
ޔޫތު މިނިސްޓްރީން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ދަށުން 3،000 ވަޒީފާގެ ފުރުސަތު ޒުވާނުންނަށް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް އެ މިނިސްޓްރީން ހިންގާ ހާއްސަ ޕްރޮގްރާމެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އެ ޕްރޮގްރާމުގެ ދަށުން އަތޮޅުތެރެ އާއި މާލެ ހިމެނޭ ގޮތަށް ޖުމްލަ 762 ޒުވާނުން ތަމްރީނު ކުރެވެމުންދާ ކަމުގައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވޭ ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް، ޓްރާންސްޕޯޓް، ކޮންސްޓްރަކްޝަން، ފިޝަރީޒް އެންޑް އެގްރިކަލްޗަ، އައިސީޓީގެ އިތުރުން ސޯޝަލް ދާއިރާ ހިމެނޭ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. ޔޫތު މިނިސްޓްރީން ބުނެފައިވަނީ މިހާތަނަށް 145 ޒުވާނުން ކާމިޔާބު ކަމާ އެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މެރިއޮޓްއިން ވަނީ 100 ޒުވާނުން ތަމްރީނު ކުރުމަށް ނިންމާފައި - ފޮޓޯ:ޔޫތު މިނިސްޓްރީ
މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސްގެ ހަތް ރިސޯޓުގައި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފުތިތާހުކުރުމަށް ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ޕްރޮގްރާމުގައި ބައިވެރިވި ހުރިހާ ޒުވާނުންނަކީ ގަދައަޅައި މަސައްކަތް ކުރާ އަދި މާދަމާ މި ރާއްޖެ ހިންގުމާ ހަވާލުވާން ތިބި މީހުން ކަމަށެވެ. އެހެންކަމުން އެކަމަށް ތައްޔާރުވެ، ގިނަ ކަންކަން ދަސްކުރުމަށް އެ ޒުވާނުންގެ ކިބައިން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދެއްކެވި ވާހަކަފުޅުގައި ވަނީ ބައިވެރިންނަށް ހިތްވަރުދެއްވައި ގަދަ އަޅާ މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ތަފާތު ދާއިރާތަކުން 100 ޒުވާނުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސްގެ ހަތް ރިސޯޓަކީ:
- ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ
- ޑަބްލިއު މޯލްޑިވްސް
- ދަވެސްޓިން މޯލްޑިވްސް
- ސްޓްރެޖިސް މޯލްޑިވްސް
- ދަ ރިޒް ކާލްޓަން
- ލެމެރިޑިއެން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
- ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސް
އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މެރިއޮޓްއިން ވަނީ 100 ޒުވާނުން ތަމްރީނު ކުރުމަށް ނިންމާފައި - ފޮޓޯ:ޔޫތު މިނިސްޓްރީ
ތަމްރީނު ހިންގޭ ދާއިރާތައް:
- ނެޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެނެންސް
- ނެޝަނަލް ސެޓްފިކެޓް 3 އިން ފްރަންޓް އޮފީސް
- ނެޝަނަލް ސެޓްފިކެޓް 3 އިން ހައުން ކީޕިންގް
- ނެޝަނަލް ސެޓްފިކެޓް 3 އިން ލޯންޑްރީ ސާވިސަސް
- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމާޝަލް ކުކަރީ
- ނެޝަނަލް ސެޓްފިކެޓް 3 އިން ޕޭސްޓްރީ އެންޑް ބޭކަރީ
- ނެޝަނަލް ސެޓްފިކެޓް 3 އިން ފުޑް އެންޑް ބެވަރޭޖް ސާވިސަސް
- ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓަ
- ނެޝަނަލް ސެޓްފިކެޓް 3 އިން ލައިފް ގާޑިންގް