
ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޔުނައިޓެޑު ރޭ ވަނީ ސްޕެއިންގެ ސެވިއްޔާ އަތުން ތިން ލަނޑު ސުން ލަނޑުން ބަލިވެފައެވެ. ފުރަތަމަ ލެގު ނިމުނީ އަމިއްލަ ދަނޑުގައި ދެ ލަނޑު ދެ ލަނޑުން އެއްވަރު ވެގެންނެވެ.
ރޭ ޔުނައިޓެޑު ބަލިވީ މޮރޮކޯގެ ޒުވާން ފޯވާޑް ޔޫސެފް އައްނަސީރީ ޖެހި ދެ ލަނޑާ ލޮއިކް ބާޑޭގެ ލަނޑުންނެވެ. ފުރަތަމަ ލަނޑު ވަނީވެސް ކެޕްޓަން ހެރީ މެގުއާގެ ބޮޑު މިސްޓޭކަކާއެކުއެވެ.
ފުރަތަމަ ލެގުގައި ޔުނައިޓެޑު ދެ ލަނޑު ދެ ލަނޑުން އެއްވަރުވިއިރު، ފަހު ލަނޑަކީ މެގުއާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެގުއާ އެ މެޗަށް އެރިއިރު ޔުނައިޓެޑު އޮތީ ދެ ލަނޑުން ކުރީގައެވެ. އެކަމަކު ބައިކޮޅަށް ވަތް ދެ ލަނޑާއެކު އެ މެޗުންވެސްވީ އެއްވަރެވެ.
ޔުނައިޓެޑް ވަނީ 2019/2020 ގެ ޔޫރޮޕާ ލީގު ސެމީ ފައިނަލާއި 2017/2018 ގެ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ވެސް ސެވިއްޔާ އަތުން ބަލިވެފަ އެވެ.