ފޮނަދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު މަމްދޫހް "ސީއެންއެމް" އަށް ވިދާޅުވީ އުއްޗުގެ ފަރާތުން އެ ރަށުގެ ރައްޔިތުންނަށް ހިއްސާ އޮންނަ ގޮތަށް ލަގްޒަރީ ގެސްޓް ހައުސްއެއް އެޅުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ހުށަހެޅުން ލިބިލައްވާފައިވަނީ އިއްޔެ ކަމަށާއި އެ ހުށަހެޅުމާ މެދު އަދި ކައުންސިލުގައި މަޝްވަރާ ނުކުރައްވާ ކަމަށް މަމްދޫހް ވިދާޅުވިއެވެ. މަމްދޫހް ވިދާޅުވީ އެ ހުށަހެޅުމާ ގުޅޭގޮތުން މި ފެށޭ ހަފުތާގައި ކައުންސިލުގައި މަޝްވަރާކޮށް ގޮތެއް ނިންމަވާނެ ކަމަށެވެ.
ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ "ސީއެންއެމް" އަށް ވިދާޅުވީ ހޮޓަލެއް އެޅުއްވުމަށް ފަރާތަކާ އެކު ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި އެ މައުލޫމާތު ހާމަކުރެވޭ ހިސާބަށް ދާނެ ކަމަށް ލަފާކުރައްވަނީ ފެށޭ މަހުގެ ތެރޭގައި ކަމަށެެވެ.
ޗަމްޕާ މުހައްމަދު މޫސާގެ ފަރާތުން ގަމާއި ފޮނަދޫ ކައުންސިލަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންނަށް ހިއްސާދީގެން އެ ދެ ރަށުގައި ލަގްޒަރީ ގެސްޓްހައުސް އެޅުމަށް އެމަނިކުފާނު ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށާއި އެ ގޮތަށް ލަގްޒަރީ ގެސްޓްހައުސް ހިންގުމަށް ފުރުސަތު އޮތް ނަމަ ރަށު ކައުންސިލުތަކުން ލިޔުމަކުން މުހައްމަދު މޫސާގެ އިދާރީ އޮފީހަށް އެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގަމާއި ފޮނަދޫގެ ކައުންސިލުގެ ޖަވާބާ އެކު މަޝްވަރާތައް ފަށައި ވީހާ އަވަހަކަށް މަސައްކަތް އަމަލީ ގޮތުން ފެށުމަށް ވަނީ ނިންމާފައެވެ.
އުއްޗު ގެންދަވަނީ އިޖުތިމާއި ޒިންމާގެ ދަށުން ބައެއް ހަރަކާތްތަކާއި މަޝްރޫއުތައް ހިންގަވަމުންނެވެ.
އުއްޗު އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލަގްޒަރީ ރިސޯޓް ވިޔަފާރި ކުރައްވާ ޗަމްޕާ ބްރަދާސްގެ ޗެއާމަންގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނެވެ. ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓު ހުންނަނީ ޗަމްޕާގެ ހުރަވަޅި އައިލެންޑް ރިސޯޓުގައެވެ. ހުރަވަޅި ރިސޯޓުގެ އިތުރުން ޗަމްޕާ ބްރަދާސްއިން ހިންގަމުންދާ ރިސޯޓުތަކުގެ ތެރޭގައި ކޮމަންޑޫ އައިލެންޑް ރިސޯޓާއި ކުރެއްދޫ އައިލެންޑް ރިސޯޓާއި މީރު އައިލެންޑާއި ވެލިގަނޑު އަދި ވިލަމެންދޫ ހިމެނެއެވެ.