މާޒިޔާއާ އީގަލްސް ކުޅޭ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް އޮންނާނީ އަންގާރަ ދުވަހުގެ ރޭ ނުވައެއް ޖަހާއިރުއެވެ. ކުރިން އާދިއްތަ ދުވަހުގެ ރޭ ކުޅޭ ގޮތަށް އޮތް ނަމަވެސް މެޗު ފަސްކުރީ ރައީސްއަށް ބައިވެރިވެވޭ ތާރީހެއްގައި ކުޅޭށެވެ.
ފައިނަލް މެޗުގެ ޕްރީ މެޗު ޕްރެސްގައި މާޒިޔާގެ ކޯޗު އިވާން ބުނީ، މާޒިޔާގެ އުއްމީދުތައް ވަރަށް މަތިކަމަށެވެ.
މިއީ، މާޒިޔާ އިން ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. މާޒިޔާ އިން 2015 ވަނަ އަހަރު މުބާރާތުގެ ތަށި އުފުލާލި އެވެ. އީގަލްސް އިން ތިން ވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ކުޅޭއިރު، އެ ޓީމުން ވަނީ 2016 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ކުޅެން ކުރިން ކަނޑައަޅާފައި އޮތީ މިދިޔަ އާދިއްތަ ދުވަހުގެ ރޭއެވެ. އެކަމަކު އެފްއޭއެމުން ބުނީ، ރައީސް އަށް ވަޑައިގެންނެވޭ ތާރީހެއްގައި ފައިނަލް މެޗު ކުޅުމަށް އަންގާރަ ދުވަހުގެ ރެއަށް ފަސްކުރީ ކަމަށެވެ.
ފައިނަލް މެޗަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަޑައިގެންފިނަމަ އެ މެޗު ވެގެންދާނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޕްރެޒިޑެންޓްސް ކަޕުގެ ފުރަތަމަ ފައިނަލަށެވެ.
ރައީސް ސާލިހުގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރު ޕްރެޒިޑެންޓްސް ކަޕް ނުބާއްވައެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގެ ހަތަރުވަނަ އަހަރު ނުވަތަ މިދިޔަ އަހަރުގެ ފައިނަލް މެޗުގައި އެ މަނިކުފާނަށް ފހުަ ވަގުތު ބައިވެރިވެވަޑައި ނުގެންނެވުނީ ކޮވިޑަށް ޕޮޒިޓިވްވެވަޑައިގަތުމާ ގުޅިގެންނެވެ.