ads
ޕާކް ކޮށްފައި ހުރި ވެހިކަލްތަކެއް
މާލޭގެ މަގުތަކުގެ ހާލަތު
ދަރިފުޅު ގޮވައިގެން ސްކޫލްދޮށައް ދާން ގެއިން ނިކުންނަން ޖެހެނީ އެތައް ހާލަކުންނެވެ. ބެލެނިވެރިޔާގެ ކޮނޑުގައި އަޅުވާފައި އޮންނަ ދަބަސް ސައިކަލުގެ ހުންގާނުގައި އަޅައިގަނެގެން ނުނެއްޓިގެން އުޅެން ޖެހޭ ފަހަރުވެސް މަދެއްނޫނެވެ.
Advertisement

މާލޭގެ ހަނިގޯޅިތަކާއި މަގުތައް މިވަނީ ދުއްވާ އެއްޗެހިން ތޮއްޖެހިފައެވެ. ދެމީހުންނަށް އެއްވަރަށް ހިނގާލެވެން އޮންނަ މަގެއްގައި އެކަކުގެ ފަހަތުން އަނެއްމީހާ ދާން ޖެހޭ މަގުތައް މަދެއް ނޫނެވެ. މިދެންނެވި ކަހަލަ މަގުތަކުގައި ނުވަތަ ގޯޅިތަކުގައި ޕާކް ކޮށްފައި ހުންނަ ސައިކަލްތައް ހުންނަނީ އެއްވެސް އިންތިޒާމެއް ނެތިއެވެ. ހިނގާ މީހުންނަށް ދާންވީ ކޮޅެއް ނޭނގިފައި އެތައް އިރެއް ތިބެން ޖެހެނީ އެފަދަ ހަނިމަގުތަކުގައި ދެކޮޅަށް ދުއްވާ އެއްޗެހި ގޮސް ނިމެންދެނެވެ. 

ސަރުކާރުން ހަދާފައިވާ ޕާކިން ޒޯންތަކުގައި ވެސް ހާލަތު ހުރީ މިފަދަ ގޮތަކަށެވެ. ތަންކޮޅެއް އެތެރެއަށް ސައިކަލް ޕާކް ކޮށްފި ނަމަ، ދެން ސައިކަލު ނެރެެން އެތައް ތަކުލީފެއް އުފުލަން ޖެހެއެވެ. އެތައް ވަގުތެއް ހޭދަ ކުރަން ޖެހެއެވެ. 

މާލޭގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް ތިން ވެހިކަލް އެބައޮތޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އާދޭހެވެ. ތަރައްގީ އެވެ. ދަތުރުފަތުރު ކުރުމުގެ ލުއި ފަސޭހަ ކަމެވެ. ނަމަވެސް ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަން ޖެހޭ ފަދައިން މިކަމަށްވެސް ހައްދެއް އޮންނަން ޖެހޭ ނޫންތޯއެވެ؟ 

ފުނަ އޮށެއް ވަރުގެ ކުޑަކުޑަ މާލޭގައި ތަނައް ނުކަތާ ވަރަށް މީހުނާއި ދުއްވާ އެއްޗެއްސެވެ. ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުން އަނެއް ސައިކަލް ނުވަތަ ކާރު ވަގުތުން ފައިސާ ދީފައި ނުވަތަ އިންސްޓޯލްމަންޓައް ގަނެލާއިރު ކުރިން ދުއްވި ސައިކަލް ވެހޭހާ ވާރެއެއްގައި ދޭހާ އަތްވެއްގައި މަގުމަތީގައި ހުރެއެވެ. ބަލާނެ މީހަކު ނެތެވެ.

ވެހިކަލްތަކުގެ ބަރުގަނޑު އަޑުފައް ގަނޑުން ކަންފަތައް ވާ އުނދަގުލާއި އަރާ ދުމުން ސިއްހަތައް ލިބޭ ގެއްލުމުގެ ވާހަކަ އަދި އޮތީއެވެ. ބާވެ ވީރާނާވާން ކައިރިވެފައި ހުންނަ މިފަދަ ވެހިކަލްތައް މިހާރު ފެންނަލެއް ތަންކޮޅެއް  މަދުވެއްޖެއެވެ. 

އެހެންނަމަ ވެސް ބަނދަރު މަތީ ސަރަހައްދުގައި މިފަދަ "މަދިރިބޭސް"ޖަހާ ވެހިކަލްތައް މިހާރު ވެސް އެބަހުއްޓެވެ. ބޮޑެތި ބަރު ވެހިކަލްތައް އާއްމުކޮށް ދުއްވާ މަގުތައް ހީވަނީ އޮއްވައި ގޮނޑިއެއްހެނެވެ. އެއިން މަގަކުން ދުއްވާފައި ދާއިރު ހީވަނީ ސައިކަލް އެކު މީހާ ވެސް ރޫޅިދާނެ ހެންނެވެ

ޓްރާންސްޕޯޓް މިނިސްޓްރީއިން ކަނޑައަޅާފައި އޮންނަ ގަވާއިދު ފޮތުގައި އޮވެއެވެ. އަމަލުކުރާ މީހުން އަމަލު ކުރެއެވެ. ނުފެންނަ ބަޔަކަށް އެއީ އޮތް އެއްޗެއް ކަމެއް ނޭނގެއެވެ. ނުވަތަ އެނގުނަސް އެގަވާއިދާ ގާނޫނަށް އަމަލު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ނުދެކެނީ އެވެ. 

ފަރުދީ ޒިންމާއެއް ކަމަށް ދެކި އެއް ވެހިކަލް ގަންނައިރު އަނެއް ވެހިކަލް ނައްތާލެވޭ ކަހަލަ ގޮތަކަށް ކަންކަން އިންތިޒާމް ކޮށްގެން ވެހިކަލް ގަންނަ ނަމަ ބޭކާރު ވެހިކަލެއް ނުހުންނާނެއެވެ. ބޭނުން ކުރާ ވެހިކަލްތައް ޕާކް ކުރާނެ ޖާގަ ވެސް ހުންނާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް