ދަރިފުޅު ދުނިޔެއަށް އުފަން ވުމުގެ ކުރިން ގޭގައި ބިދޭސީއަކު ހިދުމަތް ދިނުމަށް ގެނެވެއެވެ. އެމީހާ ގެ ހުރިހާ ޒިންމާއެއް އަމިއްލަ ބޮލުގައި އަޅައިގެން ދެމަފިރިން މަސައްކަތް ކުރަނީ ވަޒީފާގައެވެ. ގިނަ ވަގުތު ގެއިން ބޭރުގައެވެ. ދަރިފުޅަށް ހަމަސް ވުމުން ބިދޭސީ މީހާގެ އަތްމައްޗަށް ދަރިފުޅު ދޫކޮށްލުމަށް ފަހު އަނެއްކާވެސް ވަޒީފާއަށް ނިކުންނަން ޖެހެއެވެ. އާއިލީ މައްސަލަތައް ގިނަ ކަމުން ގިނަ ފަހަރަށް މިފަދަ ފަރާތްތައް ދިރިއުޅުން ހަމަޖައްސަނީ އާއިލާ އާއި ވަކިންނެވެ. އަމިއްލަ އެޕާޓްމަންޓް އެއް ނުވަތަ ކުއްޔަށް ހިފައިގެން އުޅޭތާކު މައިންބަފައިން ތިބެނީ މަދު ފަހަރަކު އެވެ. ދަރިފުޅު ބޮޑުވެގެން އަންނަން ޖެހިފައި އޮންނަނީ އަޅުގަނޑުމެންގެ ދީނެއް، ސަގާފަތެއް، އާދަކާދަ އެއް ނޭނގޭ މީހެއްގެ އަތްމަތީގައެވެ.
މިދެންނެވި މޭރުމުން ބޮޑުވާ ދަރިފުޅު ކިޔަވާ ނިމި ގައުމަށް ހިދުމަތް ކުރުމަށް ނިކުންނަން ޖެހިފައި ވަނީ އަނެއްކާވެސް ބިދޭސީންގެ ތެރެއަށެވެ.
ވަޒީފާ ހޯދުމަށް ދާތަނުގައި ނުވަތަ ވަޒީފާ އަދާކުރާ ތަނުގެ އިސް މަގާމުތަކުން ފެށިގެން ކުނިކަހާ މީހާއަށް ދާންދެން ބިދޭސީންނެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ ދިވެހިންގެ ވަޒީފާ ތަކުގައި ބިދޭސީންގެ އަދަދު ގިނަ ވާހަކައެވެ. އަމިއްލަ ކުންފުނިތަކާއި ހާއްސަކޮށް ފަތުރުވެރި ކަމުގެ ސިނާއަތުގައި މިކަން ފާހަގަ ކުރެވެއެވެ. ސައްތައިން ސައްތަ ދިވެހިން ވަޒީފާ އަދާކުރާ ތަނެއް ނެތޭ ދެންނެވިދާނެއެވެ. މިއީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ ހުނަރުވެރި ގާބިލް އެތައް ޒުވާނުންނެއް ވަޒީފާ ނުލިބިފައި ތިބި އިރު އެ މަގާމުތަކުގައި ތިބި ބިދޭސީން އެތައް ހާސް ޑޮލަރެއް ރާއްޖެ އިން ބޭރުކުރެއެވެ.
ރާއްޖޭގެ މައި ލޭނާރު ކަމަށްވާ މަސްވެރިކަމާ ދަނޑުވެރި ކަމުން ފެންނަނީ ބިދޭސީ މޫނުތަކެވެ. އަވައްޓެރި ގައުމުތަކަށް އަޅުގަނޑުމެން ދަތުރުކޮއްލާއިރު ބޮޑެތި ހަނޑޫ ދަނޑުތަކާއި ތަރުކާރީ ދަނޑުތައް ދައްކާލަމުން އެމީހުން މޭގައި އަތް ޖަހާލަމުން ފަހުރުވެރި ކަމާއި އެކު މިއީ އަހަރެންގެ ދަނޑެކޭ އަހަރެން ކުރާ މަސައްކަތޭ ބުނެލާ އިރު ދިވެހި މީހާ ބުނަން އޮތްހާ ވެސް އެއްޗަކީ އަހަރެންގެ ދަނޑޭ މަސައްކަތް ކުރަން ބޭރުމީހުން ތިބޭނެޔޭ.
މީން އެނގިގެންދާ އެއްޗަކީ ދިވެހިންގެ ކަންނެތް ކަމާ ކޮންމެ ގޮތެއް ވަރިހަމަ ކަމެވެ.
ހަމަ މިއާއި އެކު އާބާދީއަށް ބަލާލި ނަމަވެސް ބިދޭސީ އާބާދީ ބޮޑު ކަމަށް ފާހަގަ ކުރެވެއެވެ. ކަންބޮޑުވުން ތަކެއް އެބަހުއްޓެވެ. މިކަމުގެ ސަބަބުން އުފެދޭ މައްސަލަތަކެއް މަދެއް ނޫނެވެ. ތަނައް ނުކަތާ ވަރަށް މީހުން ގިނަ ވުމުގެ ސަބަބުން އެމީހުނަށް ލިބެން ޖެހޭ އެންމެ އަސާސީ ހައްގުތަކުން އެމީހުން ތިބެނީ މަހްރޫމް ވެގެންނެވެ. މިކަމުގެ ސަބަބުން ޒަމާނުއްސުރެ ދިވެހިންނަށް ލިބިފައިވާ ހިތްހެޔޮ ކަމާ އެކުވެރި ރަހުމަތްތެރި ބައެއްގެ ލަގަބު އަޅުގަނޑުމެންގެ އަތުން ބީވެ ދިޔުމާއި ގާތްވަނީއެވެ. ދިވެހިން ކަންކުރާ ގޮތޭ ބުނެ އެމީހުންގެ އާއިލާތައް ގާތު ދައްކާ ވާހަކަ ތަކުން ދިވެހިން ބަދުނާމު ވަނީއެވެ.
ގެއަށް ނުވަތަ ވަޒީފާއަށް ގެންނަ ބިދޭސީ މީހާ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިގެން ތަން ދޫކޮށް ދާއިރު އެމީހާއަށް އިތުރު ވަޒީފާއެއް ނުވަތަ ވަންނާނޭ އިތުރު ހިޔާވައްސެއް އޮންނަނީ އެއް ނޫނެވެ. މަގުމަތީގައި ލާހޫރޭ މީހެއްހެން އުޅެނިކޮށް ކޮންމެވެސް މީހަކު މަސައްކަތެއް ދިނުމުން ކޮއްލައިގެން ބަނޑު ފުރާނަ މުއްތި ކޮށްލަނީއެވެ. ނުވަތަ ކޮންމެވެސް ރައްޓެއްސެއްގެ ކައިރީގައި މަޑުކޮއްލަނީ އަމިއްލަ ވަޒީފާއެއް ލިބެންދެނެވެ. މިދެންނެވި މީހާ އަނބުރާ އޭނާގެ ގައުމަށް ފޮނުވާލެވޭނެ ގޮތެއް ނެތެވެ. ނުވަތަ ގަވާއިދާ ގާނޫނުގައި އެކަން ލިޔެވިފައި އޮތަސް އެއަށް އަމަލު ކުރާބަޔަކު ނެތެވެ. ދައުލަތުން އެކަން ކުރަން ވިސްނާ އިރު އެކަމަށް އެތައް ލައްކަ ރުފިޔާއެއް ހޭދަ ކުރަން ޖެހެއެވެ.
އަންނަ ނާންނަ ތަނެއް ނޭނގުނު ނަމަވެސް ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ އެއްލައްކަ ބައްތިރީސް ހާސް ތިން ސަތޭކަ ހަތްދިހަ ވުރެ ގިނަ ބިދޭސިން ރާއްޖޭގައި އުޅެމުން ދާކަމެވެ. މިއީ ހަމައެކަނި ލިޔެކިޔުމުން ފެންނަން ހުރި އަދަދެވެ. ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެކެވެ. އަދި ނޭނގޭ ކިތައް މީހުން އުޅޭނެތޯއެވެ. މާލޭގައި އެކަނި ފަންސާސް އެއްހާސް ބިދޭސިން ދިރިއުޅެއެވެ.
ހަމަ މިގޮތައް ރާއްޖޭގައި ރާއްޖޭގެ މީހުން ވަޒީފާއެއް ނެތި ކުށްތަކަށް އަރައިގަންނަ ރޭޓް ވެސް ދަނީ މަތިވަމުންނެވެ.
މިކަންކަމާއި މެދު ވިސްނާ ފިކުރުކޮށް ދިވެހިން ވަޒީފާތަކަށް ގެނެސް ބިދޭސިން މަދު ކުރަން ފިޔަވަޅެއް އަޅާކަށް އަދިވެސް ނުވޭތޯއެވެ.