ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ހައްޔަރު ކުރި މީހާއާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
ހައްޔަރު ކުރި މީހާއަކީ ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކަށް ގެއްލުން ދިން މީހާތޯ ސީއެންއެމްއިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ކެޔޮދޫއިން ސީއެންއެމްއާއި ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ފުލުހުންގެ ހައްޔަރު ކުރި މީހާ އަކީ އެރަށަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާއަކީ ކުރިން ވަރަށް ރަނގަޅަށް އުޅުނު މީހެއް ކަމަށާއި ނަމަވެސް ފަހަކަށް އައިސް އޭނާގެ އުޅުމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރި މީހާ މިހާރު ވަނީ އެ އަތޮޅު ފުލިދުއަށް ގެންގޮސްފަ އެވެ. ނަމަވެސް ފުލުހުން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ކެޔޮދޫގައި ހަތިމުތަކަށް ގެއްލުން ދިނުމާއި މިސްކިތަށް ގެއްލުން ދިނުމުގެ މައްސަލައެއް ފެންމަތިވެފައި ވާއިރު މީގެ ކުރިންވެސް ކެޔޮދޫގައިވަނީ މިސްކިތުގައި ހުރި ހަތިމުތަކަކަށް ގެއްލުން ދީފަ އެވެ.