ads
ދަރުމަވަންތަ ހޮސްޕިޓަލް--- ފޮޓޯ:ސީއެންއެމް
ޑޮކްޓަރުން ހަތަރު ހޮސްޕިޓަލުން މުސާރަ ނެގުން ނިމުނީތަ؟
"އެކްސްކްލޫސިވް ސާވިސް ބެނިފިޓް"ގެ ވާހަކަ އެވެ. މިއީ ސަރުކާރު ހޮސްޕިޓަލްތަކުގެ، ހާއްސަކޮށް އައިޖީއެމްއެޖްގެ ޑޮކްޓަރުންނަށް އަމާޒުކުރި އެލަވަންސެއް ކަމަށް ވުން ގާތެވެ. ސަބަބަކީ އެ ހޮސްޕިޓަލުގެ ހިދުމަތް ދޯދިޔާ ވުމެވެ. ހާއްސަކޮށް ޑޮކްޓަރަށް ދެއްކުމުގެ ކަންކަމެވެ.
Advertisement

ރާއްޖޭގެ މެޑިކަލް މާފިޔާގެ ވާހަކައަކީ ޒަމާނުއްސުރެ ދައްކާ އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ. އެކަމުގައި އިސްކޮށް ތިއްބެވީވެސް ނަންހިނގާ މަޝްހޫރު ބޭފުޅުންކަމަށް ބުނެވެއެވެ. ނަމަވެސް އެއްވެސް ސަރުކާރަކަށް އެމީހުންނާ ކުޅޭކަށް ނުކެރެއެވެ.

ސިއްހީ ދާއިރާގެ މުސާރަތައް މިއަދު ބޮޑުވެގެން ދިޔައިރު، އައިޖީއެމްއެޗްގެ ޑޮކްޓަރުން އެހެން ހޮސްޕިޓަލުތަކަށް ނުދިއުމަށް ބާރު އެޅުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތެއް ސަރުކާރުން މިއޮތީ ކޮށްފައެވެ. ބޮޑުކުރި އެތައްހާސް އިތުރު މުސާރައާއިއެކު ސަރުކާރުން އެ ޑޮކްޓަރުންނަށް ދިނީ އިހްތިޔާރެކެވެ. އެއީ "އެކްސްކްލޫސިވް ސާވިސް ބެނިފިޓް" އެވެ.

ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ މުހައްމަދު ފައިޒަލް ރޭ ވިދާޅުވީ އިތުރު ތަނެއްގައި މަސައްކަތް ނުކުރާ ޑޮކްޓަރުންނަށް ދެވޭ އެލަވަންސް ދިނުމަށް ނިންމާފައިވަނީ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ރޭންކް 10 އިން ފެށިގެން މަތީގެ މަގާމުތަކަށާއި ސަބް-ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ މަގާމުތަކުގައި ތިބި ޑޮކްޓަރުންނަށް ކަމަށެވެ. އަދި ޑެންޓިސްޓުން ވެސް "އެކްސްކްލޫސިވް ސާވިސް ބެނިފިޓް" ލިބޭ މުވައްޒަފުންގެ ތެރޭގައި ހިމެނޭކަމަށް ފައިޒަލް ވިދާޅުވިއެވެ.

ޑރ ފައިޒަލް ވިދާޅުވީ "އެކްސްކްލޫސިވް ސާވިސް ބެނިފިޓް" ދެވޭނީ އެކަމަށް އެއްބަސްވާ ޑޮކްޓަރުންނާއި ވަކިން އެގްރިމެންޓް ކުރެވި، އެ އެގްރިމެންޓްގެ ދަށުންކަމަށެވެ. ސުވާލަކީ އެކަމަށް އެ ޑޮކްޓަރުން އެއްބަސް ވާނެތޯއެވެ.؟ ބޮޑު މުސާރައެއް ކަނޑައަޅާ ބޮޑު އެލަވަންސާއެކު، އެހެން ހޮސްޕިޓަލެއްގައި މަސައްކަތް ކުރުން މަނާ ކުރަން މުތުލަގަށް މި ސަރުކާރަށްވެސް ނުކެރުނީ ކީއްވެ ހެއްޔެވެ؟

ބައެއް ޑޮކްޓަރުންނަށް ދައްކަން އައިޖީއެމްއެޗްގައި ބޮޑު ކިއުއެއް ދަމާލާފައި އޮންނަ އެއް ސަބަބަކީވެސް އެ ޑޮކްޓަރުން އިތުރު ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރެއްވުމެވެ. ކްލިނިކް ތަކުގައި މަސައްކަތް ކުރެއްވުމެވެ. ހަފްތާއަކު ދެ ދުވަހު އައިޖީއެމްއެޗްގައި ޖުމްލަ 30 ބަލިމީހުން ބައްލަވާ ޑޮކްޓަރުން ކްލިނިކެއްގައި ނުވަތަ އެހެން ހޮސްޕިޓަލެއްގައި އެންމެ ދުވަހަކުން 50 ބަލިމީހުން ބައްލަވާކަން އެއީ އެންމެ ދަންނަ ކަމެކެވެ. 

