
އިދިކޮޅު ކޯލިޝަންގެ ރަސްމީ ރިޔާސީ ކެންޑިޑޭޓަކީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް ޔާމީނަށް ޖަލު ހުކުމް އިއްވުމުގެ ކުރިން ރިޔާސީ ޓިކެޓްވެސް ވަނީ އަރުވާފައެވެ. ނަމަވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވުމާމެދު ވަނީ ސުވާލު އުފެދިފައެވެ.
އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު އޮންނާނެއެވެ. ވަގުތު ވަރަށް ކުޑަތަން ވެއްޖެއެވެ. ޕީޕީއެމް ޕީއެމްސީގެ ލީޑަރުންވެސް ގަބޫލު ކުރައްވަނީ އަދި ވިދާޅުވަމުން ގެންދަވަނީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށެވެ. ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ނަމަ އިދިކޮޅު ލީޑަޝިޕްގައި ޓިކެޓާއިމެދު އެއްވެސް ހިޔާލު ތަފާތުވުމެއް ނެތެވެ.
ހިޔާލު ތަފާތުވުން ހުރީ، ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޓިކެޓް ލިބޭނެ ބޭފުޅަކާއި މެދުގައެވެ. އެގޮތުން އިދިކޮޅު ޓިކެޓަށް ބަލަބަލާ ނަން ކިޔާ ދެތިން ބޭފުޅުން ތިމިކަން އެއީ ފާޅުކަންބޮޑު ގޮތެއްގައި އޮތް އެހެން ނަމަވެސް "ސިއްރެކެވެ."
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒުގެ މައްސަލަ ޖަލުގައި ހުންނެވި ރައީސް ޔާމީންގެ ސިޔާސީ މޭޒުކޮޅަށް އަންނާނީ ލައްކަ ގިނަ ކަންކަން ހިގައިގެންކަމަށް ބަލަން ޖެހެއެވެ. ރައީސް ޔާމީން ޖަލުގައި ހުންނަވާ ފޮނުއްވާ ނޯޓަކަށް އިދިކޮޅު ކޯލިޝަނުން ބޮޑު ތަހުގީގެއް ހިންގާނީ މައްސަލާގައި ސީރިއަސްކަމެއް އޮއްޓަރެއް ހުރީމައެވެ. އެހެން ނޫންނަމަ އެދަފަ މައްސަލައެއްގެ ނޯޓެއް ޖަލުގޮޅިން އަންނާކަށް ނުވެސް ޖެހޭނެއެވެ.
މިމައްސަލާގައި ވާހަކަ ދެއްކި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، އާދަމް ރަމީޒު ކުރެއްވިކަމަކީ މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އަށް ރިޔާސީ ޓިކެޓް ހޯއްދަވާ ދެއްވުމަށް ލޮބީ ކުރެއްވުމެވެ. އެވާހަކަ އިދިކޮޅު ބައެއް ސެނެޓަރުންނާއި ދެއްކެވުމެވެ. ނަމަވެސް އެއީވެސް ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ހާލަތެއްގައި ޓިކެޓް ހޯދުމަށް އެކަންޏެވެ.
ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޑރ މުއިއްޒުއާއި ރައީސް ޔާމީނާއި ދެމެދު މައްސަލައެއް އުޅޭކަން އެނގިވަޑައި ނުގަންނަވާކަމަށެވެ. އެކަން އެހެން މަސްދަރަކުންވެސް ޔަގީންކޮށްދެއެވެ.
ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޓިކެޓް މައްސަލާގައި މުއިއްޒުއާމެދު ހިތްހަމަ ނުޖެހުން ދެން ތިބި ބޭފުޅުންގެ އޮތީ، ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި މުއިއްޒުއަށް ޓިކެޓް ލިބުމުގެ ފުރުސަތު ބޮޑުވުމުންނެވެ. އެނގިފައިވާ ގޮތުގައި ޑރ މުއިއްޒު ގެންދެވީ އެފަދަ ހާލަތަކަށް ވަރަށް ކުރިންސުރެއް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.
މުއިއްޒުގެ ކެމްޕޭނު މެނޭޖަރަކަށް ހުންނެވި ކަމަށް ބުނާ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒުގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހުށަހެޅި، އެންމެފަހު ރަމީޒު ޕީޕީއެމުން ވަކިވެގެން ދިޔައިރުވެސް މިކަމުގައި މުއިއްޒު އެއްޗެއް ވިދާޅުނުވެ، ހުންނެވީ ދުރުގައި ބައްލަވާށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ މަހުގެ ކުރީކޮޅު މިކަމުގައި އިތުރު އެތައް ފުރޮޅުމެއް ފުރޮޅޭނެއެވެ.