ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ މިހާރު ގާނޫނު އޮތީ ސަރުކާރުން ކުނި މެނޭޖް ކުރުމުގެ ބިލް ހުށަހެޅި އިރު ބޭނުންވި ގޮތަކަށް ނޫން ކަމަށެވެ.
ޝައުނާ ވިދާޅުވީ ކޮންމެ މަރުހަލާއެއްގައި ކޮންމެ ކޮތަޅަކުން ދެ ރުފިޔާ އިތުރުވުން ބޭނުންކުރާ ފަރާތާ ހަމައަށް ދާއިރު ކޮތަޅެއްގެ އަގު ހަ ރުފިޔާއަށް އަރާ ކަމަށެވެ.
ސަރުކާރުން ބޭނުންވަނީ ކޮތަޅު ބޭނުން ކުރާ ފަރާތުން ދެ ރުފިޔާ ދެއްކުން ކަމަށާއި ހަ ރުފިޔާއަށް ކޮތަޅުގެ އަގު އުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝައުނާ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ކޮތަޅުން ނަގާ ފީ ބައި ރުފިޔާއަށް ކުޑަ ކުރުމާއި މެދު ސަރުކާރުގެ ވިސްނުން ހުރީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ. ޝައުނާ ވިދާޅުވީ ޕްލާސްޓިކް ކޮތަޅެއް 50 ލާރިއަށް ބަދަލު ކުރުމަކީ އެހާ ރަނގަޅު އުސޫލެއް ނޫން ކަމަށެވެ.
ސަރުކާރުން ކުނި މެނޭޖް ކުރުމުގެ ބިލަށް އިސްލާހް ހުށަހަޅާފައިވަނީ ސަރުކާރުން ކުނި މެނޭޖް ކުރުމުގެ ބިލު ހުށަހެޅުމުގެ މަގުސަދާ ހިލާފްވެފައި ވާތީ ކަމަށް ޝައުނާ ވިދާޅުވި އެވެ.