އީޓުކުރި މޯބައިލް އެޕްލިކޭޝަން އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވާފައިވަނީ އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެފައިވަނީ މުޅި ދުނިޔޭގައި ޕޯސްޓުގެ ހިދުމަތް ފުޅާވަމުން އަންނައިރު މި ދާއިރާއިން ރާއްޖޭން ކާމިޔާބީތަކެއް ހޯދަމުން އަންނަ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ދިވެހި ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި އެ ކުންފުނިން ދެމިތިބޭނެ ކަމަށެވެ.
އީޓުކުރި މޯބައިލް އެޕްލިކޭޝަން އިފްތިތާހުކުރިއިރު ފާހަގަކުރެވޭ ފީޗާއެއްގެ ގޮތުގައި އެ އެޕްލިކޭޝަނުގައި ހިމަނާފައިވަނީ ކޮމިއުނިޓީ އޮންލައިން ޝޮޕެވެ. ކޮމިއުނިޓީ އޮންލައިން ޝޮޕަކީ ކޮންމެ ރަށަކަށް ހާއްސަ އޮންލައިން ފިހާރަ ކޮންސެޕްޓެއްގައި އެ ރަށެއްގެ އުފެއްދުންތެރިންގެ އުފެއްދުންތައް ގަނެ ވިއްކުމުގެ ފުރުސަތު ލިބިގެންދާ ރަށު އޮންލައިން ފިހާރައެކެވެ.
އީޓުކުރީގެ ބޭނުމަކީ ރަށްރަށުގައި ވިޔަފާރި ކުރާ ފަރާތްތަކަށް މި އޮންލައިން ޕްލެޓްފޯމުގައި ބައިވެރިވުމަށް ބާރުއެޅުން ކަމަށް ޕޯސްޓުން ބުނެއެވެ. ޕޯސްޓުން ބުނި ގޮތުގައި އުފެއްދުންތެރިންގެ އުފެއްދުންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މާކެޓް ކުރުމާއި ވިއްކާ މުދާ ޕޯސްޓް މެދުވެރިކޮށް އެކި ހިސާބުތަކަށް ޑެލިވަ ކޮށްދިނުމަކީ އީޓުކުރީގެ ބޭނުމެއް ކަމުގައެވެ.
އީޓުކުރިން ގޭގައި ތިބެގެން ތަފާތު އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ އުފެއްދުންތަކުގެ ފޮޓޯ ނަގައިދީ ރަށު ފިހާރައިގައި އެފަދަ ތަކެތި ހިމަނައިދިނުމުގެ ހިދުމަތް ފޯރުކޮށްދޭނެއެވެ. އަދި ޕްރީ އޯޑަ ކޮށްގެން ތައްޔާރު ކުރާ ތަކެތި ވިއްކުމުގެ ފުރުސަތު އީޓުކުރި މޯބައިލް އެޕްލިކޭޝަނުން ހޯދައިދޭނެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް ޑެލިވަކުރުމުގެ ހިދުމަތް އީޓުކުރި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ. ޕޯސްޓުން ބުނެފައިވާ ގޮތުގައި އެ ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެ އާއި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މުދާ ވިއްކުމުގެ އިތުރުން ކަސްޓަމަރުންނާ ހަމައަށް މުދާ ފޯރުކޮށްދެވޭނެ ކަމުގައެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަތާ މިހާރު ވަނީ 116 އަހަރުވެފައެވެ.