ads
މިރޭ ބޭއްވި ނޫސްކޮންފަރެންސްގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
އެހެން ތަނެއްގައި މަސައްކަތް ނުކުރާ ޑޮކްޓަރުންނަށް އިތުރު އެލަވަންސެއް ދެނީ
ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަން ފިޔަވައި އެހެން ތަނެއްގައި މަސައްކަތް ނުކުރަން އެއްބަސްވާ ޑޮކްޓަރުންނަށް "އެކްސްކްލޫސިވް ސާވިސް ބެނިފިޓް"ގެ ނަމުގައި އިތުރު އެލަވަންސެއް ދިނުމަށް ނިންމާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

މާދަމާއިން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުވާއިރު އެކަމުގެ ތަފްސީލްތައް ހާމަކުރުމަށް މިރޭ ރައީސް އޮފީހުގައި ހެންތު މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީ އަދި ޕޭ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ޑރ މުހައްމަދު ފައިޒަލް ވިދާޅުވީ އިތުރު ތަނެއްގައި މަސައްކަތް ނުކުރާ ޑޮކްޓަރުންނަށް ދެވޭ އެލަވަންސް ދިނުމަށް ނިންމާފައިވަނީ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ރޭންކް 10އިން ފެށިގެން މަތީގެ މަގާމުތަކަށާއި ސަބް-ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ މަގާމުތަކުގައި ތިބި ޑޮކްޓަރުންނަށް ކަމަށެވެ. އަދި ޑެންޓިސްޓުން ވެސް "އެކްސްކްލޫސިވް ސާވިސް ބެނިފިޓް" ލިބޭ މުވައްޒަފުންގެ ތެރޭގައި ހިމެނޭކަމަށް ފައިޒަލް ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައިޒަލްގެ އިތުރު ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވި އެވެ.

"އެކްސްކްލޫސިވް ސާވިސް ބެނިފިޓް" ދިނުމަށް ނިންމިއިރު، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ބައެއް ޑޮކްޓަރުން ޕްރައިވެޓް އެހެން ހޮސްޕިޓަލުތަކާއި ކްލިނިލް ތަކުގައި މަސައްކަތް ކުރުމުގެ ސަބަބުން، އައިޖީއެމްއެޗުން އެންމެ އެކަށޭނަ ހިދުމަތް ނުދެވި ސްޕެޝަލިސްޓުންނަށް ދައްކަން ބޭނުންވާ ބަލިމީހުންގެ ކިއު އެތައް ސަތޭކައަކަށް ދިގުވެގެން ދާކަމުގެ ޝަކުވާ އަބަދުވެސް ލިބެއެވެ.

ޑރ ފައިޒަލް ވިދާޅުވީ "އެކްސްކްލޫސިވް ސާވިސް ބެނިފިޓް" ދެވޭނީ އެކަމަށް އެއްބަސްވާ ޑޮކްޓަރުންނާއި ވަކިން އެގްރިމެންޓް ކުރެވި، އެ އެގްރިމެންޓްގެ ދަށުންކަމަށެވެ.

ސީނިއާ ކޮންސަލްޓެންޓް ސްޕެޝަލިސްޓެއްގެ މުސާރަ އިތުރު ގަޑިއާއި ނުލައި 66,702 ރުފިޔާއަށް މިހާރު ވަނީ ބޮޑުކޮށްފައެވެ. ކުރިން ލިބެނީ 55،675 ރުފިޔާ އެވެ.

ސަބް ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ އަސާސީ މުސާރަ ވަނީ 18 ޕަސެންޓު އިތުރުކޮށް، 68,574 ރުފިޔާއަށް ބޮޑުކޮށް ކެޓަގަރީގެ އެންމެ މަތީ ރޭންކުގެ ޑޮކްޓަރުންގެ މުސާރަ 98,137 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

ސްޕެޝަލިސްޓް ޑެންޓިސްޓުންގެ 10 ވަނަ ރޭންކުގައި ހިމެނޭ ސީނިއާ ކޮންސަލްޓެންޓް ސްޕެޝަލިސްޓުންގެ މުސާރައަށް 16 ޕަސެންޓު ބޮޑުކޮށް އިތުރު ގަޑީގެ އެލަވަންސާ ނުލައި 66,702 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރީ ހަމައެކަނި ދިވެހި މުވައްޒަފުންނަށް ކަމަށާއި އެގޮތުން 3710 މުވައްޒަފެއްގެ މުސާރަ ބޮޑުވާނެ ކަމަށް ޑރ ފައިޒަލް ވިދާޅުވިއެވެ. 

ސިއްހީ ދާއިރާގެ މުސާރަ ބޮޑު ކުރެވިގެން ދާއިރު،  ކުރިން އިތުރުގަޑިއާ އެކު 20،459 ރުފިޔާގެ މުސާރަ ލިބޭ، ސީނިއަ ރެޖިސްޓާޑް ނަރުހަކަށް މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ ކަމަށެވެ.

އަދި ސްޕެޝަލިސްޓް ނަރުހަކަށް، 41،976 ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސީނިއާ މެޑިކަލް އޮފިސަރުންނަށް އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ ލިބޭނެއެވެ.

ސިއްހީ ދާއިރާގައި އެންމެ ބޮޑު މުސާރައެއް ކަނޑައެޅިގެންދާ ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާގެ މުސާރައެއް މާދަމާއިން ފެށިގެން ލިބޭނެ އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސާވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް