ތަރުޖަމާނު މިއުވާން މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބާ ދިމާކޮށް ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުން ގެންދާކަމަށް އަދި މުސާރަތައް ބޮޑުކުރަމުން ގެންދާކަމަށާއި، އެއީ ރިޔާސީ އިންތިހާބާ ދިމާކޮށް ކުރާކަމެއްކަމަށް ވާދަވެރިން ސިފަކުރާކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަށް ދިން ޖަވާބުގައެވެ.
މިއުވާން ވިދާޅުވީ ރިޔާސީ އިންތިހާބާ ދިމާކޮށް ކުންފުނިތަކަށް އިތުރަށް މުވައްޒަފުންނަގާ މުސާރަތައް ބޮޑުކުރަމުން ނުގެންދާނެކަމަށެވެ. ނަމަވެސް ސަރުކާރުގެ ސިވިލްސާވިސްގެ މުސާރަތަކަށް ގެންނަމުންދާ ބަދަލުތަކާއެކު ކުންފުނިތަކުންވެސް މުސާރަ ބޮޑުކުރަން ބޭނުންނަމަ އެފުރުސަތު އޮންނާނެކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ވިހެއުމުން ދޭ ޗުއްޓީ ސިވިލްސާވިސްއަށް ދޭން ފެށުމުން ދައުލަތުގެ އެހެން އިދާރާތަކާއި ކުންފުނިތަކުންވެސް އެއަށް އަމަލުކުރަމުން ގެންދާކަމަށާއި ކުންފުނިތަކުން މުވައްޒަފުންނަށް ޑޭކެއާގެ ހިދުމަތްތައްވެސް ދެމުން ގެންދާކަމަށެވެ. ނަމަވެސް އެކަންކަން އެންމެ ފުރަތަމަ ކުރަން ފެށީވެސް ކުންފުނިތަކުގައި ނޫންކަމަށް މިއުވާން ވިދާޅުވިއެވެ.
އަދި މުވައްޒަފުންނަށް ހެޔޮގޮތެއް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތެއް އެކުންޏަކުން ކުރާނެކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ސަރުކާރުގެ ޕްރޮޖެކްޓްތައް އިތުރުވާ ވަރަކަށް، އަދި ފަސް އަހަރުގެ ތެރޭގައި ކުރުމަށް ވައުދުވީ ކަންކަން ކުރުމަށް ހިންގާ ޕްރޮޖެކްޓްތައް ނިންމުމަށްވެސް ކުންފުނިތަކަށް މުވައްޒަފުން ނަގާނެކަމަށާއި ނަމަވެސް ވަކިން ރިޔާސީ އިންތިހާބާ ދިމާކޮށް މުވައްޒަފުން ނުނަގާނެކަމަށެވެ.