ads
ރާއްޖޭގެ ރިސޯޓެއް: މި އަހަރުގެ ތެރޭގައި އިތުރު ހަ ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައި - ފޮޓޯ:އެމްއެމްޕީއާރުސީ
މި އަހަރުގެ ތެރޭގައި އިތުރު ހަ ރިސޯޓެއް ހުޅުވަނީ
މި އަހަރުގެ ތެރޭގައި އިތުރު ހަ ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
Advertisement
  • މި އަހަރުގެ މިހާތަނަށް މުޅިން އަލަށް ހުޅުވާފައިވަނީ ދެ ރިސޯޓެކެވެ. އެއީ ވ. އަތޮޅުގައި ހުޅުވި ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓާއި ބ. އަތޮޅުގައި ހުޅުވި އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓެވެ. ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓް ހުޅުވީ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ. އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓް ހުޅުވާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. މި ދެ ރިސޯޓަކީވެސް 100 އެނދުގެ ދެ ރިސޯޓެވެ.

މި ދެ ރިސޯޓުގެ އިތުރުން މި އަހަރުގެ ތެރޭގައި އިތުރު ހަ ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. 

މި އަހަރުގެ ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓުތައް:

  • ރ. ކުޑަކުރަތުގައި ތަރައްގީ ކުރަމުން އަންނަ 400 އެނދުގެ ރިސޯޓު
  • ބ. ބޮޑުފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ 200 އެނދުގެ ރިސޯޓު
  • ޅ. މާބިންހުރާގައި ތަރައްގީ ކުރަމުން އަންނަ 408 އެނދުގެ ރިސޯޓު
  • ޅ. ދެރުފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ 172 އެނދުގެ ރިސޯޓު
  • މާލެއަތޮޅު ފަޅެއް ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ 260 އެނދުގެ ރިސޯޓު
  • އދ. ބޮޑުފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ 200 އެނދުގެ ރިސޯޓު 

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 666،830 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 19.6 އިންސައްތައިގެ ކުރިއެރުމެކެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މި ވަގުތު 170 ރިސޯޓެއް ދަނީ ހިންގަމުންނެވެ. އެ ރިސޯޓުތަކުން ޖުމްލަ 41،241 އެނދު އޮޕަރޭޓްކުރެއެވެ.

ފަތުރުވެރިކަން ރަނގަޅުވެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން އިންވެސްޓް ކުރާ ފަރާތްތަކުގެ ޝައުގުވެރިކަން ރާއްޖެއަށް ބޮޑުވެފައިވާ ކަމަށް ކޯލްޑްވެލް ބޭންކާ ރިޗާޑް އެލީސް (ސީބީއާރްއީ) އިން ވަނީ މި ފަހުން ބުނެފައެވެ. ސީބީއާރްއީ އަކީ ރިއަލްއެސްޓޭޓް ވިޔަފާރީގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

ސީބީއާރްއީއިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް އޮންނަ ޑިމާންޑު ބޮޑުވެފައިވަނީ 2020 ވަނަ އަހަރު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އިސްލާހުކުރުމާ ގުޅިގެން ކަމުގައެވެ. ރާއްޖެއަކީ ހައި އެންޑް ޓޫރިޒަމްގެ މަންޒިލަކަށްވާއިރު، އެ ކަމުން ހޮޓެލް ވިޔަފާރިތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް މާލީ ބޮޑު ފައިދާއެއް ހޯދޭނެ ކަމަށް ސީބީއާރްއިން ބުނެއެެވެ.

ކޮވިޑަށްފަހު އޭޝިއާ ސަރަހައްދުން އެންމެ އަވަހަށް ފަތުރުވެރިކަމުގެ ދާއިރާ ރިކަވާވި ގައުމަކަށް ރާއްޖެ ވީ ކަމީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓް ކުރާ ފަރާތްތަކުގެ އިތުބާރު ބޮޑުވެގެން ދިޔަ ކަމެކެވެ. ސީބީއާރްއީއިން ބުނީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިސްކަން ދިނުމަކީ އިންވެސްޓްމަންޓަރުންގެ ސަމާލުކަން ރާއްޖެއަށް ލިބުނު ސަބަބެއް ކަމަށެވެ.

ސަރަހައްދުގެ އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ އިންޑޮނޭޝިއާގެ ބާލީއަށް ވުރެ ބޮޑަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރަން ބޭރުގެ އިންވެސްޓަރުން ޝައުގުވެެރިވާކަމަށް ސީބީއާރްއީއިން ބުނެފައިވެއެވެ. ސީބީއާރްއީއިން ފާހަގަކޮށްފައިވާ ގޮތުގައި ފަތުރުވެރިންނަށް ކުރެވޭ ތަޖުރިބާތަކުގެ ސަބަބުން ރާއްޖެ ވެފައިވަނީ އެއްފަހަރަށް ވުރެ ގިނައިން ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި ކަމުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް