ads
ޝާޒް (ފޮޓޯ ބިލިއާޑް އެސޯސިއޭޝަން)
މޯލްޑިވްސް އޯޕަން: ތާރީހީ މޮޅާއެކު ޝާޒު ނޮކްއައުޓް ބުރަށް
އޭޝިއަން ޕޫލް ފެޑެރޭޝަން (އޭޕީއެފް) އާއި މެޗްރޫމް ޕޫލް ގުޅިގެން މާލޭގައި މިހާރު ކުރިއަށްދާ 10 ބޯލް އޭޝިއަން ޓުއާގެ ފުރަތަމަ މުބާރާތް "މޯލްޑިވްސް އޯޕަން 2023" ނޮކްއައުޓް ބުރުން ޖާގައި ހޯދައި ވޯލްޑް ޕޫލް-ބިލިއާޑް އެސޯސިއޭޝަންގެ ރޭންކިން މުބާރާތެއްގެ ނޮކްއައުޓް ބުރުން ފުރުސަތު ހޯދި ދިވެހި ފުރަތަމަ ބިލިއާޑް ކުޅުންތެރިއާއަށް ވުމުގެ ޝަރަފު، ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ ހަސަން ޝާޒް މުހައްމަދު ހޯދައިފި އެވެ.
Advertisement

މި މުބާރާތުގެ ގަދަ 32 ޕްލޭއޮފް މެޗުގައި ޝާޒް ވަނީ ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝް ނިޒާމުއްދީން ބަލިކޮށްފަ އެވެ. މި މޮޅާއިއެކު ޝާޒްގެ ނަން ލިޔެވިގެންދާނީ ދުނިޔޭގެ ރޭންކިން މުބާރާތެއްގެ ނޮކްއައުޓް ބުރުގައި ވާދަކުރާ ފުރަތަމަ ދިވެހި ކުޅުންތެރިޔާ އަށެވެ.

ޝާޒް ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ބަންގްލަދޭޝްގެ ނިޒާމުއްދީން އެވެ. 0-2 އިން ލީޑުގައި އޮއްވާ ޝާޒް ކުޅުން ރަނގަޅުކޮށް ފަހަތުން އަރާ 3-2 އިން ނަތީޖާ ހަމަހަމަކުރި އެވެ. 

އޭގެ ފަހުން އަނެއްކާވެސް ޝާޒް އަށް 3-4 އިން ލީޑު ގެއްލުނެވެ. އޭގެ ފަހުން ޝާޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި 4-6 އިން ލީޑުގައި އޮއްވާ ޖެހިގެން އައި ތިން ފްރޭމް ހޯދައި 7-6 އިން މެޗު ކާމިޔާބުކޮށް ތާރީހީ މޮޅު ޝާޒް ހޯދި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތް "މޯލްޑިވްސް އޯޕަން" 10 ބޯލް ޗެމްޕިއަންޝިޕް މުބާރާތަކީ މި އަހަރުގެ "އޭޝިއަން ޓެން ބޯލް ޓުއާ" ސީރީޒްގެ ފުރަތަމަ މުބާރާތެވެ. 

މި މުބާރާތުގައި 64 ކުޅުންތެރިން ވާދަކުރާއިރު މި މުބާރާތުގައި ރާއްޖޭގެ 16 ބިލިއާޑް ކުޅުންތެރިން ވާދަ ކުރެއެވެ. މުބާރާތުގައި ވާދަކުރާ ބޭރުގެ ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަންކަމާއި ވޯލްޑް ޕޫލް މާސްޓާސް ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަންގެ ޖޯޝުއާ ފިލާ، ދުނިޔޭގެ ޗެމްޕިއަންކަމާއި ވޯލްޑް ކަޕް އޮފް ޕޫލް ޗެމްޕިއަންކަން ވެސް ހޯދާފައިވާ އޮސްޓްރޭލިއާގެ އަލްބިން އޮއޫޝާން އަދި 9 ބޯލް އާއި 10 ބޯލް އަދި ވޯލްޑް ކަޕް އޮފް ޕޫލްގެ ޗެމްޕިއަންކަން ހޯދާފައިވާ ޓައިވާނުގެ ކޯ ޕިން ޔީ ހިމެނެ އެވެ.

މޯލްޑިވްސް އޯޕަންގެ ޗެމްޕިއަން ކުޅުންތެރިޔާއަށް ދޭ ޓްރޮފީގެ އިތުރުން 30000 ޑޮލަރުގެ ފައިސާގެ އިނާމާއި 10 ބޯލް އަދި އޭޕީއެފް ރޭންކިން ޕޮއިންޓް ލިބޭނެއެވެ. މިއީ ޖުމްލަ 130000 އެމެރިކާ ޑޮލަރުގެ އަގު ބޮޑު މުބާރާތެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް