ads
މިނިސްޓަރު އިމްރާން އަބްދުﷲ
ސްކޭމް މައްސަލަތަކުގައި ދިރާގާއި އުރީދޫއަށް އިމްރާންގެ ތުހުމަތުތަކެއް!
ޖަލުގައި ހިންގާ ސްކޭމް ކޯލްތަކާއި އެހެނިހެން ކުށްތަކުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެކަށީގެންވާ ގޮތަކަށް ދިރާގާއި އުރީދޫން ފުލުހުންނަށް ފޯރުކޮށް ނުދޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ސުވާލު ކުރުމުގެ ވަގުތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ގައިދީން ހިންގާ ސްކޭމްތައް ހުއްޓުވުމަށް މާފުށީ ޖަލުގައި އެންޓަނާއެއް ހަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ސްކޭމް ކޯލްތަކުގެ މައުލޫމާތު ޖަމާވަނީ ދިރާގާއި އުރީދޫގެ ސާވާތަކަށް ކަމަށާއި އެ ކުންފުނިތަކުން ފުލުހުންގެ ތަހުގީގަށް އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ނުދޭކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ސްކޭމް ކޯލް ތަކުގެ މައްސަލާގައި ދިރާގާއި އުރީދޫން ފުލުހުންނަށް ހިއްސާކުރާ މައުލޫމާތުވެސް އެކިފަހަރު އެކި ފޯމޭޓްގައި ހުންނަކަމަށެވެ. އެހެންކަމުން ތަހުގީގުގައި އެކަމުގެ ސަބަބުންވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް އިމްރާން ވިދާޅުވިއެވެ.

ސްކޭމްތައް ހުއްޓުވުމަށް މި އަހަރުވެސް 431 ނަމްބަރެއް ބްލޮކްކޮށް 365 އައިއެމްއީއައި ބްލެކް ލިސްޓުކޮށްފައިވާ ކަމަށާއި 10 އައިޕީ އެޑްރެސް  އަދި 12 ވެބްސައިޓެއް ބްލޮކް ކޮށްފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ނަމަވެސް ސްކޭމް ކޯލްތައް ހިންގާ ނަމްބަރުތަކުގެ ހިދުމަތް ކަނޑާލުމަށް ފުލުހުން އެންގުމުންވެސް އެކަން ނުކޮށް ގިނަ ދުވަސްތަކެއް ހޭދަވާކަމަށް އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގައި ސްކޭމް ތަކުން އަހަރަކު އެތައް މިލިއަން ރުފިޔާއެއް ރައްޔިތުންގެ އަތުން ގެއްލެމުން ދެއެވެ. އަދި ގިނަ ސްކޭމް ކޯލްތައް ހިންގަނީ މާފުށީ ޖަލުގައި ތިބޭ ގައިދީންކަން ފާހަގަ ކުރެވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް