ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ ސަރުކާރުން ތިމާވެށީގެ މައްސަލަތައް ހައްލު ކުރަން މަސައްކަތް ނުކުރާ ކަމަށެވެ.
ސަލީމް ވިދާޅުވީ މީގެ ދެތިން އަހަރު ކުރިން ރާއްޖޭގައި ފޮތި ކޮތަޅު އުފެއްދުމަށްޓަކައި ކަމާ ގުޅޭ ޓެސްޓުތަކެއް ހަދާ އެކަމުގެ ހުއްދަ ހޯދުމަށް އެންވާރަމަންޓް މިނިސްޓްރީންއަށް ހުށަހެޅުމުން އެ މަސައްކަތް ކުރުމުގެ ހުއްދަ ނުދިން ކަމަށެވެ.
ފޮތި ކޮތަޅު ރާއްޖޭގަައި އުފެއްދުމަށްޓަކައި ހުއްދަ ހޯދުމަށް އެތައް ފަހަރަކު މަސައްކަތް ކުރުމުންވެސް އެކަން ކާމިޔާބުވާ ގޮތް ނުވިކަން ފާހަގަ ކުރައްވަމުން ސަލީމް ވިދާޅުވީ އޭގެ ފަހުން ލަންކާ ކުންފުންޏަކަށް ފޮތި ކޮތަޅު އުފެއްދުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ނަމަވެސް ފަހުން އެ ހުއްދަ ބާތިލު ކުރުމަށް ފަހު ސަރުކާރާ ގުޅުން އޮންނަ ބަޔަކަށް ޕްލާސްޓިކް ކޮތަޅު އުފެއްދުމުގެ ހުއްދަ ދީފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ. މިހާރު ވެމްކޯ ވިއްކަން ފަށާފައިވާ ޕްލާސްޓިކް ކޮތަޅަކީ އެކުންފުނިން ގަނެފައިވާ ކޮތަޅު ކަމަށް ސަލީމް ވިދާޅުވި އެވެ.
"އެއިން (ސަރުކާރާ ގުޅުން އޮންނަ ކަމަށް ބުނާ ކުންފުނިން އުފައްދާ ކޮތަޅު) މި ނަގަނީ ކިހާ ވަރެއްތޯ؟ 15 އިންސައްތަ އާއި 25 އިންސައްތަ އާއި ދޭތެރޭގެ ޑިއުޓީއެއް މި ނަގަނީ. އެކަމަކު ރާއްޖެއަށް އެތެރެކުރާ ކޮތަޅުން އެބަ ނަގާ 400 އިންސައްތަ." ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ތިމާވެށީގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވާހަކަ ދެއްކުމަށްފަހު އަނެއްކޮޅުން ލުއިތަކެއް ދީ ބަޔަކަށް ޕްލާސްޓިކް ކޮތަޅު އުފެއްދޭނެ ނިޒާމެއް ގާއިމް ކޮށްދިނުމުން މިކަން ހައްލު ކުރަން ސަރުކާރުން ކުރާ މަސައްކަތާއި ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ.