އެއަށްފަހު ސަރުކާރުން އެދިގެން ލ ގަމުގައި ކެންސަރު ހޮސްޕިޓަލު އެޅުމަށް ނިންމިއެވެ. އަދި 2021 ވަނަ އަހަރުގެ ދައުލަތުގެ ބެޖެޓްގައި ގަމުގައި ކެންސަރު ހޮސްޕިޓަލު އެޅުމަށް، 98 މިލިއަން ރުފިޔާވެސް ހިމެނިއެވެ.
ރައީސް އޮފީހުން ކުރިން ބުނީ ގަމު ކެންސަރު ހޮސްޕިޓަލު އެޅުމަށް 50 މިލިއަން ޑޮލަރު ނުވަތަ 771 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.
2019 ވަނަ އަހަރުން ފެށިގެން ކެންސަރު ހޮސްޕިޓަލުގެ ވާހަކަ އިވުނު ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނައިސް ގިނަ ދުވަސްތަކެއް ވަމުންދާތީ 1 ސެޕްޓެމްބަރު 2021 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް އޮފީހުގެ އޭރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަށް "އަންނަ ހަފްތާގައި" އިންޑިއާގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެ ޓީމު އަންނަނީ ގަމު ކެންސަރު ހޮސްޕިޓަލް އިމާރާތްކުރުމަށްޓަކައި ޑީޓެއިލް ފްރޮޖެކްޓް ރިވިއުއެއް ހެދުމަށް ކަމަށެވެ.
އޭގެ ހަތަރު ދުވަސް ފަހުން 5 ސެޕްޓެމްބަރު 2021 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ގަމު ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަށް މުމްބާއިގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ މަންދޫބުންގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުން ގެންދާކަމަށެވެ.
ހައިކޮމިޝަނުން އެދުވަހު ބުނީ އެޓީމުން ލ ގަމަށް ޒިޔާރަތްކޮށް، ކެންސަރު ހޮސްޕިޓަލް ހެދުމުގެ ޕްރިލިމިނަރީ ސާވޭ ހަދައި، ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ވެސް ބަލައިފައިވާކަމަށާއި ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ މީހުން ތަމްރީނުކުރަން ޕްރޮގްރާމެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން 250 ދިވެހި މުވައްޒަފުންނާއި ނަރުހުންނާއި ޑޮކްޓަރުން އަދި ޓެކްނީޝަނުން ތަމްރީނުކުރާނެ ކަމަށް ހައި ކޮމިޝަނުން އެދުވަހު ބުނެފައި ވެއެވެ.
ނަމަވެސް އޭގެ ފަހުންވެސް ކެންސަރު ހޮސްޕިޓަލް އެޅުމާ ގުޅޭގޮތުން އަމަލީ މަސައްކަތެއް ފެށިފައެއް ނުވެއެވެ. އެކަމަށް ލ ގަމުން ކަނޑައެޅި 20000 އަކަފޫޓްގެ ބިން އަދިވެސް އޮތީ ހުހަށެވެ. ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ލަސްވާތީ މިދިޔަ ބުރާސްފަރު ދުވަހު އަނެއްކާ ނޫސްވެރިއަކު ވަނީ ސަރުކާރުގެ ތަރުޖަމާނާ އެސުވާލު އަމާޒުކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މި ސުވާލަށް ޖަވާބުދެއްވީ މިހާރުގެ ތަރުޖަމާނު މިއުވާން މުހައްމަދެވެ.
މިއުވާން ވިދާޅުވީ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ ހޮސްޕިޓަލުގެ މަސައްކަތް ފެށިގެންދާނެކަމަށް މިއުވާން ވިދާޅުވިއެވެ.
ނަމަވެސް މިއުވާން ދެއްވި މައުލޫމާތުން އެނގެނީ މި މަޝްރޫއު އިއުލާން ކުރިތާ ހަތަރު އަހަރު ވާން ކައިރިވެފައިވާއިރު، އަދިމެސް މި މަޝްރޫއު އޮތީ އަމަލީ މަސައްކަތް ނުފެށި އެވެ.