ads
އާއިލާއެއް
ދަރިން "ކަންނެތް" ވަނީ ތަރުބިއްޔަތުން ބާ؟
ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނާއި ހަވާލު ކުރައްވާފައި ވާ ވަރަށް ބޮޑު އަމާނާތެކެވެ. ދަރިން ހެޔޮގޮތުގައި މުޖުތަމައުއަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ބޮޑެތި ކުރުމަށް ބޭނުންވަނީ ހަމަ އެކަނި ފައިސާވެރި ފުއްދުންތެރި ދިރިއުޅުމެއް ނޫނެވެ.

އެދަރިންގެ ކަންކަން ވަގުތުން ވަގުތައް ކޮށްދޭނެ ނޯކަރުން ނުވަތަ މަސައްކަތު މީހުނެއް ވެސް ނޫނެވެ. 

މިހާރަކަށް އައިސް އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ ދަރިން ބޮޑެތިވެ ކައިވެނި ކުރާ އުމުރަށް ދާއިރުވެސް މައިން ބަފައިން އެކުދިންގެ ހުރިހާ ކަމެއް ކޮށްދެމުން ދާ ތަނެވެ. 

ތެދެކެވެ. ކޮންމެ މަންމަ އަކާއި ބައްޕައަކީ ވެސް ދަރިން ދެކެ ލޯބިވާ ބައެކެވެ. ދަރިން އުފަލުގައި ބައިތިއްބާ އެދަރިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް މަސައްކަތް ކުރާ،ދަރިންގެ ހައްގުގައި ބޮޑެތި ގުރުބާނީތަކެއް ވަމުން އަންނަ ބައެކެވެ. ދަންނަވަން މިއުޅެނީ މާލީ ގޮތުން ދަރިންގެ ފަރާތުން އެއްޗެއް ލިބިގަންނަން އުޅޭ ވާހަކައެއް ނޫނެވެ. 

ތަންކޮޅެއް ކުރީގެ ދުވަސްވަރަށް ޖެހިލަމާތޯއެވެ. ތުއްތު ދަރިފުޅު އުރުގައި ޖަހައިގެން ކައްކާ ކާން ހަދަމުން ދޮވެ އިސްތިރި ކުރަމުން ގޭގެ އެހެނިހެން މެންބަރުންގެ ހާލުބަލާ ދަތިތަކާއި ތުރާތައް ފިލުވައިދެމުން ގެޔާއި ގޯތިތެރެ ކުނިކަހާ ކުނިއުކާލަމުން ރައްޔިތުންގެ މަސައްކަތައް ނިކުންނަމުން، އާމްދަނީ ހޯދުމަށް ގޭގައި އިނދެ މަސައްކަތް ކުރަމުން، ފިރިމީހާގެ ހުރިހާ ކަމެއް ބަލަހައްޓަނީ އަންހެން ކަނބަލުންނެވެ. 

އެ ޒަމާނަކީ އޮޓޯ ދޮންނަ މެޝިން ނުވަތަ އެހެންވެސް ދޮންނަ މެޝިނެއް ހުންނަ ޒަމާނަކަށް ނުވުމުން އެއްޗެހި ދޮވެ، ފެންލާ ހިއްކަން އަޅުވަނީ އަތުންނެވެ. ގޭސް ނުވަތަ ކަރާސީނު ތެލުގެ ދުވަސްވަރު ނޫން ކަމުން ވަލަށް ވަދެ ދަރާއި ކާށި ހޮވާ މެންދުރަށް ބަތްތަވާ ހިންދަނީ ދަރު ބޮނޑި ބޮލުގައި ބަހައްޓައިގެން ގެއަށް އައިސް ހަނޑޫ ހޮވާ، ދޮވެ، ކާށި ހެހި، ހުނިގާނާ އަތުން ކިރުފެލައިގެންނެވެ. ލައިގެން ކާ އެއްޗެހި ވެސް ކައްކަނީ ހަމަ ދަރު އުނދުނުގައެވެ. ވެމްކޯގެ ކުނި އުކާލާ ދޭނެ ބައެއް ނެތުމުން ބަރޯއަކަށް ކުނިއަޅައިގެން ގެންގޮސް އުކާލައެވެ. މިހެންގޮސް ގުނާ އަދަދު ނުކުރެވޭ ގިނަ މަސައްކަތް އެއް ވެސް ހިތްބުރަކަމެއް ނެތި އެކަނބަލުން ކޮށް އުޅުނެވެ. 

your imageއިހުގެ ދިވެހި އާއިލާއެއް

ދަރިފުޅު ބޮޑުވަމުން އަންނަން ފެށުމުން ދަރިފުޅަށް ކިޔަވައި ދިނުމުގެ މައްސޫލިއްޔަތު އިތުރުވެއެވެ. ހަމަ މިދުވަސްވަރު ދަރިފުޅުގެ އުމުރާ ގުޅޭގޮތަށް ކުޅިވަރުގެ ތެރެއިން އޭރުގެ މައިންބަފައިން ދަރިންނަށް ދިރިއުޅުމުގެ ހުނަރު ތައް ދަސްކޮށްދެއެވެ. ރަށުގައި ކޮށް އުޅޭ ހާއްސަ މަސައްކަތްތަކާއި އާއްމު މަސައްކަތްތައް ދަސްކޮށްދީ ހަދައެވެ.ބަތްކައްކާ ކުޅުމާއި ، ގޮނޑިކޮއްކޮ ފަދަ ކުޅިވަރުތަކުގެ ތެރެއިން ދަރިން ތަރުބިއްޔަތު ވެގެން އަންނަނީ ބަދިގޭގެ މަސައްކަތާއި ދިރިއުޅުމަށް ތައްޔާރުވެގެންނެވެ. ފަނުން ދޮށި ހަދައިގެން މަސް ހަދައިގެން ފިރިހެން ކުދިން މަހަށް ދިޔުމުގެ ކުޅިވަރު ކުޅެ ހަދައެވެ. މަންމަ ވަލަށް ދާއިރު ލިބާހުގެ އެއް ފަރާތެއްގައި ހިފަހައްޓައިގެން ވަލަށް ވަންނަ ދަރިފުޅުވެސް އޭނާގެ ފެންވަރުން ހިކި ހޯލިކޮޅުތައް އެއްކޮށް އޭނާއާއި އެކަށީގެންވާ ސައިޒްގެ ދަރު ބޮނޑިއެއް ތައްޔާރުކޮށް މަންމަ ފަދައިން ބޮލުގައި ބަހައްޓައިގެން ގެއަށް ގެނެއެވެ.  އެހެން ކަމުން އެ ޖީލުތަކުގެ ދިވެހި ދަރިން ބޮޑެތިވީ މަސައްކަތްތެރި ހުނަރުވެރި މުރާލި ބައެއްގެ ގޮތުގައެވެ. 

މިއީ ފަހަރެއްގައި ވެސް އަޅުގަނޑު މިޖީލަށް ބުނާ ކުޑައިމިސް ބަހެއް ނޫނެވެ. ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ، މަސައްކަތްތައް ކުރެވޭނެ ޒަމާނީ ވަސީލަތްތައް ތައާރަފް ވުމުން އަތުން އެއްޗެއް ދޮންނަން ނޭނގުނު ތާނގައި ދާވާ އަންނައުނު ދާ ވަށިގަނޑަށް ވައްޓާލަން ވެސް މިޖެހެނީ މަންމަ ނުވަތަ ބައްޕައަށެވެ. ނުވަތަ ގޭގައި ގެންގުޅޭ މީހާ އަށެވެ. ނަތީޖާއަކަށް ވަނީ ކައިވެނީގެ އުމުރަށް ގޮސް ކައިވެނި ކޮށް ފިރިމީހާ ނުވަތަ އަނބިމީހާއާއި އެކު ދިރިއުޅުމެއް ފަށަން އެދެމީހުން ކުރެ އެކެއްގެ ގެއަށް ދިޔުމުން ދެބަސްވުންތައް އުފެދި ވަކިން ދިރިއުޅުން ފަށަން ޖެހުމެވެ. އެކަކު އަނެކަކަށް އިތުބާރު ކޮށް ގެއަށް ގެންގުޅެން ގެންނަ މީހާ "ތެޔޮ ނާށި" ޖަހައިގަނެގެން ދުރަށް މާދުރަށް އުދުހިގެން ދާތަން ވެސް ފެންނަނީ މަދެއްކޮށް ނޫނެވެ. މިކަން ހައްލުކުރަން ދެން ކޮންމެ ދެމަފިރިއަކަށް ގޭގައި ގެންގުޅޭނެ ބިދޭސީ އެއް ހޯދަން ޖެހިއްޖެ އެވެ. މަދުމަދުން ކަމެއް ހިނގި ނަމަވެސް "ތެޔޮ ނާށި ކާޅު ޖަހައިގަތުން" ހައްލު ވެއްޖެ އެވެ. އެކަމަކު ދެން ފެންނާން ފެށީ ހެޔޮ ބަދަލެކޭ ދެންނެވޭކަށް ނެތެވެ. 

