ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ އެޕްރީލް މަހުގެ 11 ވަނަ ދުވަހަކީ މާލެ ސަރަހައްދުގައި މިހާތަަނަށް އެންމެ ގިނައިން ކަރަންޓް ބޭނުންކުރި ދުވަސް ކަމަށާއި އެ ދުވަހު 92.5 މެގަވޮޓަށް ވުރެ މައްޗަށް ދިޔަ ކަމަށެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ ހަފުތާގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމުގައެވެ. ސްޓެލްކޯގައި 120 މެގަވޮޓުގެ ކަރަންޓް އުފެއްދުމުގެ ގާބިލުކަން ހުރި ނަމަވެސް ކަރަންޓް އިގުތިސޯދުކުރުމަށް ޝަރީފު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޝަރީފް މިގޮތަށް އިލްތިމާސް ކުރައްވާފައިވާއިރު ސްޓެލްކޯއިން ވެސް ވަނީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައިވާގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުންކުރުމަށާއި ކަރަންޓު އިގުތިސޯދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
"ހާއްސަކޮށް، ފިނި ކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، 25 ޑިގްރީއަށް ވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަ ބެހެއްޓުމަށާއި އިލެކްޓްރޯނިކް އާލާތްތައް ގަންނައިރު އިންވާޓާއަށް އިސްކަންދިނުމަށް އިލްތިމާސް ކުރަން،" މެޓް އޮފީހާ ހަވާލާދީ ސްޓެލްކޯއިން އިއްޔެ ބުނެފައިވެއެެވެ.
އޭގެ ކުރިން ނިމިދިޔަ ރޯދަ މަހުގެ ތެރޭގައިވެސް ސްޓެލްކޯއިން ވަނީ ކަރަންޓު ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، ކަރަންޓު އިގުތިސޯދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
އޭރު ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި އެޕްރީލް އަދި މެއި މަހަކީ މި އަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައް ކަމުގައި ކަމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ކަމުގައެވެ. އެ ދުވަސްވަރު ރޯދަ މަހާ ދިމާވުމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
"އަޅުގަނޑުމެންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެހެން ދުވަސްވަރުތަކާ ހިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަަބަބުން ރޭގަނޑުގެ ވަގުތުތަކުގައިވެސް ކަރަންޓު އުފައްދަން ޖެހޭ މިންވަރު ވަނީ އިތުރުވެފައި،" ސްޓެލްކޯއިން ބުނެފައިވެއެެވެ.
މެޓް އޮފީހުން ވަނީ މި ހިނގަމުންދާ މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ އެއް މަސް ކަމަށްވާތީ ހޫނުކަން އިހުސާސްކުރެވޭ މިންވަރު ބައެއް ވަގުތުތަކުގައި 40 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދާނެތީވެ ބޭރަށް ނިކުމެ އުޅޭއުޅުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މެޓް އޮފީހުން ބުނިފައިވަނީ މި ދުވަސްވަރު ވައިމަޑުވުމުގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށެވެ.
އިހުސާސްކުރެވޭ ހޫނުމިން މަތިވުމާ ގުޅިގެން ސިއްހީ ބައެއް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވުމާ އެކު، ހޫނުން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް މެޓް އޮފީހުން ވަނީ ހިއްސާކޮށްފައެވެ.