
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކުރުމާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 ޕަސަންޓު އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވި ގޮތުގައި މި 38 މެގަވޮޓް އަވާގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުން މި ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށް މަގުފަހިކޮށްދިނުމާއި އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މަގޭ ސޯލާ ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގޭގައާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ޕީވީ ހަރުކުރުމަށް ވެސް މަގުފަހިވެގެން ދާނެއެވެ.
މި ޕްރޮޖެކްޓަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މީގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި ސިސްޓަމްތައް ގާއިމުކުރެވޭ ރަށްތަކުގެ ތެރޭގައި ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ހޮޅުދޫ، ނ. މަނަދޫ، ނ. ވެލިދޫ، ރ. އަލިފުށި، ރ. ހުޅުދުއްފާރު، ބ. ދަރަވަންދޫ، ބ. ތުޅާދޫ، މ. މުލައް، މ. މުލި، މ. ވޭވައް، މ. ރަތްމަންދޫ، ތ. ގުރައިދޫ، ތ. ތިމަރަފުށި، ގއ. މާމެންދޫ، ގދ. ފަރެސްމާތޮޑާ އަދި ގދ. ގައްދޫ ހިމެނެއެވެ.