
މިރޭގެ މެޗަށް މި ދެ ޓީމު ނުކުންނައިރު، ސުވާލަކީ އާސެނަލްއަށް 20 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ކާމިޔާބު ކުރެވޭނެތޯއެވެ؟ މިރޭގެ މެޗުން ހަގީގަތުގައި އެ ސުވާލުގެ ސާފު ޖަވާބު ނުލިބުނަސް މިރޭގެ މެޗަކީ އެ ސުވާލުގެ ޖަވާބަށް މުހިއްމު މެޗެކެވެ. ފުޓްބޯޅައިގެ މާހިރުން ދެކޭ ގޮތުގައި މި މެޗަކީ މި ސީޒަނުގެ ލީގުގެ ޗެމްޕިއަނުން ކަނޑައެޅޭނެ މެޗެވެ.
މި ވަގުތު ދެ ޓީމު އޮތް ފޯމަށް ބަލާނަމަ، އާސެނަލް މި މެޗުން ބަލިވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެވިދާނެއެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް އާސެނަލްވަނީ އެއްވަރު ވެފައެވެ. ހަގީގަތުގައި މިރޭގެ މެޗުގެ ފޯރި ގަދަވެ، ލީގު ނަގާނެ ބަޔަކު ޑިސައިޑް ކުރުމަށް މުހިއްމު މެޗަކަށް މި މެޗުވަނީވެސް އެންމެ ފަހުން ކުޅުނު ތިން މެޗުން އާސެނަލް ޕޮއިންޓްތަކެއް ގެއްލުވާލާފައިވުމުންނެވެ.
ޓޭބަލްގެ ކުރީގައި އާސެނަލް އޮތީ 32 މެޗުން 75 ޕޮއިންޓާއެކުއެވެ. ދެވަނައިގަ ސިޓީ 70 ޕޮއިންޓާއެކު އޮތް އިރު ސިޓީ ކުޅެފައިވަނީ 30 މެޗެވެ. މިރޭގެ މެޗަކީ އާސެނަލްގެ 33 ވަނަ އަދި ސިޓީގެ 31 ވަނަ މެޗެވެ. މި ވަގުތު ފަސް ޕޮއިންޓްގެ ފަރަގު އޮތް ނަމަވެސް އާސެނަލްއަށް މިރޭގެ މެޗުން ތިން ޕޮއިންޓް ކަށަވަރު ނުކުރެވިއްޖެނަމަ، ސިޓީއަށް ލީގު ހޯދުމުގެ ރޭހުގައި ބޮޑެތި ކުރިއެރުންތަކެއް ލިބޭނެއެވެ.
މިރޭގެ މެޗުން މޮޅުވާ ބަޔަކަށް ލީގު ހޯދޭނެ ކަމަށް ގިނަ ބަޔަކު ދެކުނަސް ދެ ޓީމުގެ ކޯޗުން އެކަމަށް ދެކޮޅު ހަދައެވެ. ޕްރީ މެޗު ޕްރެސްގައި ދެ ކޯޗުންވެސް ބުނީ އެ ވާހަކައެވެ.
އާސެނަލްއާ ސިޓީ، 10 ވަރަކަށް އަހަރުގެ އެންމެ ބޮޑު މެޗަށް މިރޭ ނުކުންނައިރު، މި ސީޒަންގައި މި ދެ ޓީމު ކުރިން ކުޅުނު ދެ މެޗުންވެސް މޮޅުވީ ސިޓީއެވެ. މިރޭގެ މެޗާ ގުޅޭ ގޮތުން ސިޓީގެ ކޯޗު ގާޑިއޯލާ ކުރިން ބުނެފައިވަނީ މިއީ ހަމަ ފައިނަލެއް ކަމަށެވެ.
ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރު ފެށޭ މެޗަށް ދެ ޓީމު ނުކުންނައިރު، އާސެނަލްގެ ފޯމް ދަށްކޮށް އޮތް ނަމަވެސް ސިޓީ އެންމެ ފަހުން މެޗަކުން ބަލިވީ 16 މެޗު ކުރިންނެވެ. ސިޓީން އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން ވަނީ 12 މެޗުން މޮޅުވެފަ އެވެ.