އާބަންކޯއިން ބުނީ ކޭޕާކް ރެސިޑެންސުން އެޕާޓްމަންޓްތަކެއް ވިއްކުމުގައި ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހަމްބޯޓެކް ކޮރެއާ ކުންފުނިން އެ މައްސަލަ އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
"[ކޭޕާކް ރެސިޑެންސުން ސައްހަ ނޫން ގޮތެއްގައި އެޕާޓްމަންޓް ވިއްކި] މައްސަލައިގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް މި ކޯޕަރޭޝަނުން މިއަދު ވަނީ މައްސަލަ ހުށަހަޅާފައި،" އާބަންކޯއިން ރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
ހަމްބޯޓެކް ކޮރެއާގެ ފަރާތުން ރާއްޖޭގައި މަޝްރޫއު ހިންގުމަށް އުފެއްދި ކުންފުނި، ހަމްބޯ މޯލްޑިވްސްގައި ހިމެނެނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ 95 އިންސައްތަ ހިއްސާ އާއި ހަސަން މަމްދޫހު (މަންޑޭ) ގެ ފަހެއް އިންސައްތަ ހިއްސާއެވެ.
ކޭޕާކް ރެސިޑެންސުން އެޕާޓްމަންޓްތަކެއް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލަ ފެންމަތިވެފައިވަނީ މި ހަފުތާގެ ތެރޭގައެވެ.
މިދިޔަ އަންގާރަ ދުވަހު ހަންބޯ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި މަންޑޭ އަމިއްލައަށް ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށެވެ.
މަންޑޭ އެޕާޓްމަންޓްތައް ވިއްކާފައިވަނީވެސް ނުއަގުގައި ކަމަށާއި އޭނާ އެކަން ކުރީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން ކަމަށްވެސް ހަންބޯ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ހަންބޯ ކުންފުނިން ނެެރުނު ބަޔާނުގައި ވަނީ ގިނަ ބައެއްގެ އަތުން ފައިސާ ދެއްކުމަށް މަންޑޭ އެދިފައި ވަނީ ނަގުދު ފައިސާއިން ކަމަށް ކަސްޓަމަރުން ބުނެފައިވާ ކަމަށާއި ފައިސާ ހޯދުމަށް ސީދާ މުއާމަލާތް ކޮށްފައި ވަނީ މަންޑޭ އާއި ޖައިޝަން ސައީދު ކަމަށެވެ.
މީގެ އިތުރުން ހަންބޯ ކުންފުނީގެ އެކައުންޓް ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާއިރު ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައި ވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ބުނީ ބީއެމްއެލްގައި އެކައުންޓް ހުޅުވާފައި ވަނީ އެމްޑީ ޗައިނާގައި ހުރިއިރު، ވަކީލަކު ލައްވާ އޭނާގެ ޕާސްޕޯޓް ކޮޕީއެއްގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިގެން ކަމަށާއި އެކަން ބީއެމްއެލްއަށް އެންގިއިރު އެކައުންޓުގައި ހުރި ފައިސާ ނަގާފައިވާ ކަމަށެވެ.
ހަންބޯ ކުންފުނިން ބުނި ގޮތުގައި މަންޑޭ ވިއްކި އެޕާޓްމަންޓްގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫން ވެސް ތަކެތި އެތައް ބައެއްގެ އަތުން ނަގާފައިވާ ކަމަށާއި އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކާފައިވާ ކަމަށެވެ.
ހަމްބޯ މޯލްޑިވްސް އާއެކު ހެދި އެއްބަސްވުން އުވާލައި މަންޑޭގެ މައްސަލަ ފުލުހަށް ހުށަހެޅި ނަމަވެސް، މި އަހަރުގެ ފަހު ކުއާާޓަރުގައި ކޭޕާކް ރެސިޑެންސްގެ މަސައްކަތް ނިންމައި އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ ކަމަށް ހަމްބޯއިން ބުނެފައިވެއެވެ.