ފިރިހެން މީހާ ގެއަށް އައިސް ވަންނައިރު އިސްތިގްބާލު ކުރަން ހުންނަނީ ބިދޭސީ މީހާ އެވެ. ކައްކާފައި ކާން ހަދައިދީ ލާން ގެންގުޅޭ އެންމެ ސިއްރު އަންނައުނަށް ދާންދެން ވެސް ދޮންނަނީ އެމީހާ އެވެ. އެނދުގައި އަރާމް ކޮށްލަން އޮށޯވެ ބޯ ނުވަތަ ފައި މޮޑެލަދިނުމަށް އެދެން ޖެހިފައި އޮންނަނީ އެމީހާ ގެ ގާތުގައެވެ. އަންހެނުން ނަކީ އޮފީހެއްގެ ޒިންމާދާރު މަގާމެއްގައި ހުރި މީހަކަށް ވުމުންނެވެ. ފިރިމީހާ ގެއަށް އައިސް މިހުރިހާ ވަގުތެއް މިހޭދަ ކުރަން ޖެހެނީ ބިދޭސި މީހާގެ އަތުން ހިދުމަތް ލިބިގަތުމުގައެވެ. ނުހިނގާން ޖެހޭ އެތައް މުއާމަލާތެއް ހިނގައި ނުވާންވީ އެތައް ކަމެއް ވާފަހުން އެކަން ރޭކާލުމުން ގޭން ނެރެ ފޮނުވާލަނީ ބިދޭސީ މީހާ އެވެ. އެކަން އެހެން ހިނގަން މެދުވެރިވި ސަބަބަކީ ތިމާގެ އަޅާލުން ކުޑަކުރެވުން ކަމަށް ގަބޫލް ކުރަނީ ކިތައް މީހުން ބާއެވެ. މިކަންތައް ތަކަކީ ޒަވާޖީ ހަޔާތަށް އޭގެ ނުރަނގަޅު އަސަރު ފޯރާނެ ކަންކަން ކަމަށް ވިސްނާލަން ކިތައް އަންހެން ކަނބަލުން ނުވަތަ ފިރިން ބާވައެވެ.

your imageގެއެއްގައި ބިދޭސީ އަންހެނަކު މަސައްކަތް ކުރަނީ 

ދެން އަންނަނީ ދަރިން ލިބި އިތުރު މައްސޫލިއްޔަތު ބޮލުގައި އަޅަން ޖެހޭ ދުވަސްވަރެވެ. ދަރިފުޅުގެ ބުއްފުޅި ހެދުމުން ފެށިގެން ހުރިހާ ކަމެއްގައި އެހީތެރި ވަނީ ބޭރު މީހާ އެވެ. 

ދެމަފިރިން ލޯބިން އެކުގައި އުޅެން ނިންމައިގެން ، އެކަކު އަނެކެއްގެ ބަލި ހާލުގައި އާއި ހެޔޮހާލުގައި ކޮށްދޭން ވައުދުވެ އަހުދު ވީ ހުރިހާ ކަމެއް ފުއްދައިދޭން ޖެހެނީ ބިދޭސީ މީހާއަށެވެ. "ދަރިން ލިބިއްޖެ ނަމަ އެދަރިން ހެޔޮގޮތުގައި ބަލާ ރަނގަޅު ތަރުބިއްޔަތު ދީގެން ގެންގުޅެ ބޮޑުކުރުމަށް" ކައިވެނީގެ މަޖިލީހުގައި ގާޒީ ކުރެއްވި ވަސިއްޔަތަށް އަމަލު ކުރަން ޖައްސަނީ އެ ވަސިއްޔަތް އަޑުވެސް ނާހާ ހުރި އެކިޔާއެއްޗެއް ނުވެސް އިނގޭ ބޭރު މީހަކަށެވެ. 

މިއީ ޒިންމާ އުފުލުން ކަމަށް ވާނެތޯއެވެ؟ މިއީ ވައުދު ފުއްދުން ކަމަށް ވާނެތޯއެވެ؟

މިތާނގައި އަޅުގަނޑުގެ މަގްސަދަކީ ދަރިން ލައްވާ ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރުވުމަށް ބާރު އެޅުވުމެއް ނޫނެވެ. އެހެންނަމަވެސް ނިދާ އެނދު ތަންމަތި އަޅާލުން، ގޭތެރެ ކުނިކަހާ ލާ ސާފްކޮށްލުން، އަމިއްލައަށް ކޭތަށި ދޮވެލުން މިއީ ގްރޭޑް 8,9ގައި އުޅޭ ކުއްޖަކަށް ކުރެވޭނެ ކަންކަމެވެ. ހާއްސަކޮށް ސާނަވީ ނިންމާ މަތީ ތައުލީމަށް ގައުމުން ބޭރުގައި ކިޔަވަން ދާން އަޒުމު ކަނޑައަޅައިގެން ކިޔަވާ ދަރިވަރަކަށް ވަރަށް ފައިދާ ކުރާނެ ކަންކަމެވެ. ސަބަބަކީ އެކިޔަވަންދާ ތަނެއްގައި މަންމަ ނުވަތަ ގެންގުޅޭ މީހާ އާއި ވަކިން އުޅެން ޖެހޭ ކަމެވެ.  ހަގީގަތައް ދަންނަވާ ނަމަ މިޒަމާނުގައި ލާން ގެންގުޅޭ ހެދުންތައް މެޝިނައް އަޅާ، ފިތަކަށް އޮބާލުމުން ދޮވެވި ފެންލެވި ހިކޭ އިރު މި ދެންނެވި އުމުރުގެ ކުއްޖަކަށް މިކަން ކޮށް ނުލެވޭންވީ އެއް ވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ.

ދަންނަވަންތޯ؟ ގޭގައި ބިދޭސީ އަކު ހުރި ނަމަވެސް ދޭސީ އަކު ހުރި ނަމަވެސް ކުދިންގެ އުމުރާއި އެއްވަރުގެ މަސައްކަތްތައް ކުދިންނަށް ދަސްކޮށް ދިނުމުން އެކުދިންގެ މުސްތަގްބަލަށް އޭގެން ހެޔޮ އަސަރުތަކެއް ކުރާނެއެވެ. 

އަނބިމީހާ، ފިރިމީހާގެ ހާއްސަ ކަންކަން... ކެއުމާއި ބުއިމުގައި، އެކުގައި ވަގުތު ހޭދަކުރުން ފަދަ ކަންކަމުގައި  ވީހާވެސް ގިނައިން ބައިވެރިވާ ނަމަ ދިރިއުޅުމުގެ ކޫސަނި މައްސަލަތައް އެއް ފަރާތެވެ އެދެމެދުގައި ލޯތްބާއި އޯގާތެރިކަމާ އަޅާލުން އޮންނާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ލޯބި އެއީ ކަނު އެއްޗަކަށް ނުހަދާ ލޯބި އެއީ ދޭން ޖެހޭ މިންވަރަށް ދޭންޖެހޭ ބަޔަކަށް ދެވޭ އެއްޗެއް ކަމަށް ވާނަމަ އަޅުގަޑުމެންގެ މި މުޖުތަމައުގައި ހީވާގި މުރާލި ދަރިންތަކެއް އުފެދިގެން ދާނެއެވެ. އެކަކު އަނެކަކަށް އިހްތިރާމް ކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރެވޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް