ads
ތިލަފުށި ފަޅު: ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ 80 އުޅަނދެއް ނެގުމަށް އެޗްޑީސީން ވަނީ އަންގާފައި - ފޮޓޯ:އެޗްޑީސީ
ތިލަފުށި-ގުޅިފަޅުތެރެއަށް ދޫކޮށްފައިވާ 80 އުޅަނދެއްގެ ވެރިން ހޯދަނީ
ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ 80 އުޅަނދެއް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ 'ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލު' ގެ ދަށުން އެ ސަރަހައްދުގައި ހުރި އުޅަނދުތަކުގެ ތެރެއިން އެ ސަރަހައްދަށް ދޫކޮށްލާފައިވާ އަދި އެ ސަރަހައްދަށް އަޑިއަށް ގޮސްފައިވާ އުޅަނދުތަކެއް އެ ސަރަހައްދުން ނެގުމުގެ މަސައްކަތް ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން އެ ކޯޕަރޭޝަނުން މިހާރު ފަށާފައިވާ ކަމަށެވެ.

އެޗްޑީސީން ކުރި އިއުލާނާ އެކު ވަނީ ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި އެ ސަރަހައްދަށް އަޑިއަށް ގޮސްފައިވާ އުޅަނދުތައް ހިމެނޭހެން 80 އުޅަނދެއްގެ މައުލޫމާތު އާންމުކޮށްފައެވެ. އެގޮތުން އުޅަނދުގެ ނަމާއި ރެޖިސްޓްރީ ނަންބަރާއި އުޅަނދު އޮތް ސަރަހައްދުގެ އިތުރުން އުޅަނދުގެ ފޮޓޯވެސް ގެޒެޓުގައި ކުރި އިއުލާނާއެކު ވަނީ ހިމަނާފައެވެ.

އެޗްޑީސީން ބުނި ގޮތުގައި އިއުލާނާ އެކު ލިސްޓް ކުރެވިފައިވާ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއްގެ ވެރިފަރާތެއްވާނަމަ އެ ކޯޕަރޭޝަނުގެ ކޯލް ސެންޓަރުގެ ހޮޓްލައިން 1516 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށް އެދޭ ކަމުގައެވެ. އަދި އިއުލާނުގައިވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނެގުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.

އެ ކޯޕަރޭޝަނުން ބުނެފައިވަނީ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނަގާފައި ނުވާނަމަ 'ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލު' ގެ ދަށުން އެ އުޅަނދުތަކާ މެދު އަމަލުކުރެވޭނެ ކަމަށެވެ.

your imageތިލަފުށި ފަޅު: ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ 80 އުޅަނދެއް ނެގުމަށް އެޗްޑީސީން ވަނީ އަންގާފައި - ފޮޓޯ:އެޗްޑީސީ

ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލެއް އެޗްޑީސީގެ ފަރާތުން އެކުލަވާލާ އާންމުކޮށްފައިވަނީ ނިމިދިޔަ މަހުގެ ތެރޭގައެވެ.

އެޗްޑީސީން ބުނީ އާންމުކޮށްފައިވާ އުސޫލުގައި އެ ސަރަހައްދުގައިވާ އުޅަނދަކީ ދޫކޮށްލާފައިވާ އުޅަނދެއްތޯ ކަނޑައެޅުމަށް ބަލާނެ ކަންތައްތަކެއް ބަޔާންކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި އެ އެއްޗެއް އޮތް ތަނާއި އޭގެ ސަބަބުން އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށްވާ އުނދަގުލުގެ އިތުރުން ތިމާވެއްޓަށް ލިބޭ ގެއްލުމަށް ބަލާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން ބުނީ އެނޫނަސް އެއީ ދޫކޮށްލާފައިވާ އެއްޗެއްތޯ ބަލާ ޔަގީން ކުރާނެ ގޮތްތައް އާންމުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނެފައިވަނީ ދޫކޮށްލާފައިވާ އުޅަނދުތަކުގެ ތެރެއިން، އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ނުވަތަ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ކުރާ އެއްޗެއް ނަމަ، އެ އުޅަނދެއް ވަގުތުން ނަގައި އެހެން ސަރަހައްދަކަށް ގެންދާނެ ކަަމަށެެވެ.

އެ ސަރަހައްދުގައި އޮތް އުޅަނދަކީ ދޫކޮށްލާފައިވާ އެއްޗަކަށް ވީ ނަމަވެސް އެ އުޅަނދު އެތަނުގައި ބާއްވަން ވަކި މުއްދަތެއް އެ ކޯޕަރޭޝަނުން ދޭނެ ކަަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނި ގޮތުގައި އޭގެ ވެރިފަރާތް ޔަގީންވާ ނަމަ އެ އެއްޗެއްގެ ހާލަތުގެ ގޮތުން ހަތް ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތެއް ދިނުމަށް އުސޫލުގައި ބަޔާންކޮށްފައިވާނެ ކަމުގައެވެ. އެކަމަކު އެ އުޅަނދަކީ އޭގެ ވެރިފަރާތް ނޭނގޭ އެއްޗެއް ނަމަ ހޯދަން މަސައްކަތް ކުރުމާއި ވެރިޔަކު ނެތް ތަކެއްޗާ މެދު އަމަލުކުރުމަށް އެ ކޯޕަރޭޝަނަށް ބާރު ލިބިފައިވާ ގޮތް އުސޫލުގައި ތަފްސީލުކޮށްދީފައިވާނެ ކަަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ސަބަބުން މިހާރު ވެސް ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރަމުން އަންނައިރު، އުޅަނދުތައް ހުރި ގޮތުގެ ސަބަބުން އެ ތަކެއްޗަށްވެސް އެކިވަރުގެ ގެއްލުންވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެފަދަ ގެއްލުންތަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް