
މަރަޑޯނާގެ މަރާ ގުޅިގެން އަށް މީހެއްގެ މައްޗަށް ދައުވާ ކުރަން ތައްޔާރުވެފައިވާއިރު، މިއީ އާޖެންޓީނާގެ ޕްރޮސިކިއުޓަރުންތަކެއްގެ އިސްނެގުމަކަށް ބެލި މައްސަލަތަކާ ގުޅިގެން ދައުވާ ކުރެވޭ މައްސަލަތަކެއް ކަމަށް އާޖެންޓީނާގެ އެޕީލް ކޯޓަކުންވަނީ ބުނެފައެވެ.
އާއިލާ އިން ތުހުމަތުކުރާ ގޮތުގައި 2020 ވަނަ އަހަރު، މަރަޑޯނާ މަރުވުމުގައި ސިއްހީ ކަންތައްތަކާ ބެހޭ ފަރާތްތަކުގެ އިހުމާލެއް އެބައޮތެވެ. ދައުވާ ކުރާ އަށް މީހުންގެ ތެރޭގައި ހިމެނެނީ މަރަޑޯނާގެ މެޑިކަލް ޓީމުގެ މެންބަރުންނެވެ.
އޭގެ ތެރޭގައި މަރަޑޯނާގެ ނިއުރޯސާޖަންއަކާ، ސައިކޭޓްރިސްޓުވެސް ހިމެނެއެވެ. ދެން ހިމެނޭ ހަ މީހުންނަކީވެސް މެޑިކަލް ޓީމުގެ މެންބަރުންނެވެ.
މަރަޑޯނާގެ މަރާ ގުޅިގެން ތަހުގީގު ކުރެވުނު މައްސަލަތަކުގެ ތެރޭގައި އެމްބިއުލަންސް އަށް ގުޅައިގެން އެ އަންނަން ދޮޅު ގަޑިއިރު ހޭދަވި ސަބަބާއި ދެ ހަފްތާއެއްހާ ދުވަސް ކުރިން ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައި ގެޔަށް ބަދަލުކުރި މީހެއްގެ ސިއްހީ ކަންތައްތައް ރަނގަޅަށް ބެލުމުގައި ހޮސްޕިޓަލުން އިހުމާލުވެފައިވުން ހިމެނެއެވެ.
މަރަޑޯނާގެ އޮޓޮޕްސީ ރިޕޯޓުގައިވާ ގޮތުން އުމުރުން 60 އަހަރުގެ މަރަޑޯނާ ނިދީގައި މަރުވީ ހިތާއި ފުއްޕާމޭ ފެއިލްވެގެންނެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މަރަޑޯނާ މަރުވީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ.