މި ހަރަކާތަކީ، 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ވަޅު އީދު ދުވަހު، ގާލް ގައިޑް އެސޯސިއޭޝަނުން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކާއި އެކު އީދުގެ އުފާ ހިއްސާކޮށް އެފަރާތްތަކަށް އީދު ހަދިޔާ ދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.
މިހަރަކާތުގައި ބައިވެރިވެވަޑައިގެން،ފަސްޓް ލޭޑީ ފަޒްނާ ވަނީ، މަރުކަޒުގައި ތިއްބެވި ފަރާތްތަކާއި ބައްދަލުކުރައްވައި، އެފަރާތްތަކާއެކު އީދުގެ އުފަލުގައި ބައިވެރިވެވަޑައިގެންފައެވެ.
މީގެ ތެރޭގައި އީދު ހަދިޔާ ބަދަލުކުރުމާއި އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވުން ހިމެނެއެވެ. އަދި އެ ފަރާތްތަކާއެކު އީދުގެ އެކި ކަހަލަ ކުޅިވަރުތަކުގައިވެސް ބައިވެރިވެވަޑައިގަތެވެ.
މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ވަނީ، ކޯވިޑް-19ގެ ދުވަސްވަރުވެސް މިހަރަކާތް މެދުކަނޑާނުލައި ކުރިޔަށް ގެންގޮސްފައެވެ.
މިގޮތުން 2020 ވަނަ އަހަރާއި، 2021 ވަނަ އަހަރު މިހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ ވާޗުއަލް ކޮށެވެ.