ބޯޓެއް ފުރައިގެން ކަނޑިންމައިން ނުކުމެގެން ދާއިރު ފަޅުތެރެއަށް އުކާލާ އެތައް ބައިވަރު ކުންޏެއް އެކުވެ ޖަމާވެފައި އޮވެއެވެ. ބައެއް ފަހަރު އޮޔާއި ވައި ހުންނަ ގޮތުން މިތަކެތި ރާޅާއި އެކު ބެހިގެން އެހެން ދިމަދިމާއަށް ދިޔަނަމަވެސް މިތަކެތި ގިނަ ފަހަރަށް ފެންމަތީ އޮޔާ ދާއިރު އަޅާފައި ހުންނަ އޮޑިދޯނި ފަހަރުގެ ވަލުގައި އަޅައިގަނެ ތަފާތު ގެއްލުންތައް ލިބޭ ފަހަރުވެސް އާދެ އެވެ. މިގޮތައް އުކާލާ ގިނަ ބާވަތް ތަކަކީ ޕްލާސްޓިކް ކޮތަޅާއި ފެން ހުސްކޮށްފައި ހުންނަ ފުޅިތަކެވެ.
ބައެއް ހާލަތްތަކުގައި މިތަކެތި އަޑިތައް ގޮސް ކަނޑުގެ ދިރުންތަކަށް ވެސް މީގެ ނުރަނގަޅު އަސަރުތައް ދަނީ ކުރަމުންނެވެ. ވެެލާ ކަހަނބު ފަދަ ބާވަތްތައް މިތަކެތި އެއީ ޖެލީ ފިޝް ކަމުގައި ހީކޮށް ކާލައެވެ. މުރަކަ ތަކުގެ މަތީގައި ގޮސް ޕްލާސްޓިކް ކޮތަޅެއް ފެތުރި މުރަކަ ގަނޑުގެ މަތީގައި ހަރުލުމުން މުރަކައަށް ލިބެން ޖެހޭ އަލި ނުލިބުމުގެ ސަބަބުންނާއި އެސޮރުމެންނަށް ނޭވާ ނުލެވުމުން ހަލާކުވެ މަރުވާ ގޮތް ދިމާވެއެވެ. އަޑީގައި އުޅޭ ޖަނަވާރުން ފަދައިން ކަނޑުމަތީގައި އުދުހޭ އައިންމަތީ ދޫންޏައް ވެސް މީ ކޯޗެއްކަން ނެގި ކެވުމުގެ ސަބަބުން ގޮހޮރުގައި ޕްލާސްޓިކް ތަތް ލަވައިގެން މަރުވާން ދިމާވެއެވެ.
މާލެއަކީ އެތަނަކަށް ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތް ކުރާ ތަނެކެވެ. މާލޭގެ ހުކުރު މިސްކިތާއި މުލީއާގޭގެ ބޭރުގެ ފޮޓޯތައް ނަގާ ފަދައިން މަސްމާރުކޭޓާއި ފަޅުއޮޑިފަހަރާއި ފަޅުތެރެއަކީ ވެސް އެމީހުންގެ ކެމެރާތަކުގެ ލެންސް ތައް އަމާޒުވާ ތަންތަނެވެ. މިހެން ކަމަށް ވުމާއި އެކު ދިވެހިން އެމީހުން ނަކީ ސާފުތާހިރު ދިރިއުޅުމަކަށް ލޯބި ކުރާ ބައެއް ކަމުގައި ބުނާ ބުނުން ދިފާއު ކުރަން އެބަ ޖެހެއެވެ.
ހާއްސަކޮށް މިދެންނެވި ތަކެތިން ހަލާކުވުމުން ނެތެމުންދާ އަޅުގަނޑުމެންގެ ކަނޑުގެ ދިރުންތައް ރައްކާތެރި ކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެއަކީ ކަނޑުގެ އިންސައްތަ ބޮޑު ގައުމެކެވެ. ކެއިންބުއިމުގައި ކަނޑުގެ ދިރުންތަކަށް ބަރޯސާވާން ޖެހިފައިވާ ގައުމެކެވެ.
ހަމަ މިއާއެކު ވިސްނާލަން ޖެހޭ އަނެއް ނުކުތާއަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ އެންމެ މަގްބޫލް ތަނެއް ކަމުގައި ވެފައި އޮންނަނީ ވެސް އަޅުގަނޑުމެންގެ ރީތި މޫދާއި ފަޅުތަކާއި ފަރުތަކެވެ.
ނަމަވެސް މިދެންނެވި ގޮތައް އަމަލުތައް ބަހައްޓާނަމަ ކަނޑުގެ ދިރުންތައް އެއްކޮށް ނެތިގެން ދިޔުމަކީ ދުރުކަމެއް ނޫނެވެ.
ކުނިބުނިން ހަޑިވެފައި އޮންނަ މޫދަކަށް އަޅުގަނޑުމެން އެރެން ބޭނުން ނުވާ ފަދައިން އެމީހުން ވެސް އެރެން ބޭނުން ނުވާނެކަން ދަނެ މޫދާއި ފަޅުތެރެއަށް ކުނި އެޅުމުގެ އާދައިން ދުރުހެލިވުން ކީއްތޯއެވެ؟
ކަނޑުމަތީގައި އުފެދޭ ކުނި ނައްތާލުމަށް ކުރެވެން އޮތް ކަމަކީ ދަތުރުމަތީގައި އުފެދޭ ކުނި ރަށަށް ގެންގޮސް ނައްތާލުމެވެ. ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ކަހަލަ ޕްލާސްޓިކް ކޮތަޅާއި ފުޅިއާއި ދަޅުން އެއްޗެއް ތައްޔާރު ކޮށްލެވިދާނެއެވެ. މޭވާ ފަދަ ބާވަތްތަކުގެ ތޮށި އުކާނުލައި ގަސްކާނާގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ.
ކަނޑުމަތީގައި ނުވަތަ ދަތުރު މަތީގައި އުފެދޭ ކުނި ނައްތާލެވޭނެ ރަނގަޅު އިންތިޒާމެއް ގާއިމު ކުރަން އެބަ ޖެހެއެވެ.