މިގޮތުން ޝަރަފް ތިން ވަނަ ހޯދާފައިވަނީ 35 އަހަރާ 38 އަހަރާ ދެމެދުގެ އޭޖު ކެޓަގަރީންނެވެ.
ޝަރަފް ބުނީ މި ކާމިޔާބީއާމެދު އެނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހުނު ކަމަށެވެ. ސަބަބަކީ އޭނާ އެންމެ ފަހުން މެރަތަން އެއް ދުވެފައިވަނީ 2019 ވަނަ އަހަރު ކަމަށްވާތީއެވެ.
ޝަރަފް ވަނީ 2016 ވަނަ އަހަރުން ފެށިގެން ކޮވިޑުގެ ބަލިމަޑުކަމާ ޖެހެންދެން މޮރޮކޯގައި ތަމްރީނުވެފައެވެ.
ޝަރަފް އަކީ ކާކު؟
ޕުކެޓް މެރެތަންގައި 2014 ވަނަ އަހަރު 1 ގަޑި 19:05 މިނެޓުން އަހުމަދު ރިޒާ ހަދާފައިވާ ރެކޯޑް ޝަރަފް 2016 ވަނަ އަހަރު މުގުރާލީ މޮރޮކޯގެ ނަޑޯ މެރެތަންގައި 1 ގަޑި 16:17 މިނެޓުން ރޭސް ނިންމައިގެންނެވެ. އެކާވީސް ކިލޯމީޓަރުގެ މި ރޭހުގައި ޝަރަފް މި ހޯދީ 3:33 މިނެޓުގެ ކުރިއެރުމެކެވެ. އޭގެ ފަހުން ވެސް ދެ ފަހަރަކު ޝަރަފް ވަނީ ހާފް މެރަތަން ރެކޯޑު މުގުރާލާފައެވެ.
ދެން ޝަރަފް އަމާޒު ހިފީ ރާއްޖޭގެ މެރެތަން ރެކޯޑް މުގުރާލުމަށެވެ. އެ ރެކޯޑް އޭރު އޮތީ 1989 ވަނަ އަހަރުގެ ސާފް ގޭމްސްގައި 2 ގަޑި 45:03 މިނެޓުން ރޭސް ނިންމި ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އަތުގަ އެވެ.
ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި މުގުރާނުލެވި އެންމެ ގިނަ ދުވަސްވީ އެއް ރެކޯޑް ކަމަށްވާ މެރެތަން ދުވުމުގެ ރެކޯޑް 27 އަހަރަށް ފަހު އަހުމަދު ޝަރަފް މުގުރާލީ 2017 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
ޝަރަފް މިއަދު މުގުރާލީ މޮރޮކޯގައި ބޭއްވި ރަބަތު އިންޓަނޭޝަނަލް މެރެތަންގައި 2 ގަޑި 42:28 މިނެޓުން ރޭސް ނިންމައިގެންނެވެ. ޖުމްލަ 42 ކިލޯމީޓަރު (މާލެ ވަށައި ނަމަ އަށް ބުރު) ގެ ރޭހުގައި ޝަރަފް މި ހޯދީ 2.75 މިނެޓުގެ ކުރިއެރުމެކެވެ.