ރޭހުން ބޮޑު ނާކާމިޔާބީއެއް އޭނާއަށް ލިބުނު ނަމަވެސް މިދިޔަ އަހަރު ޖަރުމަންގެ ބާލިން މެރެތަންގައި ކިޕްޗޯގްވަނީ ދުނިޔޭގެ ރެކޯޑް ހަދާފައެވެ. ކުރިންވެސް އޭނާ އަތުގައި އޮންނަ ރިކޯޑް މިދިޔަ އަހަރު ޖަރުމަނުގައި އޭނާ އާކުރީ ކުރިއަށްވުރެ 30 ސިކުންތު އަވަހަށް ނިންމައިގެންނެވެ.
މީގެ ފަސް އަހަރު ކުރިން 2018 ގައި 2 ގަޑި 01 މިނިޓް 39 ސިކުންތުން ހެދި ރެކޯޑް ކިޕްޗޯޖް، ޖަރުމަނުގައި މުގުރާލީ 2 ގަޑި 01 މިނިޓް 09 ސިކުންތުން ދުވެގެންނެވެ.