ޒައިނަބް ބިންތި ޚުޒައިމާ (ރއ) ނުވަތަ އުއްމުލް މަސާކީން (ފަގީރުންގެ މަންމަ) އަކީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ ފަސްވަނަ އަބިކަބަލުންނެވެ. އިސްލާމީ ބައެއް އިލްމްވެރިން އެއްބަސްވެލައްވާގޮތުން، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އަށް ފަހު އެކަލޭގެފާނުންގެ ދިރިއުޅުއްވުމުގެ އާދަކާދަތަކުގެ ލާމަސީލު މިސާލެއް ނަންގަވާކަމަށް ވަނީނަމަ، އެތަނުން އެއް ބޭކަލަކީ ނުވަތަ ބޭކަބަލަކީ ޒައިނަބް ބިންތި ޚުޒައިމާ (ރއ) އެވެ. އެކަމަނާ އަކީ އެހާވެސް މާތް އަޚްލާގެއްގެ، ކިޔަމަންތެރި، ވަފާތެރި އަދި ތަގްވާވެރި ކަބަލެކެވެ. އެހެންނަމަވެސް، ކައިވެނިފުޅަށް އެއްމެ 8 މަސްދުވަސް ތެރޭގައި އެކަމަނާ އަވަހާރަވެވަޑައިގަތުމާއެކު، އެކަމަނާއާއި ބެހޭ މާގިނަ ތަފްސީލްތަކެއް މިހާތަނަށް އައިއިރުވެސް އެއްކުރިވަފައެއް ނުވެއެވެ.
ޒައިނަބް ބިންތި ޚުޒައިމާ (ރއ) އަކީ މާތް ރަސޫލާ މުޙައްމަދު (ރސއވ)ގެ އަބިއަބިކަބަލުންގެ ތެރެއިން، ގުރައިޝް ވަންހައިގެ ބޭރުން ކައިވެނި ބައްލަވައިގަތް ފުރަތަމަ ކަމަނާއެވެ. އެކަމަނާގެ ބައްޕާފުޅު، ޚުޒައިމާ އިބްން އަލް ހާރިޝް ނިސްބަތްވެވަޑައިގަންނަވަނީ މައްކާގެ ހިލާލް ވަންހައަށެވެ. އެކަމަނާގެ އެއްމެ ފުރަތަމަ ފިރިކަލުންނަކީ އެކަމަނާގެ ދެބެންގެ ދެދަރި ބޭކަލެއްކަމަށްވާ ޖަހްމް އިބްން އަމްރް އިބްން އަލް ހާރިޝް އެވެ. ޒައިނަބް ބިންތި ޚުޒައިމާ (ރއ) އިސްލާމްދީން ގަބޫލުނުކުރައްވަނީސްވެސް، އެކަމަނާ އަކީ އެކަމަނާގެ ދީލަތިކަމަށް މަޝްހޫރު ކަމަނާއެކެވެ. ފަގީރުންނާއި މިސްކީނުން އަދި ސަލާންޖަހާ މީހުންނަށް އެހީތެރިވެދެއްވާލެއް ގިނަ ކަމުން، އެއިރުވެސް "ފަގީރުންގެ މަންމަ"ގެ ނަމުން މުޚާތަބްކުރެވެއެވެ.
ޒައިނަބް ބިންތި ޚުޒައިމާ (ރއ) އިސްލާމްދީން ގަބޫލުކުރެއްވީ ކޮންއިރެއްގަ ކަމެއް އެގޭކަށްނެތެވެ. އެހެންނަމަވެސް އެކަމަނާގެ ދެވަނަ ފިރިކަލުންނަކީ އިސްލާމްދީނަށް ގިނަޚިދުމަތްތަކެއް ކޮށްދެއްވި، މާތް ނަބިއްޔާގެ އަސްހާބުބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނެވި ބޭކަލެއްކަމަށްވާ އަބްދުއްﷲ އިބްން ޖައިޝް އެވެ. އެހެންނަމަވެސް އަބްދުﷲ އިބްން ޖައިޝް އެކަމަނާ ވަރިކުރެއްވިކަމަށް ބެލެވެއެވެ. އެއީ އަބްދުﷲ އިބްން ޖައިޝް އަވަހާރަވިއރު، ޒައިނަބް ބިންތި ޚުޒައިމާ (ރއ) އިންނެވީ އެހެން ކައިވެނިފުޅެއް ކުރައްވައިގެން ކަމަށްވީތީއެވެ. އަދި އަބްދުﷲ އިބްން ޖައިޝް، އެކަލޭގެފާނުން މަދީނާއަށް ހިޖުރައަސް ވަޑައިގަތްއިރު، އެކަލޭގެފާނުންގެ އަބިކަމަނާއަކީ ޒައިނަބް ބިންތި ޚުޒައިމާ (ރއ) ކަމަށް އެއްވެސް ލިޔުމަކުން ފެންނާން ނެތުމެވެ.
އަބްދުﷲ އިބްން ޖައިޝް އަށްފަހު، ޒައިނަބް ބިންތި ޚުޒައިމާ (ރއ) ދެން ކައިވެނި ބައްލަވައިގަތީ، މުއްތަލިބު ގަބީލާގެ މުސްލިމެއް ކަމަށްވާ ތުފައިލް އިބްން އަލްހާރިޝް އާއެވެ. މިކައިވެނިފުޅުވެސް ނިމުނީ ވަރިއަކުންނެވެ. އެއަށްފަހު ދެން ޒައިނަބް ބިންތި ޚުޒައިމާ (ރއ) ކައިވެނި ބައްލަވައިގަތީ ތުފައިލް އިންބް އަލްހާރިޝްގެ ބޭބޭ އެއްކަމަށްވާ އުބައިދާ އާއި އެވެ. އެއީ އެކަމަނާއަށްވުރެން ތިރީސް އަހަރު ދޮށީ ބޭކަލެކެވެ. މީލާދީން 622 ވަނައަހަރު، އުބައިދާ އަދި ޒައިނަބް ބިންތި ޚުޒައިމާ (ރއ) މަދީނާއަށް ހިޖުރަކުރެއްވިއެވެ. މަދީނާގައި އުޅުއްވަމުންދަނިކޮށް، ބަދުރު ހަގުރާމައަށް ގޮވާލެވުނެވެ. މިގޮވާލެއްވުމަށް އިޖާބަދީ، އުބައިދާ ބަދުރު ހަގުރާމައަށް ވަޑައިގަތެވެ. އަދި އެހަގުރާމައިގައި މުސްލިމުންގެ ހައްގުގައި ހަގުރާމަކުރައްވަނިކޮށް ޝަހީދުވެވަޑައިގަތެވެ. މިއާއެކު، ޒައިނަބް ބިންތި ޚުޒައިމާ (ރއ) ހުވަފަތްވީއެވެ.
ޒައިނަބް ބިންތި ޚުޒައިމާ (ރއ) އަށް، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި ކައިވެނި ބައްލަވައިގަތުމަށް ހުށަހެޅުއްވީ އެކަމަނާގެ އަވަހާރަވި ފިރިކަލުންގެ ކޮއްކޯފުޅު ގުބައިސާ އެވެ. ޒައިނަބް ބިންތި ޚުޒައިމާ (ރއ) މިހުށަހެޅުން ގަބޫލުކުރެއްވާ، ޒައިނަބް ބިންތި ޚުޒައިމާ (ރއ) މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި ކައިވެނި ބައްލަވައިގަތީ 400 ދިރުހަމްގެ ރަނަށެވެ.
މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ޒައިނަބް ބިންތި ޚުޒައިމާ (ރއ) އާއި ކައިވެނި ބައްލަވައިގަތުގެމުގެ މައިގަނޑު އެއް ސަބަބެއްކަމަށް ބުނެވެނީ، އެކަމަނާގެ އަވަހާރވީ ފިރިކަލުން، ބަދުރު ހަގުރާމައިގައި ޝަހީދުވުމާއެކު، ހުވަފަތްހާލުގައި ހުންނަވާ ފަގީރު ދިރިއުޅުމަކަށް ގޮސްދާނެތީއެވެ. އަދި މިއިން އަންގައިދެނީ، އިސްލާމްދީނުގެ ހިމާޔަތުގައި، ހަގުރާމަކޮށް ޝަހީދުވާ އާއިލާތަކަށް، މަގުމަތިވާން ދޫކޮށްނުލާނޭކަމެވެ.
މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި ޒައިނަބް ބިންތި ޚުޒައިމާ (ރއ)ގެ ކައިވެނިފުޅަށް އަށް މަސް ވީތަނާ، ޒައިނަބް ބިންތި ޚުޒައިމާ (ރއ) އަވަހާރަވެއްޖެއެވެ. އެކަމަނާ ޖަންނަތުލް ބާގީ ގައި ފަސާދާނު ލައްވާ ކަށުނަމާދު ކުރެއްވެވީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އެވެ.