ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެމްއާރުއެމްއަށް ނިސްބަތްވާ ދިހަ ވަރަކަށް ބޭފުޅުން އެޕާޓީން ވަކިވާން ނިންމާފައިވާކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. އޭގެތެރޭގައި އެޕާޓީގެ އެއް މުއައްސިސް އަދި މިސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނުގެ ފިރިކަލުން އަހުމަދު ނަދީމްވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމްއާރުއެމްގެ ބައެއް ބޭފުޅުން އެޕާޓީން ވަކިވާން ނިންމީ ޗާގޯސް މައްސަލާގައި އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރުއެމްއިން ބައިވެރިވުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ. އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރުއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެޕާޓީގެ އެއް ނައިބު އާމިނަތު ނާދިރާއެވެ.
އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެޕާޓީން ވަކިވުމަށް ނިންމާފައިވާކަން އަދި މިހާތަނަށް އަންގާފައި ނުވާކަމަށެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވާގޮތުން އެމްއާރުއެމްއަށް ނިސްބަތްވާ ބައެއް ބޭފުޅުން އެޕާޓީން ވަކިވާން ނިންމީ، ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި އުފެދުނު ހިޔާލުތަފާތުވުމަކަށް ފަހުއެވެ. ނަމަވެސް އަލީމް ވިދާޅުވީ ރޭ އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ނުވެސް ބާއްވާކަމަށެވެ.
އެމްއާރުއެމުން ވަކިވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ކުރެއްވުމަށް ނިންމެވި ބޭފުޅުންކަމަށް ބުނާ ބޭފުޅުންގެ ލިސްޓެއް ބައެއް މީޑިއާތަކުގައިވަނީ ރިޕޯޓްވެސް ކޮށްފައެވެ. އެގެ ތެރޭގައި މުޅިންވެސް ހިމެނެނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.