ސްޓެލްކޯއިން ބުނީ ވ. އަތޮޅު ހޮސްޕިޓަލްގެ އެދުމުގެ މަތިން، އެ ހޮސްޕިޓަލުގެ ލެބޯޓަރީއަށް ގެނެސްފައިވާ ދެ ރެފްރިޖަރޭޓަރު އިންސްޓޯލް ކުރުމަށް ފެލިދޫ އިންޖީނުގޭގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ސްޓެލްކޯ ފެލިދޫ އިންޖީނުގޭގެ މުވައްޒަފުން ކުރި މި މަސައްކަތުގެ އިތުރުން އެ ކުންފުނިން ހިދުމަތް ދެމުން ގެންދާ ބައެއް ރަށްރަށުގެ އިންޖީނުގެތަކުގެ މުވައްޒަފުން ދަނީ އެ ރަށްރަށުގެ މުއްސަސާތަކުން އެދޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކ. ހިންމަފުށީ ސްކޫލުގެ އެދުމުގެ މަތިން، އެ ސްކޫލުގައި އޯލެވެލް އިމްތިހާނުގެ ޕޭޕަރުތައް ރައްކާކުރާ ސެކިއުރިޓީ ރޫމަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް އެ ރަށު އިންޖީނުގޭގެ މުވައްޒަފުން ވަނީ ހައްލުކޮށްދީފައެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް 75 އަހަރު ފުރުމާއި ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށްޓަކައި އދ. ދިއްދޫ ހެލްތު ސެންޓަރުގެ އެދުމުގެ މަތިން އެ ސެންޓަރު ދިއްލާލުމަށް އެ ރަށު އިންޖީނުގޭގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ރަށްރަށުގެ މުއްސަސާތަކުން އެދޭ ކަންކަމުގެ އިތުރުން އެ ރަށްރަށުގައި ކުރިއަށް ގެންދާ އިޖުތިމާއީ އެކި މަސައްކަތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ބައެއް ރަށްރަށުގައި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކުގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އއ. ހިމަންދޫގައި މަސައްކަތް ކުރަމުންދާ އެ ކުންފުނީގެ މުވައްޒަފުން ވަނީ އެ ރަށު މިސްކިތުގެ ހަރިންމަ ތެރޭގައި އަތުރާފައިވާ ގާތަށް ދޮވެ ސާފުކޮށްދީފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އދ. ކުނބުރުދޫ މިސްކިތުގެ ވަށާފާރު ދޮވެ ސާފުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި އެ ކުންފުނީގެ ފަރާތުން ރަށުގެ ކައުންސިލަށް ހަދިޔާ ކޮށްފައިވާ އޭސީ ހަރުކޮށްދީފައިވާ ކަމަށާއި މިސްކިތުގައި މައްސަލަ ޖެހިފައިވާ ލައިޓްތައް ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކޮށްދީފައިވާ ކަމުގައެވެ. އެ މަސައްކަތްތަކުގެ އިތުރުން ކުނބުރުދޫ އިންޖީނުގޭގެ މުވައްޒަފުންގެ ހެޔޮ އެދުންތަކާ އެކު، އެ ރަށު މިސްކިތަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ ރައްޔިތުންގެ ލާބައަށް ކުރެވޭ މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުންޏަށް އަބަދުވެސް ލިބޭ އުފަލެއް ކަމަށެވެ.