ads
ރައީސް ސޯލިހް އަދި ރައީސް ނަޝީދު
އަލިމަނިކަށް މައާފު ދިން ސަބަބު ސާފުކޮށްދިނުމަށް ނަޝީދު އެދިވަޑައިގެންފި
މެއި 6. 2021 ގައި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހއ. މޮޅަދޫ ބަހާރުގޭ، އަބްދުﷲ އަލިމަނިކު، އެހެން މައްސަލައެއްގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މައާފުދީ ދޫކޮށްލި ސަބަބު ސާފުކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަރިހުން ރައީސް ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގެ ކުރިން އަލިމަނިކު ދޫކޮށްލި ސަބަބާއި ގުޅޭ މައުލޫމާތު ސާފުކޮށްނުދިން ކަމަށް ވިދާޅުވެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ސަލާމަތާއި ގުޅޭ ކޮމިޓީ -- 241 ކޮމިޓީން ދެ ފަހަރެއްގެ މަތިން ރައީސް އޮފީހުގައި އެދުމުންވެސް އަލިމަނިކަށް މައާފްދިން ސަބަބުން ސާފުކޮށް ނުދިންކަމަށް އެ ސިޓީގައި ވާކަމަށް ރައީސް ނަޝީދު ވިދަޅުވިއެވެ.

"އަޅުގަނޑު ގޮނޑީގައި އިނދެ ދެންނެވެނީ. މީގެ އިތުރަށް އަޅުގަނޑު، ރައީސުލްޖުމްހޫރިއްޔާ އަރިހުގައި މި ވާހަކަ ދަންނަވާނެ ގޮތެއް ހަމަ ހަގީގަތުގައިވެސް ނެތް. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަރިހުން ވަރަށް އަދަބު އިހުތިރާމާއެކު އެދެން މިމައުލޫމާތު މި މަޖިލީހަށް މަނިކުފާނު ފޮނުވާ ދެއްވުމަށް،" - ރައީސް ނަޝީދު

އެންމެ ފުރަތަމަ ހައްޔަރުކޮށް 10 އަހަރަށް ޖަލަށްލީ އޭނާ އިސްވެ ހުރެ ހިމަންދޫގައި ސަލާމަތީ ބާރުތަކާ ކުރިމަތިލާ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.

އެކަމަކު ކުޑަދުވަސްކޮޅެއް ފަހުން ޖަލުން ފިލައިގެން ގޮސް ގދ. ތިނަދޫގައި އުޅެނިކޮށް އަތުލައިގަނެގެން ގެންނަނިކޮށް ނަމާދުކޮށްލަން ދިން ފުރުސަތެއްގައި ކަނޑަަށް ފުންމާލައިގެން ވެސް އަލި މަނިކު ފިލި އެވެ. އޭގެ އަހަރެއްހާ ދުވަސްފަހުން އޭނާ އަތުލައިގަތީ ސިފަ ބަދަލުކޮށްގެން ތިލަފުށީގައި އުޅެމުން ދަނިކޮށެވެ.

ޓެރަރިޒަމްގެ އެހެން މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަދަބު ލުއިކޮށްދީ މައާފް ދިނުމަށްފަހު އަލިމަނިކު ޖަލުން ދޫކޮށްލީ 2019 ވަނަ އަހަރު އެވެ. 6 މެއި 2021 ގައި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އަލިމަނިކު ހައްޔަރުކޮށް މިހާރު ހުރީ ޖަލުގައެވެ.

ސަރުކާރުން މައުލޫމާތު ނުދިން މައްސަލާގައި ހަސަން ލަތީފު މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ 2019 ވަނަ އަހަރު އަލިމަނިކު ދޫކޮށްލުމަށްފަހު އެކަމާއި ގުޅޭ ރިޕޯޓް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ތައްޔާރުކޮށްފައި ވަނީވެސް 2021 ވަނަ އަަހަރު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް