ads
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކުރިން ހައްޖަށް ދިޔަ ބައެއް
ހައްޖު ކޯޓާގެ ކަޅު ބާޒާރުން ބައިއެޅެނީ ކޮންބަޔަކަށް!
ދިވެހިން ހައްޖަށް ގެންދިއުމަށް ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުން ދިވެހި ސަރުކާރަށް ހައްޖު ކޯޓާއެއް ދެ އެވެ. މި ކޯޓާއިން ހައްޖު ކޯޕަރޭޝަނަށް ބައެއް ދިނުމަށް ފަހު ކޮންމެ އަހަރަކުވެސް ހައްޖަށް މީހުން ގެންދަން ބޭނުންވާ އަމިއްލަ ގްރޫޕްތަކަށްވެސް ބައެއް ދެ އެވެ. ނަމަވެސް މި ގްރޫޕްތަކުގެ އަމަލުތައް ހުންނަ ގޮތުން ދިވެހިންގެ މެދުގައި ނުތަނަވަސްކަން އުފެދޭ މިންވަރު ކުޑައެއް ނޫނެވެ.
Advertisement

އަމިއްލަ ގްރޫޕްތަކަށް ހައްޖު ކޯޓާ ދޫކުރަން އިސްލާމިކް މިނިސްޓްރީން ހުޅުވާލަނީ ބިޑް އުސޫލުންނެވެ. ގިނަ ފަހަރު މި ގްރޫޕްތަކުން ބިޑް ކުރަނީ ހައްޖު ކޯޕަރޭޝަނުން ނަގަން ނިންމާފައިވާ އަގާއި ގާތްގަނޑަކަށް އެއްހަމައެއްގަ އެވެ. ނަމަވެސް ބިޑް ކާމިޔާބުވުމުން އަގު ބަދަލުކޮށް ހައްޖަށް ދާން ބޭނުންވާ މީހުން އަތުން ބޮޑު އަގު ނަގާކަން އެއީ އޮޅުވާލެވެން ނެތް ހަގީގަތެކެވެ.

ފާއިތުވި ދިހަ ވަރަކަށް ފަނަރަވަރަކަށް އަހަރު، ހައްޖު ކޯޓާގެ ކަޅު ބާޒާރުގެ މައްސަލަ ފެންމަތިވެއެވެ. ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މައްސަލަ ބަލަވެސް މެއެވެ. ނަމަވެސް ކޮންމެ އަހަރަކުވެސް މައްސަލަ ނިމެނީ ޖަމަލު ފޮޑިއަށެވެ.

މިއަހަރުވެސް ބިޑް މަރުހަލާގައި އަމިއްލަ ގްރޫޕްތަކުން ބިޑް ކުރި އަގަކީ 70،000 ރުފިޔާއާއި ގާތް ކުރާ އަދަދެކެވެ. އެއީ ހައްޖު ކޯޕަރޭޝަނުން މީހުން ހައްޖަށް ގެންދާ އަގެވެ. ނަމަވެސް އެ އަގުގައި އެ ގްރޫޕްތަކުން މީހުން ހައްޖަށް ގެންގޮސްދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީއަށް ގަބޫލު ނުކުރެވުމުން އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރި އެވެ.

ފުރަތަމަ އިއުލާން ބާތިލް ކުރުމަށްފަހު ކުރި އިއުލާނުގައި ބްރެކެޓެއްގެ ތެރޭގައި ހައްޖަށް މީހުން ގެންގޮސް ދެވޭނެ އަގުގެ ރޭންޖެއް ޖަހާފައި އޮތެވެ. އޭގެ އެންމެ ކުޑަ އަގަކަށް އޮތީ 75،000 ރުފިޔާ އެވެ. ތިން ގްރޫޕަކުން ބިޑް ކާމިޔާބު ކުރީ މި އަގާއި ގާތް ކުރާ އަގެއް ހުށަހަޅައިގެންނެވެ. ނަމަވެސް ހައްޖަށް މީހުން ގެންދަން ފައިސާ ނަގަން ފެށިހިސާބުން ބައެއް ގްރޫޕުގެ އަގުތަކަށްވެސް މިވަނީ ބަދަލުތަކެއް އައިސްފަ އެވެ. މިހާރު ހައްޖަށް ގެންދެވޭނެ ކަމަށް އެމީހުން ބުނަނީ 150،000 ރުފިޔާ އަށެވެ. މިކަމާ ޝަކުވާ ކުރާ މީހުން މަދެއް ނޫނެވެ.

އުސޫލުގެ ތެރެއިން އެއަގު ނުނެގޭނެތީ އެކަމުން ވެސް ކޮށްލަނީ ކުޑަ ވައްކަމެކެވެ. ރެޖިސްޓްރޭޝަން ފީ އަށް 75000 ރުފިޔާ އަދި ޖާގަ ކަށަވަރު ކުރުމަށް 75000 ރުފިޔާ ނަގަނީއެވެ. ކަޅު ބާޒާރުގައި ކޯޓާ ވިއްކާ ހައްޖުގެ އަޅުކަމަށް ދާން ތައްޔާރުވާ މީހާއަށްވެސް އެ ވައްކަމުގެ ތެރެއަށް ވަންނަން މަޖުބޫރު ކުރުވާ ހައްޖު ކޯޓާ ދޮވެ ނިންމާލަނީއެވެ.

ސަރުކާރުގެ އޮފިޝަލަކު ސީއެންއެމްއަށް މައުލޫމާތު ދިން ގޮތުގައި އިސްލާމިކް މިނިސްޓްރީން އަމިއްލަ ގްރޫޕްތަކަށް ހައްޖު ކޯޓާ ދޭ އެއް ސަބަބަކީ ކިއުގައި ނުޖެހި ހައްޖަށް ދާން ބޭނުންވާ މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމެވެ. ނަމަވެސް މިއީ ގަބޫލު ކުރެވޭ ވާހަކައަކަށް ނުވެ އެވެ. ސަބަބަކީ މިދިޔަ އަހަރު ރާއްޖެއަށް ލިބުނު ހުރިހާ ހައްޖު ކޯޓާއެއްވެސް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށްކަމަށްވެފައި އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން ކިއުގައި ނުޖެހި ހައްޖަށް ދާން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން އެ ކޯޕަރޭޝަނުން 100 ޖާގަ ހުޅުވާލުމެވެ. މިކަން ކޮށްފައިވަނީ ލައިވް ޓީވީގެ ކުރިމަތީ ދެފުށް ފެންނަ ގޮތަށެވެ.

ކިއުގައި ނުޖެހި ހައްޖަށް ދާން ބޭނުންވާ މީހުންނަށް އެކަން ކުރެވޭނެ ގޮތެއް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސައިދީފައި އޮއްވާ އަނެއްކާވެސް އަމިއްލަ ގްރޫޕްތަކަށް ހައްޖު ކޯޓާ ބަހަންވީ ސަބަބެއް ނެތެވެ. އެ ގްރޫޕްތަކުން އަންނަނީ ކޮންމެ އަހަރަކުވެސް ބިޑް ކުރާ އަގަށްވުރެ ބޮޑު އަގު ހައްޖުވެރިން އަތުން ނަގަމުންނެވެ. މިއީ ސަރުކާރަށްވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. މީގެން އަމިއްލަ ރައްޔިތެއްގެ ޖީބަކަށްވެސް އަދި ސަރުކާރަކަށްވެސް ފައިދާއެއް ނުވެ އެވެ. 

މިކަމުގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިފަދަ ގްރޫޕްތަކަށް ހައްޖު ކޯޓާ ދޭން އިސްލާމިކް މިނިސްޓްރީން ނިންމަނީ އެ ގްރޫޕްތަކާއި އިސްލާމިކް މިނިސްޓްރީއާއި ހެދޭ ޑީލެއްގެ ތެރެއިންނެވެ. ދެކޮޅަށް ފައިދާވާ ގޮތަށެވެ. މިފަދަ ޑީލްތަކުގެ ސަބަބުން ރައްޔިތުންނަށް ލިބެނީ އިތުރު ގެއްލުމެކެވެ.

މިމައްސަލާގައި މީގެކުރިން ސީއެންއެމްއާ ވާހަކަ ދެއްކި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކުވެސް ވަނީ ދައުލަތުގެ މުދަލެއް ހަމަބަޔަކަށް ބޮޑު ވިޔަފާރިއެއް ކުރުމަށް އިސްލާމިކް މިނިސްޓްރީން ހިލޭ ބަހާލަނީ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިތުރު ކޯޓާ ލިބިއްޖެ ނަމަ އެވެސް ބަހާލަން މިނިސްޓަރު ތައްޔާރުވަމުން ގެންދާކަމަށް އޮފިޝަލު ވިދާޅުވިއެވެ.

"މިހާރުވެސް ތިން ކުންފުންޏަށް އެބަދޭ ކޯޓާ، ކޮންމެ ބަޔަކަށް 90 ކޯޓާ، އެއީ އެ ޖަމާއަތްތަކުން ބޮޑު އަގުގަ ނީލަމުގަ ކަހަލަ ގޮތަކަށް ވިއްކާ އެއްޗެއް، މިނިސްޓްރީން އޮވޭ އުސޫލެއް ހަދާފަ ވަކިވަރަކަށް ވުރެ އަގު ބޮޑު ނުކުރެވޭނެކަމަކަށް، ނަމަވެސް ހައްޖަށް ދާން ބޭނުމިއްޔާ އެމީހުން އަޑިން ނަގާ އަގެއްވެސް ދީގެން މިދެވެނީ، އެކަން ބޮޑުވެގެން ހައްޖު ކޯޕަރޭޝަންގެ ނަމުގަ، ސަރުކާރު ކުންފުންޏެއް އުފައްދަން ޖެހުނީވެސް" - އޮފިޝަލް

އޭނާ ތުހުމަތު ކުރާ ގޮތުގައި ސައުދީ ސަރުކާރުން އިތުރަށް ދޭނެ ކަމަށް ގާތްގަނޑަކަށް ކަށަވަރުވެފައިވާ 500 ކޯޓާއިންވެސް އަމިއްލަ ގްރޫޕްތަކަށް ބައި އެޅުމަށް އިސްލާމިކް މިނިސްޓަރު މަސައްކަތް ކުރައްވަ އެވެ.

މި ކަންބޮޑުވުންތައް ފެންމަތިވެފައި ވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. މިއީ ކޮންމެ އަހަރަކުވެސް ދައްކާ ވާހަކައެކެވެ. ނަމަވެސް މިނިސްޓްރީންވެސް އަދި ސަރުކާރަކުންވެސް މިކަމަށް ހައްލެއް ހޯދައިދެވިފައެއް ނުވެ އެވެ.

ހައްޖު ކޯޕަރޭޝަނުން ހެޔޮ އަގުގައި ރައްޔިތުން ހައްޖަށް ގެންގޮސްދޭން ތިއްބާ ބޮޑު އަގު ނަގާ ގްރޫޕްތަކަކަށް ކޯޓާ ދޭންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟ ކިއުގައި ޖެހެންބޭނުންނުވާ އަދި މެޑިކަލް މައްސަލަ ހުންނަ މީހުންނަށް ވަކިން ހުޅުވާލައިގެން ހާމަކަން ބޮޑު ގޮތަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަ ކަނޑައަޅާއިރު އަޑިއަޑިން ޖާގަ ކަށަވަރު ކުރުމަށް ރުފިޔާ ނަގާ ބަޔަކަށް ކޯޓާ ދޭންވީ ކީއްވެ ހެއްޔެވެ؟ ހައްޖުގެ އަޅުކަމުންވެސް އޮޅުވާލުމެވެ. 

މައްސަލަ ފެންމަތިވުމުން ކޮންމެ އަހަރަކުވެސް މިނިސްޓްރީން މައްސަލަ ބަލައެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ފަހު އަނެއްކާ އަނެއް އަހަރުވެސް ހަމައެމައްސަލަ އެގޮތަށް ނިކުންނަން ދޫކޮށްލައެވެ. މިހާތަނަށް މިމައްސަލަ ފެންމަތިވަމުން އަންނަގޮތުން ކޮންމެ އަހަރަކުވެސް ހައްޖު ކޯޓާގެ ކަޅު ބާޒާރެއް އުފައްދަނީ އިސްލާމިކް މިނިސްޓްރީން ގަސްތުގައެވެ. ދައުލަތުގެ މުދަލެއް ބަޔަކަށް ކަޅުބާޒާރުގައި ނީލަމުގައި މިގޮތައް ވިއްކާލަން ހިލޭދެނީ ކޮންމެވެސް ބަޔަކަށް އޭގެން ބޮޑު ފައިދާއެއް ވާތީކަމަށް ބެލެވެއެވެ. ނޭންގެނީ އެކަމުން ބައި އެޅެނީ ކޮންބަޔަކަށް ކަމެވެ!

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް