ads
އިދިކޮޅު ލީޑަރު ޔާމީން އަދި އަދުރޭ
ރިޔާސީ ޓިކެޓްގެ ވާހަކަ ދައްކަންޖެހޭ ހާލަތެއް ނެތް: އަދުރޭ
އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރެވޭނެ ކަމަށާއި، އެހެން ކަމުން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ދިނުމަށް ވާހަކަ ދައްކަންޖެހޭ ހާލަތެއް އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުނުވާކަމަށާއި އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށެވެ.

އެކަން އިލެކްޝަންސް ކޮމިޝަނުންވެސް ޔަގީންކޮށްދީފައިވާކަމަށް އަބްދުއްރަހީމް މިއަދު ވިދާޅުވިއެވެ. އިދިކޮޅު ކޯލިޝަނުން މިއަދުވަނީ އީސީއަށް ވަޑައިގެން އެކޮމިޝަނުގެ ބޭފުޅުންނާ ބައްދަލުވެސް ކޮށްފައެވެ.

ރައީސް ޔާމީން މިވަގުތު ގެންދަވަނީ ވ އާރަށުގެ މައްސަލާގައި ހިޔާނާތާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވާކަމަށާއި އެހެންކަމުން އެ ޓިކެޓް ހޯއްދެވުމަށް އެހެން ބޭފުޅަކު މަސައްކަތް ކުރައްވަން ޖެހޭކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރޯދަ މަސް ނިމުމާއެކު ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން ފެށިގެންދާނެ ކަމަށެވެ. އަދި ކަންކަން ކުރަމުން ގެންދާނީވެސް ރައީސް ޔާމީންގެ ލަފާފުޅުގެ މަތިންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް މިމޭރުމުން ވާހަކަ ދެއްކެވިއިރު، އިދިކޮޅު ރިޔާސީ ޓިކެޓް ހޯއްދެވުމަށް މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާކަމަށް ވަނީ އަޑު ފެތުރިފައެވެ.

އެކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒުގެ ސުލޫކީ މައްސަލައެއްވެސް ޕީޕީއެމުން ބަލަން ފެށިއެވެ. ނަމަވެސް މައްސަލަ ނުނިމެނީ ރަމީޒު ވަނީ ޕީޕީއެމުން ވަކިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް