ޓެލެގްރާމް ބައެއް ގުރޫޕްތަކުގައި، ކޮށްފައިވާ އިސްތިހާރު ތަކުގައި ބުނެފައިވަނީ އަސްލާ ވަރަށް އެއްގޮތް ފޭކް ޑޮލަރު ވިއްކާކަމަށެވެ. ނަމަވެސް އެކަން ކުރާ މީހުން ފައިސާގެ މުއާމަލާތްކުރަން ބުނެފައި ހުންނަ މެތަޑްތަކަކީ ވާޗުއަލް ކަރަސްވީގެ މެތަޑް ތަކެވެ.
އެގޮތުން ބިޓްކޮއިންއާއި ޔޫއެސްޑީޓީއާއި ސްކްރިލް ފަދަ ވާޗުއަލް އަކަންސީގެ މެތަޑްތަކުން އެމީހުނަށް ފައިސާ ފޮނުވުމުން ޑޮލަރުގެ ނޫޓުތައް ޑެލިވަރީ ކޮށްދޭނެކަމަށް ބުނެފައި ހުރެއެވެ.
އެމްއެމްއޭގެ ޑެޕިއުޓީ މެނޭޖަރު އަދި އިންފޮމޭޝަން އޮފިސަރު މުހައްމަދު ނާސިހް ވިދާޅުވީ ވަގު ޑޮލަރު ވިއްކާކަމަށް ބުނެ، އިސްތިހާރުކުރާ މައްސަލަ ސަމާލުކަމަށް އައުމުން އެކަން ބަލައިދިނުމަށް އެދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.
ނަމަވެސް މިހާތަނަށްވެސް ވަގު ޑޮލަރު ދައުރުވާކަމުގެ ޝަކުވާއެއްވެސް ލިބިފައި ނުވާކަމަށާއި އެފަދަ ކަމެއް ފާހަގަ ވެސް ނުކުރެވޭކަމަށް ނާސިހް ވިދާޅުވިއެވެ.
ވަގު ޑޮލަރު ވިއްކާކަކަށް އިސްތިހާރުކުރާ މީހުން ބުނާގޮތުން ވާޗުއަލް ކަރަންސީގެ ކުޑަ އަދަދެއް އެމީހުނަށް ޓްރާންސްފާ ކުރުމުން، ޑޮލަރުގެ ނޫޓްގެ ބޮޑެތި އަދަދުތައް އެމީހުން ޑެލިވަރީ ކޮށްދޭކަމަށް ބުނެފައި ހުރެއެވެ.