އެކަން އެނގެނީ އައިޖީއެމްއެޗުން އެޕޮއިންޓްމަންޓް ދެ މަސް ކުރިއަށް ނުލިބޭ ޑޮކްޓަރު އިންނަވާ އަނެއް ހޮސްޕިޓަލަށް ނުތަވަ ކްލިނިކަށް ދިއުމުން ހަމަ ވަގުތުން އެޕޮއިންޓްމަންޓް ލިބެއެވެ. ނަމްބަރު ލިބެއެވެ. ޕްރިންޓްކޮށްފައި ދޭ މެމޯކޮޅުގައި އިންނަނީ "55" ވަނަ ނަމްބަރެވެ. މާނައަކީ އެ ބަލިމީހާއަކީ އެ ކްލިނިކުން ނުނަތަ އެ ހޮސްޕިޓަލުން މިއަދު އެޑޮކްޓަރަށް ދައްކާ "55" ވަނަ މީހާއެވެ.

މައްސަލައަކީ ހަމައެކަނި އެޑޮކްޓަރުންނެއް ނޫނެވެ. އެއީ ސިޔާސަތު ކަނޑައަޅަން ތިއްބެވި ބޭފުޅުންގެ މައްސަލައެވެ. ހާއްސަކޮށް ޒަމާނުއްސުރެ އައިޖީއެމްއެޗްގެ ފެއިލިއާއެކެވެ. 

ސަރުކާރުގެ އިސްމަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވީ އައިޖީއެމްއެޗްގެ ހިދުމަތް ރަނގަޅުކުރަން ފުރަތަމަ ކުރަން ޖެހޭކަމަކީ އެތަނުގެ ޑޮކްޓަރުން ކްލިނިކް ތަކާއި އެހެން ހޮސްޕިޓަލުތަކުގައި މަސައްކަތްކުރުން މަނާކުރުމެވެ. އެކަމަކު އެކަން ކުރާނީ ކިހިނެއް ހެއްޔެވެ. އެކަން ކުރަން ތިއްވަބާ ބޭފުޅުން އަމިއްލަ ކުލިނިކް އެބަ ހިންގަވައެވެ.

"ޑޮކްޓަރަށް ދައްކަން ދާ ބަލިމީހާ ގާތު ޑޮކްޓަރު އެބަ ވިދާޅުވޭ އައިޖީއެމްއެޗުން ނަމްބަރު އަވަހަށް ނުލިބިދާނޭ، މިވެނި އެވެނި ކްލިނިކެއްގައި އިންނާނަމޭ އެތަނަށް އަންނާށޭ، މި ވަރުގެ ބޮޑުކޮރަޕްޝަނެއް ބަޔަކު ހިންގާނެތަ، ބައެއް ޑޮކްޓަރުން އެބަ މަސައްކަތް ކުރޭ ހަތަރު ތަނުގަ. އަމިއްޔަ ކުލިނިކް އެބަހިންގަވާ، އެކަން ނުހުއްޓުވި އައިޖީއެމްއެޗް ރަނގަޅެއް ނުކުރެވޭނެ"

ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކުރިއިރު ޑޮކްޓަރުން އެހެން ތަނެއްގައި މަސައްކަތް ކުރުން މަނާކުރުމުގެ ބަދަލުގައި އިހްތިޔާރެއް ދިނުމަކީ، އަނެއްކާވެސް ފަހަތަށް އެޅި ފިޔަވަޅެކެވެ. 

ޑޮކްޓަރުންނަށް ސަރުކާރު ހޮޕިޓަލުންދޭ "އެކްސްކްލޫސިވް ސާވިސް ބެނިފިޓް"އަށް ވުރެ ބޮޑު އަދަދެއް ހަތަރު ތަނުގައި މަސައްކަތް ކޮށްގެން ލިބޭނަމަ އަދި ސަރުކާރު ހޮސްޕިޓަލުގެ ދޯދިޔާ ސިޔާސަތު އެގޮތަށް ކުރިއަށް އޮންނަ ނަމަ ޑޮކްޓަރުން ހަތަރު ތަނުން މުސާރަ ނެގުން ހުއްޓުވޭނެތޯއެވެ؟ ޑޮކްޓަރަށް ނުދެއްކި މަސްދުވަސް ވަންދެން ބަލިމީހަ ކިއުގައި ހުންނަން ޖެހޭ ޖެހުން ނިމުމަކަށް ގެނެވޭނެތޯއެވެ.؟ ރައްޔިތުންގެ ފައިސާއިން ބޮޑުކުރި މުސާރައިގެން މަންފާ ރައްޔިތަކަށް ފޯރާނެބާއެވެ.؟

88%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް